އަމީރު އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރި ކުރަން ނިންމައިފި

ޝެއިހް ސަބާހު އަލް އަހުމަދު އަލް ސަބާހު: އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން ދިވެހި ދިދަ ބައި ދަނޑިއަށް ތިރިކުރަން ވަނީ ނިންމާފައި ---

ކުވޭތުގެގެ އަމިރު ޝެއިހް ސަބާހު އަލް އަހުމަދު އަލް ސަބާހު މިއަދު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ބައިވެރިވުމަށް ދިވެހި ދިދަ ބައި ދަނޑިއަށް ތިރިކުރަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުން އެގޮތަށް ނިންމެވިކަން ހާމަ ކުރެއްވީ، މިރޭ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައެވެ.

ޝާހިދު ވިދާޅުވީ، އެކަމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން މާދަމާ އިން ފެށިގެން ތިން ދުވަހަށް ދިވެހި ދިޔަ ބައި ދަނޑިއަށް ތިރިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށެވެ.

ޝެއިހް ސަބާހް ވެރިކަމަށް ވަޑައިގެންނެވީ ޖެނުއަރީ 29، 2006 ވަނަ އަހަރުއެވެ. އެމަނިކުފާނު ކުވޭތުގެ އަމީރުކަން ލިބިވަޑައިގެންނެވީ، އޭރު ހުންނެވި އަމީރު ސާދު އަލް-އަބްދުﷲ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ނުވަ ދުވަސް ތެރޭ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން މަގާމުން ދުރުކުރުމާ ގުޅިގެންނެވެ. ސާދު އަލް-އަބްދުﷲ މަގާމުން ދުރުކުރުމަށް ގާނޫނު ހަދާ މަޖިލީހުން ނިންނީ، އެމަނިކުފާނުގެ ސިއްހީ ހާލަތު ހުރި ގޮތުންނެވެ.

ޖޫން 16، 1929 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޝޭހް ސަބާހަކީ ކުވޭތުގެ ދައުލަތުގެ 15 ވަނަ އަމީރެވެ. އޭނާ ވެރިކަމަށް އިސްވެ ވަޑައިގަތުމުން އިރާގާއި ސީރިއާއަށް އެހީ ފޯރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްތަކަށާއި އަރަބި ގައުމުތަކުން ގަތަރު ބޯއިކޮޓް ކުރި މައްސަލަ ހައްލު ކުރުމަށް ކުރައްވާ މަސައްކަތަށް ގިނަ ބަޔެއްގެ ތައުރީފު ވަނީ ލިބިފަ އެވެ.

ޝެއިހް ސަބާހު ވަނީ އެގައުމުގެ ބޮޑު ވަޒީރުކަންވެސް މީގެ ކުރިން ކުރައްވާފައެވެ. އެއީ ކުރީގެ އަމިރު ޖާބިރު އަލް އަހުމަދު އަލްޖާބިރުގެ ވެރިކަމުގައެވެ. އޭގެ އިތުރުން އެމަނިކުފާނު ވަނީ ދެފަހަރެއްގެ މަތިން އެގައުމުގެ ހާރިޖީ ވަޒީރުކަންވެސް ކުރައްވާފައެވެ.

ޝެއިހް ސަބާހު އަލް އަހުމަދު އަލް ސަބާހު އަވަހާރަވުމާ ގުޅިގެން ދެން ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ އެމަނިކުފާނުގެ ކޮއްކޯފުޅު އުމުރުން 83 އަހަރުގެ ވަލީއަހުދު ޝެއިހް ނަވާފް އަލް އަހުމަދެވެ.

comment ކޮމެންޓް