އަބްދުﷲ ގާޒީ ފުލުހަށް ހާޒިރު ކުރަނީ ނުފޫޒު ފޯރުވައި ބިރުދައްކަން: އިދިކޮޅު ޕީޖީ

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ފުލުސް އޮފީހަށް ހާޒިރުކުރަން ކުރާ މަސައްކަތަކީ ޖުޑީޝަރީއަށް ބިރުދައްކައި ނުފޫޒް ފޯރުވަން ސަރުކާރުން ހިންގާ ލާއިންސާނީ އަމަލެއް ކަމަށް އިދިކޮޅު ޖޮއިންޓް ޕާލިމެންޓް ގްރޫޕު (އިދިކޮޅު ޕީޖީ) މިއަދު ބުނެފި އެވެ.

ޕީޕީއެމާއި ގައުމީ ޕާޓީއާއި ޕީއޭ އަދި މިނިވަން މެންބަރުން ހިމެނޭ ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުން މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ސަރުކާރުން ސިޔާސީ ފަރާތްތައް ހައްޔަރުކުރުމަށްކުރާ މަސައްކަތްތަކާއި އަބްދުﷲ ގާޒީ ފުލުސް އޮފީހަށް ހާޒިރުކުރުމަށް ޗިޓް ފޮނުވި މައްސަލަ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރި އެވެ.

ޕީޕީއެމްގެ ޕާލިމެންޓް ގުރޫޕްގެ މެންބަރު ހަނިމާދޫ ދާއިރާގެ މަޖިލިހުގެ މެންބަރު މުހައްމަދު މުޖުތާޒް ވިދާޅުވީ ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް ފުލުހުންނަށް ހައްޔަރު ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ނިންމެވިތާ 24 ގަޑިއިރު ނުވަނީސް މައްސަލައެއްގެ މައުލޫމާތު ސާފުކުރަން ކަމަށް ބުނެ އަބްދުﷲ ގާޒީ އަށް ފުލުހުން ޗިޓް ފޮނުވުމުން އެއީ އެނާއަށް ބިރުދެއްކުމުގެ ގޮތުން ފުލުހުން ހިންގާ އަމަލެއް ކަމަށެވެ.

"މިވާ ގޮތަކީ ރޭގަ އެ މައްސަލާގައި ޖަމީލް ފުލުހުންގެ ބެލުމުގެ ދަށުގައި ނުބެހެއްޓޭނެ ކަމަށް ގާޒީ އަމުރުކުރީ މިއަދު އަބްދުﷲ ގާޒީއަށް ޗިޓް ފޮނުވީ ފުލުހުން ބަލާ މައްސަލަ އަކާއި ގުޅިގެން ހާޒިރުވުމަށް ދަންނަވާކަމަށް ބުނެ. އެހެންވީމައި އަޅުގަނޑުމެންނަށް ސުވާލު އުފެދޭ އެއީ ކާކުގެ އަމުރަކަށް ކީއްކުރަން ކުރާ ކަމެއް ބާވައޭ،" މުޖުތާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަބްދުﷲ މުހައްމަދު ފުލުހުންނަށް ހައްޔަރު ކުރެވޭނެ އެއްވެސް ޖާގައެއް ގާނުނޫ އަސާސީގައި ދީފައި ނުވާ ކަމަށާއި އެފަދަ އަމަލެއް ފުލުހުން ކުރަނީ ގަނޫނު އަސާސީގައި އޮތް އެއްޗެއް ވަރަށް ސާފުކޮށް އެނގި ޖެއްސުން ކުރުމުގެ ނިޔަތުގައި ކަމަށެވެ.

ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި ބުނަނީ އަމިއްލަ ފަރުދަކުވިޔަސް ދައުލަތުގެ ކަމެއް ހިންގުމާއި ހަވާލުވެހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒް ފޯރުވައި ހަދައިގެން ނުވާ ނެއެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީގަ އާއި ފަނޑިޔާރުންގެ ގާނޫނުގައި ވެސް ފަނޑިޔާން މަސައްކަތް ކުރާއިރު އެއްވެސް މުއައްސަސާއެއްގެ ބާރެއް ނުފޫޒް ފަނޑިޔާރުންގެ މައްޗަށް ފޯރުވައިގެން ނުވާނެ ކަމަށް ބުނެފައިވާއިރު ފަނޑިޔާރުންނައް ބިރުދެއްކުމަކީ ތަހުޒީބް މުޖުތަމައުތަކުގައި ކުރާކަންތަށް ނޫން ކަމަށެވެ.

އެ ގާނޫނާއި ހަވާލާދީ މުޖުތާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައިވެސް ފަނޑިޔާރަކާއިގުޅޭ ގޮތުން ސުވާލް ނުކުރެވޭއިރު ފުލުހުންނަށް ނުވަތަ ފުލުހުންގެ އިދާރާއަށް ގެންގޮސްގެން ގާޒީންނާއި މެދު ސުވާލް ނުކުރެވޭނެ ކަމަށެވެ.

"އެބޭފުޅުންނަކީ ވަރަށް ގިނަ ހައްގުތަކެއް ނެގެހެއްޓުމުގެ ބާރުލިބިފައިވާ ބައެއް ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހާލަތެއްގައި މެނުވީ ފަނޑިޔާރުން ހައްޔަރު ނުކުރެވޭނަކަމަށް ގާނުނުގައި ކަނޑައެޅިގެން ބަޔާން ކޮށްފައިވޭ،" މުޖުތާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގައުމީ ޕާޓީގެ އިސްވެރިން ފުލުސް އޮފީހަށް ގެންދަވާ ކަމަށާއި މިކަމުގައި ފުލުހުންގެ ޒިންމާ އަދާ ކުރެވޭނީ އެންމެ ރަގަޅަށްތޯއާއި އެމީހުންގެ އިހުލާސްތެރިކަމަކީ ކޮބާތޯ ސުވާލް އުފެދޭ ކަމަށާއި ސަރުކާރުގެ ނުފޫޒް ފުލުހުންގެ މައްޗަށް ފޯރާފައިވާމިންވަރު މިކަމުންވެސް ދޭހަވާ ކަމަށެވެ.

މިއަދުގެ ނޫސް ވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވީ ގާނޫނުއަސާސީ އާއި ހިލާފަށް ޑރ ޖަމީލް ހައްޔަރުކުރުމުން ކޯޓުގައި ކުރި ދައުވާގައި ފުލުހުންނަށް އެކަން ދިފާއުކުރުމުގެ ގޮތުން އެއްވެސް ހެއްކެއްވެސް ފުލުހުންނަށް ދެއްކިފައި ނުވާއިރު އަބުދުﷲ ގާޒީ މިރޭ ފުލުސް އޮފިހަށް ހާޒިރުކުރުމަށް މަސައްކަތް ކުރުމަކީ އެކަމާ ސުވާލު އުފެދޭކަމެއް ކަމަށް ރިޔާޒް ވިދާޅު ވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު