ކެލިފޯނިއާގައި ޕެޓްރޯލު އުޅަނދު އެއްކޮށް މަނާކުރަނީ

ކެލިފޯނިއާގައި ކާރުތަކެއް ޓޯކުރަނީ --- ފޮޓޯ : އޭބީސީ ނިއުސް

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކެލިފޯނިއާގައި 2035 ގެ ކުރީން ޕެޓްރޯލު ބޭނުންކުރާ އުޅަނދު ބޭނުންކުރުން އެއްކޮށް ހުއްޓާލުމަށް އެ ސްޓޭޓްގެ ގަވަރުނަރު ގެވިން ނިއުސަމް ނިންމަވައިފި އެވެ.

ގެވިން ދާދި ފަހުން ނިންމެވި ނިންމުމާއެކު 2035 އިން ފެށިގެން އެ ސްޓޭޓްގައި ބޭނުންކުރާ ހުރިހާ އުޅަނދުތަކަކީ އިލެކްޓްރިކް އެއްޗެއްސަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ތިމާވެށްޓަށް ގެއްލުން ކުރާ ގޭސްތައް ބޭރުކުރުން މަދުކުރުމަށް މަސައްކަތް ކުރުމަކީ އެ ނިންމެވުމުގެ އެންމެ ބޮޑު ބޭނުން ކަމަށް ގެވިން ވިދާޅުވި އެވެ.

ދާދި ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނިއުސަމް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ 2035 އަށް ވާން ވާއިރަށް މަޑުމަޑުން ޕެޓްރޯލް އުޅަނދުތައް މަޑުމަޑުން ބޭނުންކުރުން މަދުކުރުން ކަމަށެވެ. އަދި އެގޮތަށް އެހެން ސްޓޭޓްތަކުންވެސް އަމަލުކުރަން ފެށުމަށް ނިއުސަމް ވަނީ އެދިލައްވާފަ އެވެ.

ނިއުސަމް ގަވަރުނަރުގެ އޮފީހަށް ވަޑައިންނެވުމާއެކު ތިމާވެށްޓަށް ގެއްލުން ކުރާ ގޭސްތައް ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ކެލިފޯނިއާއިން އެފަދަ ދިމާލަކަށް މިސްރާބު ޖަހާފައިވުމަކީ ބޮޑު ނިންމުމެކެވެ. ސަބަބަކީ ކެލިފޯނިއާއަކީ އެމެރިކާގެ އެންމެ ބޮޑު އޮޓޯ މާކެޓެވެ. އެގޮތުން އެމެރިކާގެ ހުރިހާ އުޅަނދެއްގެ ތެރެއިން 11 ޕަސެންޓަކީ ކެލިފޯނިއާއަށް ނިސްބަތްވާ އުޅަނދުތަކެވެ.

ކެލިފޯނިއާގެ އިތުރުން އެހެން 15 ގައުމަކުންވެސް ވަނީ އެފަދަ ލަނޑުދަނޑިއަކަށް ވާސިލުވުމަށް އަމާޒު ހިފާފަ އެވެ.

comment ކޮމެންޓް