އަބްދުﷲ ގާޒީ ހައްޔަރުކުރުން:
ގާނޫނާ ހިލާފަށް ހިންގާ ކަންކަމާ މެދު ފިޔަވަޅުއަޅުއްވައި ދެއްވުމަށް ފަސް ވަކީލަކު އުއްތަމަފަނޑިޔާރަށް އިލްތިމާސްކޮށްފި

ރާއްޖޭގައި މިހާރު މިހިނގާ ގާނޫނާ ހިލާފު ކަންތައްތަކާ ދެކޮޅަށް ޢަމަލީ ފިޔަވަޅު އަޅުއްވައި ދެއްވައި އެކަންތައްތައް ވަގުތުން ހުއްޓާލުމަށް އަމުރުކޮށް ދެއްވުމަށް އެދި އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒު ހުސެއިނަށް ފަސް ވަކީލަކު ސޮއި ކުރައްވައި އިލްތިމާސްކޮށްފި އެވެ.

ލޯޔަރު ހަސަން ފިޔާޒާއި ލޯޔަރު އިސްމާއިލް ވިޝާމާއި އަދި ލޯޔަރު މުހައްމަދު ފަރީދާއި، އަނަސް އަބުދުއްސައްތާރުގެ އިތުރުން އަލީ ހުސެއިން ސޮއި ކުރައްވައި އުއްތަމަ ފަނޑިޔާރަށް ރޭ ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ފަނޑިޔާރަކު ގައުމުގެ ދުސްތޫރީ ކުށެއްކޮށްފި ނަމަ ނުވަތަ މީހަކު ކުށެއް ކުރާ ކަމަށް ޝާއްކު ކުރެވިއްޖެ ނަމަ ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް ފަނޑިޔާރަކު ފަނޑިޔާރުކަން ކުރުމުގެ ހައިސިއްޔަތުންނާއި ބާރުން ކުރާ ކަމަކާ މެދު ފިޔަވަޅު އަޅަންވާނީ އެކަން ކުރަން ކަނޑައަޅާފައިވާ ގާނޫނީ އުސޫލުގެ ދަށުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި ފަނޑިޔާރުން ނިންމަވާ ނިންމެވުންތަކުގެ މައްޗަށް ސަރުކާރުގެ ނުވަތަ އެހެން ބައެއްގެ ވެސް ސީދާ ނުފޫޒު ފޯރާނެ ގޮތަކަށް ކަންކަން ވެގެން ނުވާނެ ކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

ފަސް ލޯޔަރުން ސޮއި ކުރައްވައި އުއްތަމަ ފަނޑިޔާރަށް ފޮނުއްވި ސިޓީގައި އަދި ބުނެފައި ވަނީ ފަނޑިޔާރުންނާ މެދު އަމަލުކުރާނެ ގޮތް ވަރަށް ސަރީހަކޮށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގައި އެކިއެކި ކަންކަން ކުރުން ވަކި މުއައްސަސާތަކަކާ ހަވާލުކޮށްފައި ވަނީ ދައުލަތުގެ ކަންކަން ހިންގުން ވަކި ނިޒާމަކަށް ބައްޓަން ކުރުމަށް ޓަކައި ކަމަށާއި އަދި އެ ނިޒާމުތައް މަސައްކަތް ކުރާނީ އެތަންތަން ހިންގަން ތިބި ބަޔަކު އެ ނިޒާމްތަކަށް ހުރުމަތްތެރިކޮށް ހިތިމިންވަރަކުން ކަމަށެވެ.

ރާއްޖޭގައި މިވަގުތު ހިނގާ ކަންތައްތަކުގެ ތެރެއިން އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން ފުރިހަމަ ކުރަން ޖެހޭ ވާޖިބާއި ބާރުގެ ދަށުން ގާނޫނީ ބާރު ނެތިނުދާނޭކަން އާންމު ރައްޔިތުންނަށް ކަށަވަރުކޮށްދެއްވުމަށް ފަސް ލޯޔަރުން ސޮއި ކުރައްވައި އުއްތަމަ ފަނޑިޔާރަށް ފޮނުއްވި ސިޓީގައި އިލްތިމާސް ކޮށްފައިވެ އެވެ. އަދި ގާނޫނާއި ޚިލާފަށް ފަނޑިޔާރުން ހައްޔަރު ކުރުން ފަދަ ކަންތައްތަކާ ދެކޮޅަށް ޢަމަލީ ފިޔަވަޅު އަޅުއްވައި ދެއްވައި، އެ ކަންތައްތައް ވަގުތުން ހުއްޓާލުމަށް އަންގާ އަމުރުކޮށް، އެ ކަންތައްތަކުގައި ޒިންމާވާ ފަރާތްތައް ތަހުގީގުކޮށް އެފަރާތްތަކާ ޚިލާފަށް ދައުވާ އުފުލުމަށް ޕީޖީއަށް އަމުރުކޮށްދެއްވުމަށް ވެސް ވަނީ ގޮވައިލައިފަ އެވެ.

"އާންމު ރައްޔިތުންގެ ބުރަ މަސައްކަތުން 2008 އަހަރު ގެނައި ގާނޫނީ އަސާސީން ގާއިމުކުރި ނިޒާމުތައް ބަލިކަށިވެގެންދާ ފަދަ ކަންކަން މިފަހަކަށް އައިސް އާންމުވެފައިވާ ކަމީ ވެސް މަނިކުފާނަށް އެނގިވަޑައިގަންނަވާނޭ ކަމެއް ކަމުގައި އަޅުގަނޑުމެން ޝައްކެއް ނުކުރަމެވެ. ހަމަގައިމު ވެސް ވެރިކަން ހިންގުމުގެ ނިޒާމުތަކެއް ގާއިމުކޮށްފައި ވަނީ ބާރުވެރިންގެ ބާރުން ކަންކަން ހިނގުމުގެ ބަދަލުގައި އެންމެ އަދުލުވެރި މަގު ފަހި ކުރުމަށްޓަކަ އެވެ،"
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު