މާއްދާ ހަތާވީސް، އަށާވީސް ފޮހެވެނީބާ؟

ދެހާސް ނުވަވަނަ އަހަރުގެ އެޕްރީލްމަހު ރ. އަނގޮޅިތީމްގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިހެން ވިދާޅުވި އެވެ: "އަޅުގަނޑާއި އަޅުގަނޑުގެ ސަރުކާރަށް ފާޑުވެސް ކިޔަންވީ އަޅުގަނޑަށް މަލާމަތް ވެސް ކުރަންވީ ސަރުކާރަށް ފާޑުވެސް ކިޔަންވީ ހިޔާލު ފާޅުކުރުމުގެ މިނަވަންކަމަކީ އެންމެ މުހިންމު އެއްކަން. އެއިން އެއްވެސް ކަމެއް ކުރައްވާ ބޭފުޅާކާ މެދު ކުޑަވާއިނގިލި ވެސް ހިއްލާނުލާނަން،"

ރައީސް ނަޝީދު ވެރިކަމަށް ވަޑއިގެންނެވި ދުވަސްވަރު ހިޔާލު ފާޅުކުރުމުގެ މައްޗަށް ވިދާޅުވި ބަސްފުޅުތަކަށް ބަލާއިރު ވަރަށް ގިނައިން ވިދާޅުވާ އެއް ވާހަކައަކީ ބަނދަރާއި ނަރުދަމާއަށް ވުރެ އެންމެ މުހިންމު އެކައްޗަކީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަން ކަމަށެވެ. އެއަށް ބުރުލެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ.

އެމަނިކުފާނު ދެއްކެވީ މުޅިން ވެސް ގާނޫނު އަސާސީގެ 27 ވަނަ މާއްދާއާ ގުޅޭ ޕޮޒިޓިވް ވާހަކަތަކެވެ.

ގާނޫނޫ އަސާސީގެ 27 ވާނަ މާއްދާގައި ބުނަނީ މިނިވަންކަމާ އެކު ފިކުރުކުރުމާއި އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ދުލާއި ގަލަމުން އަދި މިނޫން ވެސް ގޮތްގޮތައް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބޭ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުތަކާއި ޑިމޮކްރަސީގެ އުސޫލުތަކާއި ގާނޫނު އަސާސީގައި ގަރާރު ކުރެވިފައިވާ ކަންކަން ހުރެ، އެ މިނިވަން ކަމުގެ ބޭނުން ހިފާ މީހާގެ ޝުއޫރަކީ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށް ބުނެ ތަހުގީގުތަކުގެ ގިޔަރަށް ލުމަކީ މީޑިޔާ "ކަސްތޮޅު" އެޅުވުން ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.

ބައެއް މީހުން ބުނާ ގޮތުގައި މިހާރު ރާއްޖެއަށް ފެތުރިފައިވާ އޮއިވަރަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އާއި 29 ވަނަ މާއްދާއިން ލިބޭ ހިޔާލު ފާޅުކުރުމުގެ މިނަވަންކަމަށް ހުރަސް އެޅޭ އޮއިވަރެއް ކަމަށެވެ.

"މިއަދު ކުޑަވާ އިނގިއްޔެއްވެސް ނޫން އުފުލެނީއަކީ މިއަދު މިދަނީ މީޑިއާ ބިރުދައްކައި ބަޔާންތައް ނެރެމުން ގެންދަނީ، އިންޒާރުތައް އަންނަނީ!" ސިޔާސީ ބޭފުޅަކު ވިދާޅުވި އެވެ.

ހިޔާލު ފާލުކުރުމުގެ މިނިވަން ކަމާއި މީޑިޔާގެ މިނިވަންކަމުގައި ރައީސް ނަޝީދުގެ ސަރުކާރުން ގެންގުޅެމުން އައީ ރަނގަޅު ސިޔާސަތެއް ކަމަށް ދެކޭ މީހުން ވެސް އުޅެ އެވެ. އެފަދަ މީހުން ބުނާ ގޮތުން އެ ސިޔާސަތު ފުށުން ޖެހުނީ "23ޑިސެމްބަރު"ގެ ނަމުގައި ގިނަ އަދަދެއްގެ ބަޔަކު ބޮޑު މުޒާހަރާއަކާ ދިމާއަށް ދަތުރު ކުރަން ފެށި ހިސާބުންނެވެ.


"މުޒާހަރައަށް ފަހު ސަރުކާރުގެ ސިޔާސަތުތައް ބަދަލުކޮށް މީޑިޔާއަށާއި އަދި އެކި ވާހަކަފުޅުދައްކަވާ ބޭފުޅުންނަށް އެކިއެކި ފިއްތުންތައް ކުރިމަތިކުރާކަން ދަނީ ފާހަގަ ކުރެވެމުން،" ބޭފުޅަކު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން ދިން އެންމެ ވަރުގަދަ އިންޒާރަކީ ސާބިތު ނުހިފޭ ވާހަކަތައް މީޑިއާތަކުން ގެނެސްދޭ ކަމަށް ބުނެ ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ދެއްވި އިންޒާރެވެ. ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔާ ބައެއް ޓީވީ ސްޓޭޝަންތަކުގެ ވެރިންނަށް ނިސްބަތްކުރައްވަ އެވެ. ޒުހައިރު ވިދާޅުވި ގޮތުގައި ސަރުކާރާ މެދު ގިނަ ތުހުމަތުތަކެއް ސިޔާސީ ފަރާތްތަކުން ކުރަނީ މީޑިއާ ބޭނުން ކޮށްގެނެވެ.

އެއީ މީޑިއާ "ބިރު ގަންނުވާލުމަށް" ފެށި އާ މަސައްކަތެއް ކަމަށް ސިފަ ކުރާ މީހުން ވެސް އުޅެ އެވެ.

"އެއްވެސް ފަރާތަކުން އެފަދަ ވާހަކަ ދައްކަވަނީ ނަމަ އެ ވަރިހަމަ ޑރ. ޖަމީލް ކަމަށް ވިޔަސް އަހުމަދު ދީދީ [ސަންދާނު އަހައްމައިދީ] ކަމުގައި ވިޔަސް އެފަދަ ހަބަރުތައް އާއްމުކުރަށްވާ މުހުތަރަމް އާއިލާއެއް، ޗަންޕާ އާއިލާގެ ކޮންމެ ފަދަ ބޭފުޅުކަށް ވިޔަސް އަޅުގަނޑު މިދަންނަވަނީ ހޯހޯއޭ އެބާވަތުން ދިމާނުކުރައްވާށޭ. ވަރަށް ކަންތައްތައް އެބަހުއްޓޭ އެކަންކަން ސަރުކާރުން ނުދައްކަވާތީ ކަމަށްތޯއޭ!" ޒުހައިރު ވިދާޅުވެފައިވެ އެވެ.

ސަރުކާރުން އެހެން ބުނާއިރު ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބުނަނީ ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބޭ ކަމަށެވެ. އޭގެ ގެތެރޭގައި ހަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ހިޔާލުތައް ފާޅުކުރުމާއި ޝާއިއު ކުރުމާއި ފެތުރުން ހިމެނެއެވެ.

ނަމަވެސް ސަރުކާރުގެ އިންޒާރާ އެކު ސަރުކާރާމެދު ސާބިތު ނުހިފޭ ވާހަކަތައް ދެއްކެވި ކަމަށް ބުނެ މިހާރު ވެސް ވަނީ ބައެއް ބޭފުޅުން ބަންދުކުރަވައިގެން ގެންގުޅެފަ އެވެ. ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ހައްޔަރު ކުރި އެވެ. ސަންދާން އަހަންމައިދީ އާއި އިތުރު ބޭފުޅަކު ހައްޔަރު ކުރި އެވެ.

ޒުހައިރުގެ އިންޒާރުގެ ފަހަތަށް، ކަންތައްތަކެއް ހިނގައި ދިޔައަސް ސަރުކާރު، އަދި ރައީސްގެ ވިސްނުންފުޅަކީ އެހެން ގޮތަކަށް އޮތް ވިސްނުމަކަށް ވެދާނެ އެވެ. ރައީސް އަބަދުވެސް ވިދާޅުވާހެން ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ކުޑަވެސް ލޮޅުމެއް އަރަން އެމަނިކުފާނު ބޭނުންފުޅު ނުވެދާނެ އެވެ. އެންމެ ފަހުގެ ރޭޑިއޯ ތަގުރީރުގައި ވެސް އެމަނިކުފާނު ވަނީ އެވާހަކަ ވިދާޅުވެފަ އެވެ.

ރައީސްގެ ވާހަކަފުޅަށް ބަލާއިރު ވެސް ބެލެވެނީ ސަރުކާރުގެ ފިކުރަށް ނިސްބަތްކޮށް ބައެއް ފަރާތްތަކުން ކުރައްވާ ތުހުމަތަކަކީ ފެންނުހިފޭ ވާހަކަތަކެއްކަން ސާބިތު ކޮށްދެވުމުގެ ގޮތުން ގިޔަރެއް ކުރިޔަށް ލެއްވީ ކަމަށެވެ.

"ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުޑަކޮށްވެސް ލޮޅުމެއް އަރާކަށް ސަރުކާރަކުން ބޭނުމެއް ނުވާނެ. އެހެން ނަމަވެސް، ކަނޑައެޅިގެން ދޮގު ވާހަކަ، ސަރުކާރާ ގުޅޭގޮތުން ދައްކައި، ރައްޔިތުންނަށް އޮޅުވާލައި، ވަކިން ޚާއްޞަކޮށް، އެއީ ދިވެހި ރާއްޖެއަށް އެހެން ދީންތައް ގެނައުމަށް މި ސަރުކާރުން މަސައްކަތްކުރާ ކަމަށް ދައްކާ ދޮގު ވާހަކަތައް، އެ އިލްޒާމުން ބަރީއަވުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި މި ސަރުކާރުގެ ވާޖިބެއް،" ރައީސް ވިދާޅުވި އެވެ. "މި ރާއްޖެ އަށް އިތުރު ދީނެއް ގެނައުމުގެ ފިކުރަކީ، މަސައްކަތަކީ ދުވަހަކު ވެސް އަޅުގަނޑު ވެސް، އަޅުގަނޑު ނިސްބަތްވާ ޕާޓީ ވެސް އަދި މި ސަރުކާރު ވެސް ކުރާނެ ކަމެއް ނޫން. ކުރަން ބޭނުންވާ ކަމެއްވެސް ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެންނާއި ސަރުކާރާއި ރައްޔިތުންނާ އަދި އަޅުގަނޑާއި ރައްޔިތުންނާއި އަދި އަޅުގަނޑު ޕާޓީ އާއި ރައްޔިތުންނާ ދެމެދު ޚިލާފު އުފެއްދުމަށް ޓަކައި، ވިސްނުން ތަޣައްޔަރު ކުރުމަށްޓަކައި ކަނޑައެޅިގެން ބުހުތާނު ދޮގު ހައްދަވަމުން ގެންދިޔައިމާ، އެކަމަށް ސަރުކާރުން ފިޔަވަޅު އަޅަން ޖެހޭނެ. އަދި އަޅުގަނޑުމެން އެކަމާ ސަރުކާރުން ފިޔަވަޅު އަޅާނަން،"

ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވި ގޮތުގައި ސަރުކާރާ މެދު ސާބިތު ނުހިފޭ ވާހަކަތައް ދައްކާ ކަމަށް ބުނެ މީޑިޔާއާ ދެކޮޅަށާއި ސިޔާސީ ފަރާތްތަކާ ދެކޮޅަށް މައްސަލަ ބަލަން ފަށާފައި ވަނީ ގޮތް ހުސްވެގެނެވެ.

"ފުލުސް އޮފީހަށް ގެންދާނަމޭ ބުނީމާ، ޖަރީމާއެކޭ ބުނީމާ، މިއަދު ބަލައިގެންފައިވާ ނިޒާމްގެ ތެރެއިން ކާކުތޯ ސިއްސައިގެން ގޮސް އަޅުގަނޑުމެން ދައްކަމުންދާ ވާހަކައެއް ހުއްޓާލައް ވަނީ؟" ތަސްމީން ސުވާލު ކުރެއްވެވި އެވެ. އަދި ވިދާޅުވީ ރާއްޖެ ބަލައިގެންފައިވާ ޑިމޮކްރަސީގެ ތެރޭގައި ސަރުކާރަށް ނުރުހޭ ބަހެއް ބުނުމުން އެއީ "ޖަރީމާ" އެކޭ ބުނިމާ ތުރުތުރު އަޅައިގަނެ މަސައްކަތް ހުއްޓާލާފައި ގެއަށް ދާނެ ކަމަށް ސަރުކާރަށް ހީވާނަމަ އެއީ ބޮޑު ކުށްހީއެއް ނެތް ކަމަށެވެ.

ސަރުކާރުން އަލަށް ފަށައިގަތް އަމަލުތަކުގެ މައްޗަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ބުނަނީ އެއީ "މީޑިއާގެ މިނިވަންކަން ހަނިކޮށް، މީޑިއާތަކަށް ބިރުދެއްކުމެއް" ކަމަށެވެ. ދިޓީވީ އާއި ޑރ. ޖަމީލް އަދި ސަންދާނު އަހައްމައިދީގެ މައްސަލަ ތަހުގީގުކުރަން ފެށުމަކީ މީޑިއާ އަށް "ގޯނާ" ކުރުން ކަމަށެވެ.

"... ސިޔާސީ ޕާޓީއަކުން އަދި ޒިންމާދާރު ރައްޔިތަކު ވެސް އަދި އެނޫން ރައްޔިތަކު ވެސް ދެއްކެވި ވާހަކައެއްގެ ޒިންމާ އުފުއްލަވަން ޖެހޭނީ އެ ވާހަކައެއް ދެއްކެވި ބޭފުޅެއް ނުވަތަ ފަރާތަކުންނެވެ. މީޑިއާއަކުން ނޫނެވެ،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ، "މީޑިއާ އަކީ ޚާއްސަކޮށް ސަރުކާރުގެ އޮފިޝަލުން ދައްކަވާ ވާހަކަތައް ވެސް ގެނެސްދޭ ގޮތަށް އިދިކޮޅު ފަރާތްތަކުގެ ވާހަކަތައް ވެސް ގެނެސްދޭ ވަސީލަތެއް ނޫނީ ވެހިކަލެކެވެ،"

މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަނުގެ ރައީސް ބަދުރުއް ނަސީރު ވިދާޅުވީ މީޑޔާއަށާއި ހިޔާލު ފާލުކުރުމުގެ މިނވަންކަމަށް ސަރުކާރުން ބިރު ދައްކާ ކަމަށެވެ. މީޑިޔާގެ ކަންކަން ބަލަހައްޓާ ފަރާތް ނޫން އެހެން ފަރާތަތަކުން މީޑިޔާގެ ކަންކަމާ ބެހޭ ނަމަ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަނދިރި ދުވަސްތަކެއް ކުރިރިމަތި ވެގެން ހިގައިދާނެ ކަމަށެވެ.

ރާއްޖެއަށް މިވަގުތު އައިސްފައިވާ ހަލަބޮލި ކަމާއެކު ހައްގުތަކަށް އިހުތިރާމް ކުރަން ހިއުމަން ރައިޓްސް ކޮމިޝަނުން ގޮވާލާފައިވާ އިރު މީޑިޔާ ކައުންސިލުން ވެސް ވަނީ ބަޔާން އާންމުކޮށްފަ އެވެ. ބުނީ މީޑިޔާ ރެގިއުލޭޓް ކޮށް ބަލަހައްޓާ ފަރާތްތައް ނޫން އެހެން ފަރާތްތަކުން މީޑިޔާ އާއި ގުޅޭ މީޑިއާތަކަށް ބިރުދައްކަން މަސައްކަތްކުރުމަކީ ހެޔޮ ވެރިކަންކުރާ ތަހުޒީބު މުޖުތަމައުއެއްގައި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މި ހުރިހާ ސަބަބުތަކާ ހުރެ ގިނަ ބަޔަކު މިހާރު ބުނަނީ ހިޔާލު ފާޅުކުރުމުގެ މިނަވަންކަމަށް ގުޑުން އަރާފައިވާ ކަމަށެވެ. ބަޔަކު އެކަމާ ރަނގަޅަށް ނުހިފައިފި ނަމަ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އަދި 29 ވަނަ މާއްދާ އިން ލިބިދޭ ހައްގު ފޮހެވި، ލޮލަށް ނުފެންނަވަރު ވެދާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް