"މާރަނގަޅު"ގެ ނަމުގައި، ދިރާގުން ސޯޝަލް މީޑިއާގައި ވަރަށް އަގުހުރި އިނާމުތަކެއް ލިބޭ ކެމްޕޭނެއް ފަށައިފިއެވެ.
މިއީ ދިރާގަށް ގައުމީ ހިދުމަތުގައި 32 އަހަރު ފުރުން ފާހަގަކުރުމަށް އެ ކުންފުނިން ފެށި ކެމްޕޭނެކެވެ.
ދިރާގުން ބުނީ ފޭސްބުކް، އިންސްޓަގްރާމް އަދި ޓުވިޓާ ގައި “#MaaRangalhu” ހޭޝްޓެގް ޖެހުމަށްފަހު ދިރާގާއި އެކު ހޭދަވި އެންމެ އުފާވެރި ހިނދުކޮޅުތަކުގެ ފޮޓޯ ނުވަތަ ވީޑިއޯ ޝެއާ ކޮށްލުމުން "މާރަނގަޅު" ކެމްޕޭނުގައި ބައިވެރިވެވޭނެ ކަމަށެވެ.
އެ ކެމްޕޭނުގެ ތިން ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައި ވާއިރު، ފުރަތަމަ ގުރުއަތުން ހޮވޭ ފަރާތަކަށް ސެމްސަންގް ގެލެކްސީ ނޯޓް 20 5ޖީ ފޯނަކާއި، ސެމްސަންގް 64ޖީބީ ސެޑީ ކާޓަކާއި، ސެމްސަންގް ވަޔާލެސް ޗާޖަރަކާއި ސެމްސަންގް ގެލެކްސީ ބަޑްސް+ ލިބޭނެއެވެ.
ދެވަނަ އަށް ހޮވޭ ފަރާތަކަށް އެޕަލް އެއާޕޮޑްސް ޕްރޯ އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް އެމޭޒަން އެކޯ ޑޮޓް (3 ގެން) ދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ.
"މާރަނގަޅު" ކެމްޕޭން ކުރިއަށް ދާނީ 14 އޮކްޓޯބަރު ގެ 23:59 އާ ހަމައަށެވެ.
ދިރާގުން ރާއްޖޭގައި މި ދާއިރާއަށް ހިދުމަތް ފޯރުކޮށްދޭތާ މިވީ 32 އަހަރުގެ ތެރޭގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް އިތުރު ހަލުވިކަމެއް ވަނީ ގެނެސްދީފައިއެވެ.
އަމިއްލަ ފަރުދުންގެ މުއާސަލާތީ ބޭނުންތައް ފުއްދުމަށާއި ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ އިތުރުން، ރާއްޖެ ދުނިޔޭގެ ޗާޓުގައި ފެވިގެން ދިއުމަށް ވަރަށް ބޮޑު ބާރަކަށް ދިރާގުން ފޯރުކޮށްދޭ މުއާސަލާތީ ހިދުމަތްތައް ވެގެންދިޔައެވެ.
ދިރާގުން ބުނީ މުއާސަލާތީ ހިދުމަތުގައި އެންމެ ކުރީ ސަފުގައި އެ ކުންފުނި ދެމިއޮތީ އެފަދަ އެތައް ސަބަބުތަކާ ހެދި ކަމަށެވެ.
އަދި ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ހިދުމަތްތަކަށް ބަދަލު ގެނެސް، ހިދުމަތްތައް ފަރުމާކުރަމުން އަންނަ ކަމަށާއި އެގޮތުން ދިރާގުން ދާދި ފަހުން އެކުންފުނީގެ ފައިބާ ބްރޯޑްބޭންޑް ހިދުމަތަށާއި ޕްރީޕެއިޑް ހޮދުމަތައް ބޮޑެތި ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންނަށް ކުޑަ ހަރަދަކުން ގިނަ ފައިދާ ލިބޭގޮތަށް ޕެކޭޖްތަކަށް ބަދަލުގެނެސްފައިވާކަމަށް ބުންޏެވެ.
ދިރާގުން ބުނީ "އެންރިޗިން ލައިވްސް" ނުވަތަ ދިރިއުޅުންމަށް ފާގަތިކަން ގެނެސްދިނުން އެއީ އެ ކުންފުނީގެ ތަސައްވުރަށް ވާއިރު، ފާއިތުވި 32 އަހަރުގެ ތެރޭގައި، އެކަން ދިރާގުން ސާބިތުކޮށްދެމުން އަންނަ ކަމަށެވެ.