އިރާގުގައި ހަރަކާތްތެރިވި އަޅުގަނޑުގެ ދަރިފުޅަކީ ބަތަލެއް: ބައިޑެން

ޖޯ ބައިޑެން އޭނާގެ ދަރިފުޅު ބޯއާއެކު--

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑެން އޭނާގެ ދަރިފުޅު ބޯ ބައިޑެންގެ ދިފާއުގައި އަނެއްކާވެސް ނުކުންނަވައިފިއެވެ.

އެމެރިކާއިން އިރާގު އިސްތިއުމާރުކޮށްގެން އުޅުނުއިރު ބޯ ބަނީ އެމެރިކާގެ ސިފައިންގެ މީހެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. ބޯ އާ ގުޅޭގޮތުން މިފަހަރު ޖޯ ވާހަކަ ދެއްކެވީ އިއްޔެ ބޭއްވި ރިޔާސީ ބަހުސްގެ ތެރެއިންއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވަނީ އިރާގުގައި ހަރަކާތްތެރިވި ސިފައިންނަކީ "ލޫސާޒް" ނުވަތަ ތާކުންތާކު ނުޖެހޭ ބައެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

ޓްރަމްޕް ވެރިކަމަށް އައުމަށް ފަހު އިރާގުގައި ތިބި ސިފައިން އެގައުމުން ބޭލުމުގެ މަސައްކަތަ ދަނީ ކުރަމުންނެވެ. ޓްރަމްޕް އެމެރިކާގެ ސިފައިންނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް އިޝާރަތްކުރައްވައި ޖޯ ވިދާޅުވީ އޭނާގެ ދަރިފުޅު ބޯ އަކީ އެފަދަ "ލޫޒާ" އެއް ނޫން ކަމަށެވެ.

" އަޅުގަނޑުގެ ދަރިފުޅު ބޯ އިރާގުގައި އެއް އަހަރު ހޭދަކުރެއްވި. އޭނާއަކީ ބަތަލެއް. މިހާރު އިރާގުގައި ތިބި އެމެރިކާގެ ސިފައިންނަކީވެސް ބަތަލުން" ޖޯ ވިދާޅުވިއެވެ.

ޖޯގެ ވާހަކަތަކަށް ރައްދުދެއްވައި ޓްރަމްޕް ވަނީ ޖޯގެ އެހެން ފިރިހެން ދަރިފުޅު ހަންޓާގެ ވާހަކަ ދައްކަވައިފައެވެ. ހަންޓާވެސް މީގެ ކުރިން އެމެރިކާގެ އަސްކަރިއްޔާގައި މަސައްކަތް ކުރައްވައިފައިވެއެވެ.

"އަޅުގަނޑަކަށް ނޭނގޭ ބޯ. އެކަމަކު ހަންޓާ އެނގޭ. ހަންޓާ ސިފައިންގެއިން ވަކިކުރީ ކޮކެއިން ބޭނުންކުރާތީ. ޖޯ ނައިބު ރައީސްކަމަށް އައުމުގެ ކުރިން ހަންޓާގެ ނެތް ވަޒީފާއެއްހާ ހިސާބުވެސް" ޓްރަމަޕް ވިދާޅުވިއެވެ.

މީގެ ކުރިން އެތައް ދައުރަކު ސެނެޓަރެއްގެ މަގާމު ފުރުއްވާފައިވާ ޖޯ އަކީ އިރާގު ހަނގުރާމައަށް ވަރަށް ބޮޑަށް ތާއިދުކުރެއްވި ބޭފުޅެކެވެ. މިދިޔަ މާޗްމަހު ޖޯ ބޭއްވި ކެމްޕޭން ރެލީއެއްގައި އިރާގުގައި ކުރިން ހަރަކާތްތެރިވި އެމެރިކާ ސިފައިންގެ މީހަކު ވަނީ ޖޯ އިރާގު ހަނގުރާމައަށް ތާއިދުކުރެއްވި މައްސަލަ ނަންގަވައި ވަރުގަދަ ބަހުގެ ހަމަލާތަކެެއް ދެއްވައިފައެވެ.

"އިރާގު ހަނގުރާމައިގައި އިރާގުގެ އެތައް ރައްޔިތުންނާ އެމެރިކާގެ އެތައް ބަޔަކު މަރުވެއްޖެ. ކީއްވެގެންތޯ އެ ހަނގުރާމައަށް ތާއީދުކޮށް އެކަމަށް މަސައްކަތް ކުރެއްވި ބޭފުޅަކަށް ވޯޓު ދޭންވީ. އަޅުގަނޑުގެ ރައްޓެހިންވެސް މަރުވި ހަނގުރާމައިގައި" ޖޯ އާ މުޙާތަބުކޮށް ކުރީގެ ސިފައިންގެ މީހަކު ކެމްޕޭން ރެލީގައި ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ޖޯ އެފަހަރު ވިދާޅުވީ އިރާގު ހަނގުރާމައިގައި އޭނާގެ ދަރިފުޅު ބޯވެސް ހަރަކާތްތެރިވި ކަމަށާއި އެހެންކަމުން އެ ހަނގުރާމައަކީ އޭނާގެ އައިލާއާވެސް ގުޅިފައިވާ ހަނގުރާމައެއް ކަމަށެވެ.

ޖޯގެ ދަރިފުޅު ބޯ ވަނީ 2015 ވަނަ އަހަރު ސިކުނޑިއަށް ކެންސަރު ޖެހިގެން މަރުވެފައެވެ.

comment ކޮމެންޓް