އުމުރުން ދުވަސްވީ މީހުންނަށް ދަތި ދުވަސްވަރެއް

ބ. ތުޅާދޫ ގައި ދުވަސްވީ މީހަކު ބައިސްކަލުގައި ދާއިރު އަންހެނަކު ހޫނުން ސަލާމަތްވުމަށް ކުޑަ ހިފައިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދަކީ ބައިނަލްއަގުވާމީ ދުވަސްވީ މީހުންގެ ދުވަހެވެ. ކޮވިޑް-19ގެ ބޮޑު ޕެންޑެމިކް އާ ގުޅިގެން މުޅި ދުނިޔޭގެ އެންމެން ވަނީ ބޮޑު ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. އޭގެތެރެއިން އެހެން މީހުންގެ އެހީއަށް ބޭނުންވާ މީހުންނަކީ އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ބައެެކެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ތެރޭގައި ހިމެނޭ އެއް ބަޔަކީ ދުވަސްވީ މީހުންނެވެ. ކޮވިޑްގެ ހާލަތުގައިވެސް ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ އެމީހުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރަމުންދާ އެއް ބަޔަކީ އޭޖްޑް ކެއާ މޯލްޑިވްސް އެވެ.

ކޮވިޑްގެ ހާލަތުގައި ދުވަސްވީ މީހުންނަށް ދިމާވާ ދަތިތަކާއި އަދި އެނޫންވެސް ކަންތަކާ ގުޅޭގޮތުން އޭޖްޑް ކެއާގެ ޑިރެކްޓަރު ރަޒީނާ ތުއްތު ދީދީ ވަނީ މައުލޫމާތު ދެއްވާފަ އެވެ. ރަޒީނާއަކީ އަބަދުވެސް ވޮލެންޓްރީ މަސައްކަތްތަކަށް ލޯބިކުރާ ފަރާތެކެވެ. އެހެންކަމުން 2006 ވަނަ އަހަރުގައި ވަޒީފާއިން ރިޓަޔާ ވުމަށްފަހު އެކަމަށްޓަކަށް ރަޒީނާގެ ވަގުތު ހުސްކުރެއްވި އެވެ. އެގޮތުން 2009 ވަނަ އަހަރުން ފެށިގެން ރަޒީނާއަކީ އޭޖްޑް ކެއާގާއި މަސައްކަތް ކުރައްވަމުންދާ ފަރާތެކެވެ.

ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޖަމިއްޔާއިން ގިނަ މަސައްކަތްތައްކެއް ދަނީ އެ ކުރަމުންނެވެ. އޭގެތެރޭގައި ހޭލުންތެރިކުރުމާއި ދުވަސްވީ މީހުންނަށް ޒިޔާރާތްކޮށް ބައްދަލުކުރުންވެސް ހިމެނެ އެވެ.

"މައިގަނޑުގޮތެއްގައި އަޅުގަނޑުމެން ކުރާ މަސައްކަތަކީ އުމުރުން ދުވަސްވީ މީހުން ބަލާނެ މީހުން އަތޮޅުތެރޭގައި އަދި މާލޭގައި، ޓްރެއިން ކުރުން. އަދި ހަމަ އެއާއެކީގައި ސަރުކާރުގެ ބައެއް މުއައްސަސާތަކާ ގުޅިގެން އަޅުގަނޑުމެން ގުރައިދޫގައި ތިބޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ސްޓާފުންވެސް ޓްރެއިން ކުރުން،" އޭނާ ވިދާޅުވި އެވެ.

ރަޒީނާ އިތުރަށް ވިދާޅުވީ އެހީއަށް ބޭނުންވާ މީހުންގެ ގެއަށް ގޮސް އެމީހުންނަށް ނާސިންގެ އެހީ ފޯރުކޮށްދިނުމާއި ލުއި ކަސްރަތުކޮށްދިނުމަކީ ވެސް އެ ޖަމިއްޔާއިން ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ. އަދި ހަމައެއާއެކު ދުވަސްވީ މީހުންނަށް ހާއްސަ ޔޯގާ ކްލާސްތަކަކީ ވެސް އެ ޖަމިއްޔާއިން ހިންގާ ހަރަކާތްތައް ކަމަށާއި ކުރަމުން ގެންދާ މަސައްކަތްތަކަށް ތަރުހީބާއި ކުރިއެރުން ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޖަމިއްޔާއިން ކުރިއަށް ގެންދާ މަސައްކަތްތަކަށް ކުރިއެރުންތައް ލިބެމުންދާއިރު ބައެއް ގޮންޖެހުންތައް ދަނީ ލިބެމުންނެވެ. އެގޮތުން މިވަގުތު އެންމެ ބޮޑު ގޮންޖެހުމަކީ ވޮލެންޓިއަރުން ލިބުމުގެ ދަތިކަން ކަމަށް ރަޒީނާ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ދުވަސްވީ މީހުންގެ ދުވަހުގެ ތީމް އަކީ ޕެންޑެމިކް އާއި ދުވަސްވީ މީހުންނަށް އެއިން ކުރާ އަސަރަށެވެ.

"ކޮންމެ ކަހަލަ ބަލި ހާލެއް އައި ނަމަވެސް އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ އެހެން މީހުންގެ އެހީއަށް ބޭނުންވެފައި ތިބޭ މީހުން. މިސާލަކަށް ހާއްސަ އެހީއަށް ބޭނުންވެފައި ތިބޭ މީހުން، ކުޑަކުދިން އަދި ދުވަސްވީ މީހުން. އެމީހުންނަށް މީގެން އެންމެ ބޮޑަށް އަސަރު ކުރަނީ،" އޭނާ ވިދާޅުވި އެވެ.

ރަޒީނާ ވިދާޅުވީ ޕެންޑެމިކް ތެރޭގައި ދުވަސްވީ މީހުންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށްވެސް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ޕެންޑެމިކް ތެރޭގައި އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވެފައިވަނީ އެކަނިމައި އެކަނި އުޅޭ ދުވަސްވީ މީހުންނަށް ކަމަށާއި އެ ފަރާތްތަކަށް އަސަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ޕެންޑެމިކްގެ ތެރެއިން ރަނގަޅު ކަންތައްވެސް ފެނިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެހެން ނޫނީ އާއިލާއާއެކު ދިރިއުޅެމުންދާ ދުވަސްވީ މީހުންނަށް މާމަ އަދި ކާފަ ދަރިންނާއެކު ވަގުތު ހޭދަކޮށްލުމަށް ޕެންޑެމިކް ވެގެން ދިޔައީ ރަނގަޅު ގޮތެކެވެ. އެގޮތުން އާންމުކޮށް ވަޒީފާއަށާއި ސްކޫލަށް ދިޔުމުން އާއިލާ އެންމެނަށް އެކީގައި ވަގުތު ހޭދަކުރުމަށް އުނދަގުވާ ކަމަށާއި ޕެންޑެމިކްގެ ތެރޭގައި ހުރިހާ އެންމެނަށް އެކީގައި ވަގުތު ހޭދަކުރެވުމުން ދުވަސްވީ މީހުންނަށް ކުޑަވަރެއްގެ ނަމަވެސް ހިތްހަމަޖެހުމެއް ލިބިގެން ގޮސްފައިވާ ކަމަށް ރަޒީނާ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް