ތަޅު ނުލާ ދެވުނު ސައިކަލުގެ ފާރަވެރިޔަކަށް އިނީ ބިދޭސީއެއް

އިބްރާހިމް އާހިރު ރައްޓެހިންތަކަކާއެކު ރޭ ކޮފީއަކަށް އަރަން އަވަސް އަރުވާލާފައި ސައިކަލު ޕާކުކޮށްފައި ދިޔަ އިރު، ސައިކަލު ތަޅު ނުލެވޭކަމެއް އޭނާއަކަށް ނޭނގެ އެވެ.

ސައިކަލު ޕާކުކޮށްފައި ދެ އެކުވެރިންނާއެކު ގާތްގަނޑަކަށް 45 ވަރަކަށް މިނެޓު ކޮފީގައި ހޭދަކޮށްލާފައި ނުކުތްއިރު، ޕާކު ކުރި ސައިކަލު މަތީގައި މީހަކު އިށީނދެލައިގެން އިނެވެ. އެއްވެސް ކަމެއް ނެތި ހަމަ މަޑުމަޑުން ސައިކަލު މަތީގައި އިނީ އެވެ.

ނުދަންނަ އެ މީހާ ގާތު ސައިކަލު މަތިން ތެދުވަން ބުނަން އުޅެނިކޮށް އޭނާ އެހީ އާހިރަކީ ސައިކަލުގެ ވެރި މީހާ ހެއްޔެވެ؟ އެ ސުވާލަށް ޖަވާބު ދިނުމުން، ސައިކަލު މަތީގައި އިން މީހާ ބުނި ވާހަކައިން، އާޚިރުގެ ހިތަށް ލިބުނީ މުޅިން އެހެން ކަހަލަ އުފާވެރިކަމެކެވެ.

"މި ސައިކަލު ލޮކް ނުކުރަނީނު. އެހެންވީމަ އަހަރެން ފެނުނީމަ އިންނަނީ ބޭބެ އަންނަންދެން،" ސައިކަލު މަތީގައި އިން ބިދޭސީ މީހާ ބުނީ މިހެންނެވެ.

ސައިކަލު ތަޅު ނުލާ ދެވުނުކަން އާޚިރަށް އެނގުނީ ދެނެވެ. އަދި ނުވެސް ދަންނަ، އެ ބިދޭސީ މީހާ ސައިކަލު މަތީގައި އިށީނދެގެން އިނީ ފާރައަށް ކަން ވެސް ވިސްނުނީ ދެނެވެ.

އެ ހާދިސާ ހިއްސާކޮށް އާޚިރު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އެ ބިދޭސީ މީހާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށް، ތައުރީފުކޮށްފައިވެ އެވެ.

"އެހެން ހުރިހާ ކަމެއް ހުއްޓާފައި އޭނާ އިނީ ނުވެސް ދަންނަ މީހެއްގެ ސައިކަލުގެ ފާރަވެރިޔަކަށް. އޭނާ އަކީ ބަންގްލަދޭޝްގެ އަޚެއް،" އާޚިރު ބުނެފައިވެ އެވެ.

"އޭނާ އަކަށް އަހަންނެއް ނޭނގޭނެ. އެއީ މި ގައުމުގެ ރައްޔިތެއް ވެސް ނޫން. އޭނާގެ ހެޔޮކަމުގެ ބަދަލު އަހަރެން ދޭނެ ކަމެއް ވެސް އޭނާއަކަށް ނޭނގޭނެ. އެހެން ނަމަވެސް އަހަންނަށްޓަކައި އޭނާ އަހަރެންގެ ސައިކަލަށް ބަލަން އިނީ. މިއީ އިންސާނިއްޔަތުކަން ނޫނީ ދެން ކޯއްޗެއް؟" އާޚިރު ބުނެފައިވެ އެވެ.

އާޚިރު ބުނީ އެ ބިދޭސީ މީހާގެ އެ އަމަލުން އޭނާއަށް ވަރަށް ފުން އަސަރެއް ކުރި ކަމަށާއި، އެހެން ނަމަވެސް އަސަރު ކުރީ ފަރުވާކުޑަ ކޮށްލެވުމުގެ ސަބަބުން 60،000 ރުފިޔާގެ ގެއްލުމެއް ލިބިދާނެތީ ނޫން ކަމަށެވެ.

ނަމަވެސް، ރާއްޖޭގައި ގިނަ މީހުން ކުށްވެރި ކުރާ ބަންގްލަދޭޝްގެ ރައްޔިތަކު ކޮށްދިން ހެޔޮ ކަމުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

"މާތް ﷲ އޭނާއަށް ހެޔޮ ރަހްމަތްލައްވާތޯ ދުއާ ކުރަން. އަދި އޭނާއަށް ދިމާވެފައިވާ ނުވަތަ ދިމާވެދާނެ ހުރިހާ ދަތިކަމެއް ފަސޭހަކޮށްދެއްވާ އޭނާގެ ތަނަވަސްކަން އިތުރުކޮށްދެއްވާ ރަހްމަތްލައްވާތޯ ދުއާ ކުރަން. އަދި އޭނާގެ އާއިލާއަށް ތަނަވަސްކަން ދެއްވާތޯ ދުއާކުރަން،" އާޚިރު ބުނެފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް