ދީނީ އެއްބައިވަންތަކަން އާލާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރާއްޖޭގައި ދީނީ އެއްބައިވަންތަކަން އާލާކޮށް ކުރިއެރުވުމާއި ގުޅޭގޮތުން ދީނީ ޢިލްމުވެރިންނާއިއެކު ކުރިއަށްދިޔަ މަޝްވަރާގެ ތެރެއިން --- ފޮޓޯ : ރައީސް އޮފީސް

ރާއްޖޭގައި ދީނީ އެއްބައިވަންތަކަން އާލާކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ރައިސޫލްޖުމްހުރިއްޔާގެ ނައިބު ފައިސަލް ނަސީމް، މިއަދު ރާއްޖޭގެ ދީނީ އިލްމުވެރިންނާ ބައްދަލުކުރައްވައިފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހަވީރު ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ އިލްމު ފެތުރުމަށްޓަކައި އިލްމުވެރިން ކުރައްވަމުން ގެންދާ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އަދި ހާއްސަގޮތެއްގައި ކޮވިޑް-19ގެ ހާލަތުގައިވެސް ދީނީ ކަންކަމާއިމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް އިލްމުވެރިން ކުރައްވާ މަސައްކަތްތައް ވަނީ ނައިބު ރައީސް ފާހަގަކުރައްވާފައެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނާއިމެދު ލޯބި އިތުރުކުރުމުގެ ގޮތުން ކުރެވޭ ކަންތައްތައް ލާމަރުކަޒީކޮށް ކުރިއަށްގެންދިއުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ދީނީ ކަންކަމަށް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމާއި، އެ މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

އަދި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ޝިއާރު ފާޅުކޮށް މަތިވެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުން އިތުރުކުރުމަށް ތައްޔާރަށް ތިއްބެވި ކަން އިލްމުވެރިން ވަނީ އެ ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް