ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރި މައްސަލައިގެ އަޑުއެހުންތައް ނިންމައި ހުކުމާ ހަމައަށް

އޮގަސްޓް 4، 2019: ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓުތައް ފްރީޒް ކުރަން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލާގައި ސުޕްރީމް ކޯޓުގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

ރައީސް ޔާމީންގެ އަށް އެކައުންޓެއް ފްރީޒް ކުރުމުގެ އަމުރެއް މިދިއަ އަހަރު ކުރީކޮޅު ކްރިމިނަލް ކޯޓުން ނެރުނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ބުނެ އެވެ. އެ އަމުރުގައި ބުނެފައިވަނީ އެ ފައިސާ ނުހިފަހައްޓައިފި ނަމަ އޭގެން އެމަނިކުފާނު މާލީ މަންފާއެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށާއި ދައުލަތަށް ގެއްލުންވެދާނެ ކަމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގެ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުުން ވަނީ އެ އަމަރު ބާތިލުކޮށްފަ އެވެ. އެހެންކަމުން، ދައުލަތުން ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ.

މިއަދު ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ. ދެން އޮންނަ އަޑުއެހުމެއްގައި ހުކުމް ކުރާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާނު ކުރި އެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫން އެވެ.

އެ މައްސަލައިގައި މި މަހުގެ 14 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ދައުލަތާ ސުވާލުތަކެއް ކުރިމަތިކުރުވައިފަ އެވެ. އެގޮތުން، ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރި އިރު ފްރީޒް ކުރަން އެދެނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ކަނޑައެޅިގެން އެނގެން އޮތްތޯ ފަނޑިޔާރު ހުސްނުއްސުއޫދު ސުވާލު ކުރެއްވި އެވެ. އެ ސުވާލަށް ފުލުހުންނަށް ރަނގަޅަށް ޖަވާބު ނުދެވުމުން މިއަދުގެ އަޑުއެހުމުގައި އެ ފުރުސަތު އަލުން ދިނެވެ.

މިއަދުގެ އަޑުއެހުމުގައި ފުލުހުން ބުނީ، ކޯޓު އަމުރަށް އެދުނު އިރު، ފުލުހުންނަށް ކަނޑައެޅުނީ ރައީސް ޔާމީންގެ 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރަން ޖެހޭނެ ކަމަށް ކަމަށެވެ. އެ ޖަވާބު ދިނުމުން ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވީ އެ އަދަދު ފްރީޒް ކުރަން ކޯޓު އަމުރަށް އެދުނު ފޯމުގައި ޖަހާފައިވާނެތޯ އެވެ. ފުލުހުން ބުނީ އެ އަދަދު ކޯޓު އަމުރު ހޯދަން އެދުނު އިރު ޖަހާފައި ނުވާނެ ކަމަށެވެ. އެކަމަކު، ރައީސް ޔާމީންގެ ބޭންކް އެކައުންޓުތަކުގެ ސްޓޭޓްމަންޓުތައް ހުށަހަޅާފައިވާނެ ކަމަށާއި، އެހެންކަމުން އެ އަދަދުތައް ހުށަހެޅިފައިވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ފަނޑިޔާރު ސުއޫދު މިއަދު އިތުރު ސުވާލުތަކެއްވެސް ކުރެއްވި އެވެ. ފްރީޒް ކުރަން އެދުނު ފައިސާއާއި ރައީސް ޔާމީން އެއް މިލިއަން ޑޮލަރު އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓަށް ޓްރާންސްފާ ކުރުމުގެ މުއާމަލާތާ ގުޅެނީ ކިހިނެއްތޯ އެއީ އެއް ސުވާލެވެ. އެ ސުވާލުގެ ޖަވާބުގައި ދައުލަތުން ފާހަގަ ކުރީ، ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ޖަމާ ކުރި ކަމާއި، އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާ ކުރަން އެންގުމުން، އެސްކްރޯ އެކައުންޓަށް ޖަމާ ކުރީ ބީއެމްއެލްގެ އެކައުންޓެއްގައި ހުރި އެހެން ގޮތަކުން ހޯދި އެއް މިލިއަން ޑޮލަރު ކަމެވެ. އެހެންކަމުން، އެ ފައިސާތަކަކީ މަނީ ލޯންޑަރިންއާ ގުޅޭ ފައިސާކަމަށް ދައުލަތުން ބުންޏެވެ.

ފަނޑިޔާރު ސުއޫދު މިއަދު ދެން ސުވާލު ކުރެއްވީ، ފްރީޒް އަމުރު ނެރެން އެދުނު އިރު، ރައީސް ޔާމީންގެ އަށް އެކައުންޓުގައި ހުރި ފައިސާއާއި އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ ފައިސާ ގުޅޭކަން ފުލުހުންނަށް އެނގެނީ ކިހިނެއްތޯ އެވެ. ދައުލަތުން ބުނީ، އޭރު އެސްއޯއެފްގެ ދެ ޗެކަކުން ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވެފައިވާކަން އެނގިފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓުތަކުގެ ތެރެއިން މިހާރު ފްރީޒްކޮށްފައި ހުރީ ކޮން އެކައުންޓުތަކެއްތޯވެސް ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވި އެވެ. ދައުލަތުން ބުނީ މިވަގުތު ކޯޓު އަމުރެއްގެ ދަށުން ފްރީޒްކޮށްފައި ހުރީ އެންމެ ޖެނެރަލް އިންވެސްޓްމެންޓް ޔޫއެސްޑީ އެކައުންޓެއް ކަމަށެވެ.

އެހެން އެކައުންޓުތައް ފްރީޒްކޮށްފައި ނުވަނީ ކީއްވެތޯ ފަނޑިޔާރު ސުއޫދު ސުވާލު ކުރުމުން ދައުލަތުން ބުނީ، އެކައުންޓުތައް ފްރީޒް ކުރި މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުމާ ހެދި، ސުޕްރީމް ކޯޓުން އެ ނޫން ގޮތަކަށް ނުނިންމަނީސް، ދެން މޮނިޓަރިންގެ އަމުރަކާ ނުލައި ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރަން ނޭދެވޭނެ ކަމަށެވެ. ނަމަވެސް، މިހާރު ފްރީޒްކޮށްފައި ހުރި ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓު ފްރީޒްކުރީ ކްރިމިނަލް ކޯޓުން އެ އެކައުންޓާ ގުޅޭ މައްސަލައެއް ސާބިތުވެފަައިވާތީ ކަމަށެވެ. އެ މައްސަލައަކީ ރައީސް ޔާމީނަށް ފަސް އަހަރުގެ ހުކުމް އިއްވި މަނީ ލޯންޑަރިންގެ މައްސަލަަ އެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ އިސްލާމިކް ބޭންކް އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރުގައި އަތް ނުލުމަށް އޭސީސީއިން ކުރިން އަންގާފައިވާ ކަމަށެވެ. އެހެން އަންގާފައި އޮއްވާ، އެހެން ގޮތަކަށް އެއް މިލިއަން ޑޮލަރު ހޯދައި ކުރި އެސްކްރޯ އެކައުންޓުގެ މުއާމަލާތާ ގުޅިގެން ހުރިހާ އެކައުންޓުތަކެއް ފްރީޒްވާން ޖެހެންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނުގެ ފާޑުކިޔުން އަމާޒުވީ ފުލުހުންނަށެވެ.

"އެކަންވެސް ފުލުހުންގެ ތަހުގީގަށް އެނގޭނެ. އެ ހުރިހާ ކަމެއް އެހެން ހުއްޓަކާއެއް ދެން ފުލުހުންނަަށް ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނުލިބޭ އަޅުގަނޑުގެ ހުރިހާ އެކައުންޓުތައް ބަލާކަށް. އަދި އަމުދުން އަޅުގަނޑުގެ އެކައުންޓުތައް ފްރީޒް ކުރާކަށް ނުޖެހޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

"ފުލުހުންގެ ވިސްނުން ހުންނަ މިންވަރަކީ މީހެއްގެ އެކައުންޓުގައި ހުންނާނީ އެ މީހަކަށް މުސާރައިގެ ގޮތުގައި ލިބޭ އެއްޗެކޭ. މީހަަކަށް މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކީ އެ މީހާގެ ފުރިހަމަ އާންމުދަނީ ނޫންކަންވެސް ފުލުހުންގެ ހިޔާލަކަށް ނާދޭ،"

އެމަނިކުފާނުގެ އެކައުންޓުގައި 100 މިލިއަން ޑޮލަރު ހުރުމަކީ ފުލުހުން ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. ފުލުހުންނަށް އައީ އެއް މިލިއަން ޑޮލަރުގެ މައްސަލައެއް ކަމަށާއި ތަހުގީގު ކުރަން ޖެހެނީ އެ މައްސަލަ ކަމަށްވެސް ވިދާޅުވިއެވެ. ފްރީޒް ކުރީ އެ މައްސަލައާ ނުގުޅޭ ފައިސާ ކަމަށްވެސް ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން މަނީ ލޯންޑަރިންގެ ގާނޫނުގެ 62 ވަނަ މާއްދާއާ ހަވާލާދީ ބުނެފައި ވަނީ ލޯންޑާ ކުރި ފައިސާއެކު އެކައުންޓުގައިވާ އެހެން ފައިސާއާއި އެ ފައިސާއާ ގުޅޭ ހުރިހާ ފައިސާއެއް ފްރީޒް ކުރުމުގެ އަމުރަކަށް އެދެވިދާނެ ކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓް ފްރީޒް ކުރުމުގެ އަމުރަކަށް ދައުލަތުން އެދުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގައި ބުނާ މޮނިޓަރިންގެ އަމުރެއް ނެތި ކަަމަށް ރައީސް ޔާމީންގެ ފަރާތުން ބުނެ އެވެ. ނަމަވެސް ދައުލަތުން ބުނަނީ، ފްރީޒް ކުރުމުގެ އަމުރު ނެރުނީ އެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ)ގައި ވާ އިސްތިސްނާ ހާލަތެއް ބޭނުންކޮށްގެން ކަމަށެވެ. ދައުލަތުން ބުނަނީ، އެ އިސްތިސްނާގެ ދަށުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ބޭންކަކަށް ލިޔެގެން ހޯދާ މައުލޫމާތުގެ މައްޗަށް ބަލާ ބެލުމުގެ ތެރެއިން ޖިނާއީ ބޮޑު ކުށެއް ފާހަގަވެއްޖެކަމުގައި ވާނަމަ އެކައުންޓުތައް ފްރީޒް ކުރުމުގެ އަމުރަަކަށް އެދެވިދާނެ ކަމަށެވެ.

ރައީސް ޔާމީން މިހާރު ހުންނެވީ މާފުށީ ޖަލުގަ އެވެ. އެއީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ލޯންޑާ ކުރި މައްސަލަ ސާބިތުވެ އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށެވެ. އެ މައްސަލައިގެ އިތުރުން އެހެން މަނީ ލޯންޑަރިންގެ ދައުވާތަކެއްވެސް އެމަނިކުފާނުގެ މައްޗަށް މިހާރު ވަނީ އުފުލާފައެވެ.

comment ކޮމެންޓް