ހާސިލް - 30

ޑިއުޓީ ނިންމާލާފައި އައި ޒީޝާން ހުރީ ފެންވަރާ ތާޒާވެލަން ބޭނުންވެފައެވެ. އޭރު ރޭގަނޑު ބާރަ ޖަހާ ބޮޑުވެއްޖެއެވެ. ގޭތެރޭގައި އެކަކުވެސް ފެންނާކަށްނެތެވެ. ފެންވަރާލައިގެން ނުކުމެ އެނދުގައި އޮށޯވެލުމަށްފަހު، ޒީޝާން، އޭނާގެ ފޯނު ނަގާ އަރްޒަންއަށް ގުޅައިލިއެވެ. ކަންފަތުގައި ފޯނު ޖައްސައިލި ޒީޝާން ސިއްސައިގެން ދިޔައީ ވަރަށް ބާރަށް އެއްޗެއް ޖެހުނު އަޑު އިވިފައެވެ.

ލިބުނު ސިހުމުގައި އަތުގައި އޮތް ފޯނުވެސް ދޫނުވީ ކިރިއާއެވެ. މޭގައި އަތް ޖައްސައިލިއިރު އެ މޭގެ ތެރޭގައި އޮތް ހިތް ވެސް ހީވަނީ ބޭރަށް ފުންމައިލަފާނެހެންނެވެ. ވަށައިގެން ބަލައި ޒީޝާންގެ ލޮލުގައި ވަޔާ ޖެހުނު ކުޑަ ދޮރު އަޅައިގަތުމާއެކު، ހަމަޖެހުމުގެ ނޭވާއެއް އޭނާއަށް ދޫކޮށްލެވުނެވެ. ފޫހިވައްތަރެއް އަނގަޔަށް ޖައްސައިލަމުން އޭނާ ރަޖާގަނު އެއްފަރާތަށް ޖައްސައިލުމަށްފަހު, ތެދުވެލިއެވެ. އެއަށްފަހު ކުޑަ ދޮރާ ދިމާލަށް އޭނާ ފިޔަވަޅުއަޅަން ފެށިއެވެ. އެ ދޮރު ލެއްޕި ހަނދާން ވިޔެއްކަމަކު ސީދާ ތަންޑު އެޅުވުނު ހަނދާނެއް ނުވިއެވެ. ވުމާއެކު އެއީ މާ ބޮޑުކަމަކަށް ނަހަދާ ޒީޝާން ގޮސް ކުޑަ ދޮރު ކައިރީގައި މަޑުކޮށްލިއެވެ.

ކުޑަ ދޮރު ކައިރީގައި ހުންނައިރު އެއްފަރާތުގައި އޮންނަ ބޯ ހުއިގަސްތައް ރީތިކޮށް ފެނެއެވެ. މަގަށް އަލިކުރަން ޖަހާފައިވާ ދެ ލައިޓްގެ ތެރެއިން އެއް ލައިޓް އަނދާފައިވުމުން އެހެން ރޭރެއާ ބަލާއިރު މިރޭ މާ އަނދިރިކަމަށް ދައްކައެވެ. ޖެހެމުންދިޔަ ވައިރޯޅިތަކުން އަރާމުވި ޒީޝާން ކުޑަ ދޮރު ލައްޕައިލާ އެތެރެއަށް ވަންނަ ޚިޔާލު ދޫކޮށްލާފައި އެތަނުގައި މަޑުކޮށްލިއެވެ. އެއްލި ކަޅިއަކުން އެ ބޯ ހުއި ގަސްތަކުގެ ތެރެއަށް ވަދެގެން އެތެރެއަށް ދިޔަ މީހަކު އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ ހިސާބުގަނޑު އަނދިރިކަމުން ސީދާ ކާކުކަން ވަކިކުރަން ނޭނގުނެއްކަމަކު، އެއީ ހަމަ ގައިމުވެސް އަންހެނެއްކަން ޒީޝާންއަށް ޔަޤީނެވެ. އޭނާ ލޯ ހަނިކޮށްލަމުން އަދިވެސް އެއްފަހަރު އެ މީހާއަށް ވަރަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. ބަލާބެލުމަށް އެމީހަކު ގެ އިސްތަށިގަނޑު ދިގެވެ. ހަމަގައިމުވެސް އެ އިސްތަށިގަނޑުގެ ދިގުމިން އޭނާގެ އުނަގަނޑުން ތިރިއަށް އަރާނެއެވެ. ވަކި ހިސާބަކުން އެ މީހާ ހުއްޓިލިއެވެ. އެއަށްފަހު އެ ހުރި ގޮތަށް ހުރެ އިސްއުފުލާލާފައި ސީދާ ޒީޝާންއާ ދިމާލަށް ބަލައިލިއެވެ. ހީވަނީ ހަތަރުކަޅި ހަމަކޮށްލީހެންނެވެ. ޒީޝާންއަށް ކުއްލި ސިހުމެއް ލިބުނެވެ. އޭރު އެމީހާގެ ނަޒަރު ހުރީ ސީދާ އޭނާއާ ދިމާލަށެވެ. ހީވަނީ ޒީޝާން ބަލަން ހުރިކަން ޔަޤީންވެ ހުރެ ބަލައިލިހެންނެވެ. ހިންދިރުވައިލި ޒީޝާންއަށް ބޭއިޚްތިޔާރުގައި ފޯނު ކަންފަތާ ދުރުކޮށްލެވުނެވެ. އޭރު އެކޮޅުން އަރްޒަން ހަލޯ އޭ ބުނެލި އަޑު އޭނާގެ ކަންފަތުގައި ޖެހުނުނަމަވެސް، ސިހިފައި ހުރި ޒީޝާންއަށް އެކަން މާބޮޑަކަށް ފާހަގައެއް ނުކުރެވުނެވެ. މީހާގެ ގައިން ހީބިހި ހަލުވައިލިއެވެ.

ޖެހެމުންދިޔަ ވައި ރޯޅިތަކުގެ މަޑުމަޑު މިއުޒިކާ އެއްވަރަށް އޭނާގެ ފަންއިސްތަށިގަނޑު ނަށަމުން ދިޔައެވެ. ޖެހެމުންދިޔަ ތެތްފިނި ވައިރޯޅިތައް ހިނދެއްހިނދަކަށް ބާރުވަމުންދިޔުމުގެ ސަބަބުން ޒީޝާންއަށް އޭނާގެ މޭގައި ދެއަތުން ހުރަސްކޮށްލެވުނެވެ. އެމީހާ ގޮސް ގެއްލެންދެން ޒީޝާންއަށް ބަލަން ހުރެވުނެވެ. އެއީ ކާކުހެއްޔެވެ؟ ދަންވަރު މިއޮށްފަދަ ގަޑީގައި އެއްވެސް ބިރެއްނެތި، އެ ގަސްތަކުގެ ތެރެއަށް ވަދެގެން ދާންކެރޭނީ ހާދަ ބިރުކުޑަ މީހަކަށް ވީމަތާއެވެ. ތަފާތު އެކިއެކި ސުވާލުތަކުން ޒީޝާންގެ ސިކުނޑި ފުނިޖެހެމުން ދިޔައެވެ.

އެފަދަ ވިސްނުންތަކެއްގައި ހުއްޓައި އޭނާއަށް ސިހުން ގެނުވީ ރިންގް ވި ފޯނުގެ އަޑާއެކުއެވެ. އަތުގައި އޮތް ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓައިލަމުން ޒީޝާން ހިނިތުންވެލިއެވެ. ފޯނަށް ޖަވާބުދެމުން ކަންފަތުގައި ޖައްސައިލުމާއެކު، އަރްޒަން ވާހަކަ ދެއްކިއެވެ.

"ޒީ. ކީއްތިކުރީ؟ ފޯނު މައްސަލަތަ؟ ހަލޯ އޭ ކިޔަކިޔާ އަނގައިން ނުބުނީމަ ކަނޑައިލާފަ މި ގުޅީ..."

"އެހެންތަ؟ ޒޭން ފޯނު ނެގިންތަ؟" ޒީޝާންއަށް އަހައިލެވުނެވެ. ވެދިޔަކަންތައް މަތިން ހަނދާން ނައްތައިލެވޭތޯ، މަސައްކަތްކުރަމުން ޒީޝާން ކުޑަ ދޮރު ލައްޕާލާފައި، އައިސް އެނދުގައި އޮށޯވެލިއެވެ. ކޮންމެވެސް ވަރަކަށް ވީ ގޮތް އޭނަ އަރްޒަންއަށް ކިޔައިދިނީ އަރްޒަން ސުވާލުކުރަން ފެށުމުންނެވެ. ދެމީހުން އެތައް އިރަކު ވާހަކަ ދައްކަން ތިއްބެވެ.

އެގޮތަށް ގުޅައިގެން ވާހަކަދައްކާ ކޮންމެ ފޯނު ކޯލަކީ އެ ދެ ލޯބިވެރިންގެ ދެމެދުގައި ވާ ލޯބި ފުންވާ ފަހަރެކެވެ. އެ ދެމެދުގައި އޮތް އިތުބާރު އިތުރަށް ބާރުގަދަވާ ފަހަރަކެވެ. ވެވޭ ކޮންމެ ވަޢުދަކީ ހިތާ ފުރާނައިން އެކަކު އަނެކަކަށްޓަކާ ވާ ލޯބީގެ ރަމްޒެކެވެ. ކުރާ ކޮންމެ ހުވާޔާ އަހުދަކީ އެ ދެމެދުގައި އޮތް ވަރުގަދަ ލޯތްބާއި މަތިވެރިގުޅުން ހާމަކޮށްދޭ އެއްޗެކެވެ. ދެހިތުގައި ޖަހާ ވިންދާ އެ ވިންދުން ކުޅޭ މިއުޒިކަކީ އެ ދެމެދުގައި އުފެދިގެން އުޅޭ އިޝްޤީ ޖަޒުބާތުތަކުގެ އިޝާރަތަކަށް އެކަނިވެސް ފުދޭ އެއްޗެކެވެ. ދުލުން ބޭރުވާ ކޮންމެ ލަފުޒެއްގައި ވަނީ ބުނެދޭން ނޭނގޭ ފަދަ އަސަރެކެވެ. ޒީޝާންއާ އަރްޒަން އާ ދެމީހުންގެ ދެމެދުގައި އޮތް ލޯބި އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިފަޅައި ހެދެމުން އެ ލޯބީގެ ބަގީޗާއަށް އިތުރު ފުރުހަމަކަމެއް ގެނެސްދެމުން ދިޔައެވެ. އެ ދެ ލޯބިވެރިންނަށް ފެންނަމުން ދިޔައީ އަމާން މަގެކެވެ. އެއްވެސް ނުރައްކަލެއް، ހާސްވެ ކަންބޮޑުވާން ޖެހޭވަރުގެ ކަމެއްނެތް ސާދާމަގެކެވެ. ލޯބީގެ މާތަށް ފަރިވެ ފޮޅެމުންދާ ބަގީޗާއެކެވެ. އެހެންނަމަވެސް... ތަޤުދީރު އެގޮތުގައި އެލޯތްބަށް ފުރުސަތު ދީފާނެހެއްޔެވެ؟ ބޭނުންވާހާ އުފާތައް އެ ދެލޯބިވެރިންގެ އަތަށް ވެދުންކޮށްފާނެހެއްޔެވެ؟

*****

ދުވަސްތައް ފާއިތުވެގެން ގޮސް ރައުދާގެ ރައުދާގެ ޢިއްދައިގެ މުއްދަތު ހަމަވުމާއެކު، ޚުދު އަޔާންއަށް ވެސް ރައުދާ އާ ކަމާލާ ދެމީހުން އެކަކު އަނެކަކާ އެކު މާގިނައިން ފެންނަން ފަށައިފިއެވެ. އެކަމުން އޭނާގެ ހިތަށް ތަދުވި ނަމަވެސް، އިތުރަށް ރައުދާ އާ ގުޅުމުގެ ޚިޔާލު އަޔާން ބޭނުންވީ އެ ހިތުން ނެރެ އެއްލައިލާށެވެ. މިހާރު ރައުދާ އަކީ އޭނާއަށް ހިލޭ މީހެކެވެ. އެހިތުގައި ރައުދާއަށްޓަކައި ލޯބީގެ ޒަރެއްގެ މިންވަރެއްވެސް ވާނަމަ އޭނާ ބޭނުންވަނީ އެ ލޯބި ކަފުންކުރާށެވެ.

ޖިނާންއާއި އާރާއި ދެމީހުންގެ ގުޅުންވެސް ބަދަހިވަމުން ދިޔައެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އާރާގެ ހިތުގައިވެސް، ޖިނާންއަށްޓަކައިވި އިޙްސާސްތައް ފުންވާން ފެށިއެވެ. އެ ހިތުގައި ޖިނާންގެ ނަން މަޑުމަޑުން ފެވެން ފެށިއެވެ. ރަފްހާންގެ ފަރާތުން އޭނާގެ ހިތުގައިލީ ޒަޚަމްތައް ފަސޭހަވާން ފެށިއެވެ. ހުރިހާ ފިރިހެނުން އެއްގޮތެއް ނުވާނެކަމުގައި ޖިނާންގެ ކޮންމެ އަމަލަކުން ޖިނާން ދިޔައީ ސާބިތު ކޮށްދެމުންނެވެ. ޖިނާން އެއްވެސް ކަމެއްގައި އާރާއަށް މަޖުބޫރެއް ނުކުރެއެވެ. އާރާގެ ކޮންމެ ނިންމުމަކަށް އޭނާ އިޙްތިރާމް ކުރެއެވެ. ޖިނާން ކެތްތެރިވިއެވެ. އެ ކެތްތެރިކަމުގެ މޭވާ ވަރަށް ވެސް ފޮންޏެވެ. ޖިނާންގެ އެ މިޒާޖު އާރާގެ ހިތުން ޖާގައެއް ކަށަވަރު ކުރާކަށް މާ ގިނަ ދުވަހެއް ނުނެގިއެވެ. އަދިވެސް ރަފްހާންގެ އުނދަގޫ ދޭތެރެ ދޭތެރެއިން އާރާއަށް ކުރިމަތިވެއެވެ. ރަފްހާންގެ އެ ހުރިހާ އުނދަގޫތަކާ އެކުވެސް އާރާއަށް ކެތްތެރިވާން ލިބުނު އެންމެބޮޑު އެއް ހިތްވަރަކީ ގާތުގައި ހުރެ ޖިނާން އޭނާއަށް ދިން ހިތްވަރެވެ. އެހީތެރިކަމެވެ. ޖިނާންގެ ފަރާތުން ކެނޑިނޭޅި އޭނާއަށް ލިބެމުންދިޔަ ލޯބިވެސްމެއެވެ.

ރާކިންގެ ހިތުގައި އަރްޒަންއަށް ނަފުރަތުގެ އަލިފާން ރޯވަމުން ދިޔައިރު، ޒޭބާގެ ހިތުގައި ދިޔައީ ޒީޝާންއަށްޓަކައި ނަފުރަތުގެ ދިލަހޫނުކަން އަނދަމުންނެވެ. ޒީޝާން ފެންނަ ކޮންމެ ފަހަރަކު ޒީޝާން ނޮޅާ ކައިލަފާނަމޭ ޒޭބާގެ ހިތަށް އަރާ ފަހަރުވެސް މަދެއް ނޫނެވެ. ކިތަންމެ ވަރަކަށް އޭނާ ރާކިންގެ ހިތުން ޖާގައެއް ކަށަވަރު ކުރަން އުޅުނު ނަމަވެސް، އެކަންކުރަށް އޭނާއަށް ފުރުސަތު ނުލިބެނީ ރާކިންއާ އޭނާއާ ދެމެދު އެ ޒީޝާން ހުންނާތީއެވެ. އޭނާގެ ލޯތްބަށް އޮތް ހަމައެކަނި ހުރަހަކީ އެ އެއީއެވެ.

*****

ފްލައިޓް ނިންމާލާފައި ގެއަށްއައިސް ވަތް އަރްޒަން އެއްޗެހި ބެއިލުމަށްފަހު، ލޯގަނޑު ކުރިމަތީގައި ހުއްޓިލިއެވެ. އަތުގެ ކޮނޑަށް ބަލައިލުމަށްފަހު، އޭނާ ނޫފައިގަނެފައި ވާތަނުގައި އަތްޖައްސައިލިއެވެ. އެތަން އެގޮތަށް ހުންނަތާ އެތައް ދުވަހެއް ވެގެން ދިޔައިރުވެސް އެކީ ރަނގަޅުވާގޮތެއް ނުވި އެވެ. އަދިވެސް ކޮންމެވެސް ވަރަކަށް ތަދުވެއެވެ. ލަކުނު ފިލަނީ ވެސް އެހާ ލަސްލަހުންނެވެ. އޭނާ އެތަނުގައި އަތް ޖައްސައިލިއެވެ. ކުޑަކޮށް ފިތައިލިއެވެ. މިހާރު ވަރަށް ބޮޑަށް ވެސް ތަދު މަޑެވެ. ދުވަހެއް ދުވަހަކަށް ތަދު މަޑުވަމުން ދިޔައީތީ އަރްޒަން އެކަން މާ ބޮޑުކަމަކަށް ނަހަދައެވެ. އޭރުވެސް އެއީ ކިހިނެއްވެފައިހުރި ތަނެއްކަމެއް ވިސްނާ ވިސްނާ ވެސް އޭނާގެ ސިކުނޑިއަށް ނަގައިގަނެވޭ ގޮތެއް ނުވިއެވެ.

ފެންވަރާލައިގެން އައިސް އެނދުގައި އޮށޯވެ ރަޖާގަނޑު ގައިގައި އަޅައިލި އަރްޒަން ފޯނުން ފޭސްބުކަށް ވަދެލިއެވެ. ހޮންގްކޮންގަށް ކުރި ދަތުރުގައި އޭނާ ނެގި ބައެއް ފޮޓޯތައް ފޭސްބުކަށާއި، އިންޓަގްރާމަށް އަޕްލޯޑް ކޮށްލިއެވެ.

އެކަންކޮށް ނިންމައިލުމަށްފަހު، އަރްޒަން އެ ފޮޓޯތަކަށް އަދިވެސް އެއްފަހަރު ބަލައިލިއެވެ. އޭނާ ޕާކުގެ އެއްފަރާތުގައި ހުރި ފިނިފެންމާ ބަގީޗާގެ ތެރޭގައި ނަގާފައިހުރި ފޮޓޯގަނޑަށް ބަލައިލި ވަގުތު ކުރިން އެއްފަރާތު ބެންޗެއްގައި އިށީނދެގެން އިނދެ ނެގި ފޮޓޯގަނޑާ އެ ފޮޓޯގަނޑުގައިވާ އެއްގޮތްކަމެއް ފާހަގަކުރެވުނެވެ. އެއާއެކު އޭނާއަށް ބޭއިޚްތިޔާރުގައި ދެ ބުމަ ގާތް ކޮށްލެވުނެވެ. ފޯނުގެ ސްކްރީން ލޮލާ ކައިރިކޮށްލުމަށްފަހު، އަރްޒަން އަދިވެސް އެއްފަހަރު އެ ދެ ފޮޓޯގަނޑަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. ދެ ފޮޓޯގަނޑުގައި ވެސް އޭނާގެ ވާއަތް ފަރާތު ފަހަތުގައި ތަންކޮޅެއް ދުރުގައި ކަޅުހެދުމެއްގައި އަންހެނަކު ހުއްޓެވެ. އެމީހާގެ އެއް އަތް ވަނީ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް މަހާލެވިފައެވެ. ހުއްޓި ހުރީ އަރިއަކަށްކަމަށް ފޮޓޯގަނޑަށް އަރަނީ އެ މީހެއްގެ މޫނުގެ އެއް ފަޅިއެވެ. މޫނުވެސް ސާފުވާގޮތެއް ނުވެއެވެ. އަރްޒަން އެކި ގޮތްގޮތުން ފޯނު އަރިކޮށްގެން ވެސް ބެލިއެވެ.

"ދެ ފޮޓޯގަނޑުގައި ވެސް ހަމަ އެއްގޮތަކަށް..." އަރްޒަންއަށް އަމިއްލަ ނަފްސަށް އަޑު އިވޭވަރަށް ބުނެވުނެވެ. އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ އޭނާ ލެޕްޓޮޕް ހުޅުވާލައިގެން މާދަމާގެ ޝެޑިއުލް އޮތް ގޮތެއް ބަލައިލަން އަވަސްވިއެވެ. އެންމެ އަވަހަށް ވެސް ފްލައިޓެއް އޮތީ މާދަމާ ރެއެވެ.

ލިބުނު ހިންހަމަ ޖެހުމާއެކު، އަރްޒަން ލޯ މަރައިލީ ނިދާލުމުގެ ބޭނުމުގައެވެ. ޒީޝާން ވެސް މި ގަޑީގައި އުޅޭނީ ފްލައިޓް މަތީގައެވެ. އަމާން ދަތުރަކަށް އެދިފައި ރޭގަނޑުގެ ތައުޒިޔާ ފޮނުވާލި އަރްޒަން އަރާމު ފޮނި ނިންޖެއްގެ ތެރޭގައި ޢަރަގުވިއިރު އޭނާގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ.

*****

އަލަމާރިން ނެގި ޓީޝާޓް އިލްހާމް އަތަށް ދެމުން ހިންދު އިލްހާމަށް ފުންނަޒަރެއް ދިނެވެ.

"ކިހިނެއްވީ ލޯބިވާ؟ އަހަރެން މިރޭ މާރީރީތަ ތިހާވަރަށް ތިބަލަނީ. ފިރިހެނެއްކަމަކު އަހަރެންވެސް ލަދުގަނެޔޭ އިނގޭ..." އިލްހާމް ސަމާސާ ކޮށްލަމުން އޭނާގެ ލޯބިވާ އަނބިމީހާގެ ކޯތާފަތުގައި ފިރުމައިލިއެވެ. ކައިވެންޏަށް އެތައް އަހަރެން ފާއިތުވެފައިވީއިރު ވެސް އެ ދެމެދުގައި އޮތް ލޯބި އަދިވެސް ހުރީ ވަރަށް ތާޒާކޮށެވެ. ޅަ ދުވަހެކޭ ތަފާތެއް ނެތެވެ. މިއަދާ ހަމައަށް އެއްވެސް މައްސަލައެއް ނުޖެހި ދެމަފިރިން އެކުގައި އެހާ ލޯބިން އުޅުމުގެ ސިއްރަކީ އެ ދެމެދުގައި އޮތް އިތުބާރާއި ލޯބިވެތި އާދަތަކެވެ. ހިންދުގެ މޫނުމަތިން ފެނުނު ލަދުވެތި އަސަރުތައް އިލްހާމްގެ ހިތާ ކުޅެލިއެވެ. އެއީ އަދިވެސް އެ ހިންދެވެ. އަދިވެސް ހިންދުގެ އެ ލަދުވެތިކަމަށް ބަދަލެއް ނާދެއެވެ. އޭނާ ހިންދުގެ އެންމެ ގަޔާވާ ސިފައަކީވެސް އެއީއެވެ. ހިންދުގެ ގައިގައި ކުޑަކޮށް ބައްދައިލަމުން ގެނެސް އެނދުގައި ބައިންދާފައި އިލްހާމް ހިނދުގެ ކަކުލުގައި އަތް ޖައްސައިލިއެވެ. އެއަށްފަހު ވާހަކަ ދެއްކިއެވެ. އޭނާ އިނީ ޓައިލްސްތަކުމަތީގައި ކަކޫ ޖައްސައިލައިގެންނެވެ.

"ދެން ބުނަން ބޭނުންވެގެން ތި އުޅޭ އެއްޗެއް ބުނެބަލަ! ކޮންމެވެސް ވާހަކައެއް ބުނަން އުޅޭކަން އަހަންނަށް އެބަ އެނގޭ." އިލްހާމް ހިންދުގެ އަތުގައި ހިފައިލިއެވެ. އަދި އޭނާގެ އަތުން ހިންދުގެ އަތަށް ބާރުކޮށްލިއެވެ.

"އަހަންނަށް ހީވަނީ ޒީޝާން ކޮންމެވެސްކަމެއް ކުރޭހެން އެބަ... އެހެން މިބުނީ މިހާރަކަށް އައިސް މާގިނައިން ފޯނެއްގައި ހުންނަތަން އަހަންނަށް ފެންނާތީ. ހިތަށް އަރަނީ އަނެއްކާ ޒީ އެކަހަލަ ކަމެއް ކުރަނީބާއޭ؟ މި ޒަމާނުގައި ގޮތް ނޭނގޭ ކުދިންނާ ވާހަކަ ދެއްކުން ރަނގަޅެއް ނުވެސް ވާނެ!"

"ހެހެ. އެއީވެސް ބޮޑުވެފައި ހުރި ކުއްޖެކޭ. އަބަދަކު ކުއްޖަކާ ރައްޓެހިނުވެއެއްވެސް ނުހުންނާނެއެއްނު. ކޮންމެވެސް ދުވަހަކުން ޒީ ވެސް ހަޔާތެއް ފަށަން ޖެހޭނެއެއްނު."

"އެކަމަކު އަހަރެން ބޭނުމެއް ނޫން ޒީ އަހަރެމެން ދޫކޮށްލާފަ ދާކަށް. އަހަންނަށް ކެތެއް ނުކުރެވޭނެ. އަނެއްކޮޅުން އެއީ ކޮން ކަހަލަ ކުއްޖެއްކަމެއްވެސް އަހަރެމެންނަކަށް ނޭނގޭނެއެއްނު. ކޮންމެ ކޮންމެ ކުއްޖަކާ އަހަރެން ދަރިފުޅު ހަވާލުކުރާކަށް ނުކެރޭނެ. އަހަރެމެންގެ ދަރިފުޅު އަހަރެމެން ގެންގުޅުނީ ވަރަށް ލޯބިން. މި ވަރުގެ ކުޑަ ކުޑަ ކޫރުމެއްވެސް އެ ދަރިފުޅުގެ ގައިގައި އެޅިފައި ނުހުންނާނެ." ހިންދު އޭނާގެ އަތުގެ ބޮޑު ވާއިނގިލިން އިޝާރާތް ކޮށްލަމުން ބުނެލިއެވެ.

"ރިލެކްސް! ހަމަޖެހިބަލަ... އަހަންނަށްވެސް ވަރަށް ބޮޑަށް ތިކަންތައް ފާހަގަވޭ. އެކަމަކު ހިންދުއަށް ފާހަގައެއް ނުކުރެވޭތަ އެ ދަރިފުޅުގެ މޫނުމަތީގައި ހުންނަ އުފާވެރިކަން. އެ ހިންހަމަޖެހުން. އެ އަސަރު އެމޫނުމަތީގައި ހުންނާތީ އަހަރެން މާ ބޮޑަށް ހިންހަމަ ޖެހޭ. އަހަރެންނަށް ޔަޤީން ޒީ އެއް ގޯސް ކުއްޖެއް ޚިޔާރެއް ނުކުރާނެ. ދެން މާ ބޮޑަށް ހާސްނުވޭ. އަހަރެން ގާތު އަހަރެންގެ އެކުވެރިއަކުވެސް ޒީގެ ކައިވެންޏާ ބެހޭގޮތުން ވާހަކަ ދެއްކި. ޒީ ކުއްޖަކާ ރައްޓެހިވެގެން އުޅޭހެން ހީވެ އަހަންނަށް ވެސް އެ ވާހަކަ ފަސްކޮށްލެވުނީ. ދެން އެހާ ކަންބޮޑުނުވޭ!. އަހަރެން ޒީއާ އެ ވާހަކަ ވެސް ދައްކާނަން. އޭރުން އެނގިދާނެތާ ޒީ ބުނާ އެއްޗެއް" އިލްހާމް ބުނެލިއެވެ.

އެތައް އިރަކު ވާހަކަ ދައްކަން ހިންދުއާ އިލްހާމްއާ ދެމީހުން ތިއްބެވެ. *****

"ނޫން... ނޫން...ނޫން" ސިހިފައި ހޭލެވުނު އަރްޒަންއަށް ފުންކޮށް ނޭވާލާން ފެށުނެވެ. އޭނާ ވަށައިގެން ހޯދައިލިއެވެ. އޭރު މުޅި މީހާގެ ގައިގައި ފިނިދަލެއް ހިއްލާލާފައިވެއެވެ. ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިލުމާއެކު އަރްޒަންއަށް މޭގައި އަތް ޖައްސައިލެވުނެވެ. ފެނުނީ ހުވަފަނެކެވެ. މާ ރަނގަޅަށް ވީ ގޮތް ހަނދާނަކު ނެތެވެ. ފަނޑުފަނޑުކޮށް ކުލަ މަޑު ތަސްވީރުތަކެއް ފަދަ މަންޒަރުތަކެއް ފެނިފައި ގެއްލުނު ފަދައެވެ. ސިކުނޑިއަށް ބާރުކުރަން ފެށުމާއެކު އަރްޒަންއަށް ބޮލުގައި ހިފައްޓައިލެވުނެވެ.

ވަށައިގެން ބަލައިލުމަށްފަހު، ކަބަޑުމަތީގައި ހުރި ފެންތަށި ގަނާ އެއްނޭވާއިން ފެންތަށި ދަމައިލިއެވެ. އެއަށްފަހު އޭނާ އެ ހުވަފެނުގައި ފެނުނު އެއްޗެހި ހަނދާނަށް ގެނެވޭތޯ މަސައްކަތް ކުރިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު