ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޑެމީ ލޮވާޓޯ އޭނާ ގުޅިގެން އުޅުނު މެކްސް އެއްރިޗްގެ އެންގޭޖްމެންޓް ރޫޅާފައިވާ ކަމަށް ބައެއް ރިޕޯޓުތަކުން ބުނަން ފަށައިފި އެވެ.
ޑެމީ އާ ގާތް މަސްދަރަކުން "ބިލްބޯޑް" އަށް މައުލޫމާތު ދިން ގޮތުގައި ދެމީހުންގެ އެންގޭޖްމެންޓް ވަނީ ދެ މަސް ފަހުން ރޫޅާލާފައެވެ.
އޭނާ ބުނިގޮތުގައި ދެމީހުންގެ އެންގޭޖްމެންޓް ރޫޅާލާފައިވަނީ ދެމީހުންގެ ކެރިއަރަށް ބޮޑަށް ވަގުތު ހޭދަކުރަން ބޭނުންވާތީ އެވެ. އަދި އެ ނިންމުމަކީ ދެމީހުން އެކީގައި އެއްބަސްވެ ނިންމި ނިންމުމެއް ކަމަށް އެ މަސްދަރު މައުލޫމާތު ދެއެވެ.
ޑެމީ އާއި މެކްސް މިދިޔަ ޖުލައި މަހުގައި އެންގޭޖް ވެފައިވާއިރު ދެމީހުން އެންގޭޖުވީ އެކީގައި އުޅެން ފެށިތާ ހަތަރު މަސް ފަހުންނެވެ.
ޑެމީ ލޮވާޓޯ އަކީ މަސްތުވާތަކެތީގެ އެޑިކްޝަންގެ ޝިކާރައަކަށް މީގެކުރީން ވެފައިވާ މީހެކެވެ. އަދި އެންމެ ފަހުން އޯވަޑޯޒްވެސް ވެފައެވެ. އެންމެ ފަހުން މީޑިއާ އާ ދުރަށް ދިޔުމަށްފަހު ޑެމީ ރިހެބިލިޓޭޝަނަށް ގޮސް އަލުން އާންމުންނާ ހަމައަށް އައިސްފައިވަނީ މިއަހަރުގައެވެ.
އަދި އެއަށްފަހު އާ މިއުޒިކް އުފައްދާ ޑެމީ ދަނީ އަލުން އޭނާގެ މަސައްކަތުގައި އެކްޓިވް ވަމުންނެވެ. އެހެންކަމުން އޭނާގެ ކެރިއަރަށް އިތުރަށް ވަގުތު ބޭނުންވާނެ ކަމަށްވެސް އެ މަސްދަރު ހާމަކޮށްފައިވެއެވެ.