ކުރިއަށް އޮތް ދެއަހަރަށް ސަރުކާރުން އިސްކަންދޭނެ ކަންކަމުގެ އާ ތަރުތީބު ކަނޑައަޅައިފި

ކުރިއަށް އޮތް ދެއަހަރަށް ސަރުކާރުން އިސްކަން ދޭނެ ކަންކަމުގެ އާ ތަރުތީބުތެއް މިއަދު ވަޒީރުންގެ މަޖިލީހުްނ ކަނޑައަޅައިފިއެވެ.

ރައީސް އޮފީހުން ބުނީ، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ސަރުކާރުން ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވާ އެކި ކަންކަން ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކެއް ހުރުމާއެކު، މިހާރުގެ ޙާލަތައް ރިއާޔަތްކޮށް ކުރިއަށް އޮތް ދެ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަން ހުރި ކަންކަން އަލުން ތަރުތީބުކުރުމަށްޓަކައި އެ އޮފީހުގެ ޕޮލިސީ އޮފީހުން ތައްޔާރުކުރައްވާފައިވާ 'ޕޮލިސީ ޕްރަޔޮރިޓީ ލިސްޓް' އާ ގުޅޭގޮތުން މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފިއެވެ.

ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން 2019-2023 (އެސްއޭޕީ) އާ ގުޅޭގޮތުން މި މަހު 25 ގައި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި ކުރައްވާފައިވާ މަޝްވަރާތަކަށް ރިއާޔަތްކޮށް، ހުރިހާ ސެކްޓަރުތަކުންވެސް ކުރިއަށްއޮތް ދެ އަހަރަށް އިސްކަންދެއްވައިގެން ކުރައްވާނެ ކަންތައްތައް ވަނީ ކަނޑައަޅުއްވާފައެވެ.

ސަރުކާރުގެ އޮފީސްތަކުން މިކަންތައްތަކަށް އަމަލުކުރެއްވުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުން ނިންމެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެކަންކަމުގެ އިތުރު ތަފްސީލެއް ރައިސް އޮފީހުން އަދި ނުދެއެވެ.

ކޮވިޑް19ގެ ސަބަބުން ދައުލަތަށް ކުރިން ލިބެމުން އައި އާންމުދަނީތައް ހުއްޓި، ބައެއް މަޝްރޫތަކާއި ބައެއް ހަރަދުތައް ކުރުން ވަނީ ހުއްޓާލާފައެވެ.

comment ކޮމެންޓް