ޓެގު ޕްރޮޖެކްޓުގެ މައްސަލާގައި އުމަރު އަނެއްކާ ވެސް އޭސީސީއަށް ހާޒިރުކޮށްފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ ޕްރޮޖެކްޓާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކޮށްފި އެވެ.

އުމަރު ނަސީރުގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ މި މައްސަލާގައި ސުވާލުކުރަން އޭނާ އިއްޔެ އޭސީސީއަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

އެ ޕޯސްޓުގައި އުމަރު ވިދާޅުވީ އޭނާ ހޯމް މިނިސްޓަރަކަށް ހުންނެވި އިރު ކުރި އެންމެ މުހިންމު އަދި އެންމެ ގިނަ ހުރަސްތަކާ ކުރިމަތިވި އެއް ކަމަކީ ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމުގެ ޕްރޮޖެކްޓް ކަމަށެވެ. އަދި އެކަމަށް ހުރަސް އެޅުމަށް ޓަކައި ބާރު ގަދަ އެތައް ބަޔަކު ސިޔާސީ، ގާނޫނީ އަދި އިދާރީ ގޮތުން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެ ހުރަސްތައް 'ފޫއަޅުވާލުމަށް ފަހު' އެ ޕްރޮޖެކްޓް ކާމިޔާބު ކުރެވުނު ކަމަށެވެ.

މިއީ ދައުލަތަށް ވެސް ބޮޑު ހަރަދަކުން ސަލާމަތްވެވޭނެ ޕްރޮޖެކްޓެއް ކަމަށާއި ނަމަވެސް ވަޒީރު ކަމުގެ މަގާމުން އޭނާ އިސްތިޢުފާ ދިނުމަށް ފަހު ވަޑައިގެންނެވި އެއްވެސް ވަޒީރަކަށް އެކަން ކުރިޔަށް ގެންދެވިފައި ނުވާ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި މިހާރު އެ މަސައްކަތް އޮތީ މުޅިން ކަހަލަ ގޮތަކަށް ހުއްޓިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ދައުލަތަށް އަހަރަކު 30 މިލިއަން ރުފިޔާ ހަރަދު ކުޑަކޮށްދޭނެ އަދި ޖަލުތައް ފުރިބަންޑުންވުން ހައްލު ކޮށްދޭނެ، ކުށްވެރިން އަނބރާ މުޖްތަމައަށް އައުމަށް ފަސޭހަ ކޮށްދޭ މުހިންމު ޕްރޮޖެކްޓެއް. މިއީ ތަރައްގީވެފައިވާ ހުރިހާ ގައުމެއްގައި ބޭނުންކުރެވޭ ކާމިޔާބު ނިޒާމެއް." އުމަރު ވިދާޅުވެފައިވެ އެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ސުވާލުކުރަން އުމަރު އޭސީސީއަށް ހާޒިރުކޮށްފައިވާއިރު، އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓުގެ ކޮންޓްރެކްޓް ރާއްޖޭގެ އަމިއްލަ ކުންފުންޏަކާ ހަވާލު ކުރީ ހުޅުވާލެވިފައިވާ ބިޑެއްގައި އާންމުކޮށް އިއުލާން ކޮށްގެން އަދި އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަށް ކަމަށެވެ.

މި ސަބަބުތަކާއި ޕްރޮޖެކްޓާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ހުއްދައާއި އޭސީސީގެ ލަފައެއް ހޯއްދަވާފައިވާތީ އޮޑިޓަރ ޖެނެރަލްގެ އޮޑިޓް ރިޕޯޓްގައި ވެސް މިކަމާ ގުޅޭ އެއްވެސް ކަމެއް ފާހަގަ ކޮށްފައި ނެތް ކަމަށް އުމަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށް ބެލެވޭތީވެ އެކަން ބެލުމަށް ކަމާބެހޭ ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށް ހޯމް މިނިސްޓްރީގެ 2016 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ.

https://sun.mv/128219

އުމަރު ވިދާޅުވީ މި މަސައްކަތް ހަވާލުކުރި ކުންފުންޏަކީ އެއްވެސް ގޮތަކުން އޭނާގެ އަމިއްލަ މަސްލަހަތު އޮތް ކުންފުންޏެއް ނޫން ކަމަށެވެ.

"މި ކޮންޓްރެކްޓް ހަވާލު ކުރުމުގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ލިޔެ، ލަފައެއް ހޯދިއިރު އެފަރާތުން ވެސް އެއްވެސް ކަމެއް ފާހަގަ ކޮށްފައި ނުވޭ. މަސައްކަތް ހަވާލު ކުރި ދިވެހި ކުންފުންޏަކީ އަޅުގަނޑުގެ ނުވަތަ އަޅުގަނޑާ އެއްބަނޑު އެއްބަފާ މީހެއްގެ ނުވަތަ އަތްބެއްގެ، ދަރިއެއްގެ ހިއްސާއެއް ނުވަތަ އެއްވެސް މަސްލަހަތެއް އެއްވެސް ޒަމާނެއްގައި އޮތް ކުންފުންޏެއް ނޫން." އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ޓެގު އެޅުވުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދަނިކޮށް އެންމެ ފުރަތަމަ މިކަމާ ގުޅޭ މައްސަލައެއް އޭސީސީއަށް ހުށަހެޅީ ކުށްވެރިންނާ ގުޅުން ހުރި އަމިއްލަ ފަރާތަކުން ކަމަށެވެ. އަދި އޭސީސީން އޭރު ވެސް މި މައްސަލަ ބަލާފައިވާ ކަމަށާއި މިހާރު އޮތް ކޮމިޝަނުން މި މައްސަލަ އަލުން ބަލަމުންދާ ކަމަށާއި މި މައްސަލަ ނުނިމި އޮންނަތާ މިހާރު ފަސް އަހަރު ފުރިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުން މިފަދަ މައްސަލަތައް ބަލައި ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ އޭނާ އަބަދުވެސް އެދޭ އަދި ވަކާލާތު ކުރާ ގޮތް ކަމަށެވެ. އަދި އެ މައްސަލާގައި އޭނާ ކުށެއްކޮށްފައިވާ ނަމަ އަދަބު ދިނުމަށާއި ކުށެއްކޮށްފައިނުވާ ނަމަ އެކަން އިއުލާނު ކޮށްދިނުމަށް ކުރިން ވެސް ދަންނަވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެހާސް ތޭވީސްވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އުމަރު ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު، އޭނާ ވިދާޅުވީ އިންތިހާބު ގާތްވަމުންދާ ވަރަކަށްމިފަދަ އަޑުތައް އިވެމުންދާނެ ކަމަށެވެ.

"އަޅުގަނޑުގެ މިނިސްޓަރުކަމުގެ ދައުރުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ހިނގާފައިވޭތޯ ބެލުމަށް ވޭތުވެދިޔަ ފަސް އަހަރު ތެރޭ ދެ ސަރުކާރަކުން ވަނީ ހާވައި ބައްލަވާފައި. އެ މަސައްކަތަށް ފަސް އަހަރު ފުރި ހަ ވަނަ އަހަރަށް އެޅެމުންދާއިރު، 'ހުދު ވަލެއް' ނޫން އެއްޗެއް އަދި ފެނިފައި ނުވާކަން ފާހަގަކުރަން. ނަމަވެސް 2023 ވަނަ އަހަރުގެ އިންތިހާބު ކައިރިވަމުން އައި ވަރަކަށް މިފަދަ ލަވަތަކުގެ އަޑު ގަދަވެ ގަދަވެ ހުންނާނެ ކަން ކަށަވަރު." އުމަރު ވިދާޅުވި އެވެ.

ފުލުހުންނާއި ހޯމް މިނިސްޓްރީ ކަރެކްޝަންސް ސާވިސް ގުޅިގެން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ސްޓަލްވާޓް މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުގަ އެވެ.

މި އެއްބަސްވުމަކީ 10 އަހަރުގެ މުއްދަތަށް އެކުލަވާލި އެއްބަސްވުމެއް ކަމަށާއި އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުމުގައި ސޮއިކޮށް އެޑްވާންސް ފައިސާ ދައްކާތާ 100 ދުވަހުގެ ތެރޭގައި އެއްފަހަރާ 300 މީހުންގެ ފައިގައި ޓެގު އަޅުވައި ބެލެހެއްޓުމުގެ ހިދުމަތް ގާއިމް ކުރަންވާނެކަމަށް ބުނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް