ގުރުއާނުގެ ނޫރުން: ބަގީޗާގެ އަހުލުވެރިންގެ ވާހަކަ

ކީރިތި ގުރުއާނުގައި މާތްﷲ ވަނީ އެކި ކަންކަމާއި ގުޅޭގޮތުން އެތަކެއް މިސާލު ބަސް ޖައްސަވާފައިވެއެވެ. މިފަދަ އެއް މިސާލަކީ ސޫރަތުލް ގަލަމްގައި މާތް ނަބިއްޔާއަށް، އެކަލާނގެ ދެއްކެވި މިސާލެކެވެ.

ނަބިއްޔާ މުހައްމަދުގެފާނަށް މައްކާގެ މުޝްރިކުންގެ ފަރާތުން އެތަކެއް ދުއްތުރާތަކާއި އުނދަގޫތަކެއް އޭރު ލިބިވަޑައިގެންނެވިއެވެ. މާތްﷲ ވަހީކުރައްވަނީ އެއީ އެބައި މީހުންނަށް މާތްﷲ ބާވައިލެއްވި އިމްތިހާނެއްކަމުގައެވެ. މި އުންމަތަށް އިސްލާމްދީނުގެ ހިދާޔަތުގެ އަލިގަދަ ނޫރު ފޯރުކޮށްދެވުމުގައި އެކަލޭގެފާނު އުޅުއްވިއިރު، އެ މަތިވެރި ނިއުމަތަށް ފުރަގަސްދީ ގަބޫލުނުކުރި މީހުންނަކީ ހަގީގަތުގައި މި އިމްތިހާނުން ފެއިލްވި މީހުންކަމުގައިވެސް ﷲ ވަހީކުރެއްވިއެވެ.

މިގޮތުން މާތްﷲ ވަނީ މާކުރީގެ ޒަމާނެއްގައި، ބަނީ އިސްލާއިލުންގެ ތެރެއިން މީހެއްގެ ވާހަކަ ބަޔާންކުރައްވާ މިސާލު ޖައްސަވާފައެވެ.

މިއަދުގެ ގުރުއާނުގެ ނޫރުން މި އެޕިސޯޑުގައި ޝެއިޚް ނިމާލް މުހައްމަދު ކިޔައިދެއްވަނީ މި ދެންނެވި މިސާލުގެ ވާހަކައެވެ. މުއްސަނދިކަމާއި ތަނަވަސްކަމުން ފުރިގެންވީ ބައެއްގެ އެ ނިއުމަތް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ﷲ ފިއްލެވިގޮތުގެ ކުޅާދުންވަންތަކަމާއި އޭގައި ހިމެނޭ މުހިންމު ފިލާވަޅެވެ.

"ބަގީޗާގެ އަހުލުވެރިން"ގެ ގޮތުގައި ގުރުއާނުގައި ސިފަކޮށްފައިވާ މި މީހުންނަކީ މުދާ ގިނަ ތަނަވަސް ބައެކެވެ. މޭވާ އަޅާ ފެހިކަން ގިނަ ގަސްތަކުން ފުރިގެންވީ މި ބަގީޗާގެ ވެރިއަކީ މުދާވެރި ހެޔޮލަފާ ސޯލިހު މީހެކެވެ. އެ ގަސްތަކުގައި މޭވާއަޅައި ދޮންވެ ފައްކާވުމުން އެ މޭވާތަކުން ބައެއް މިސްކީނުންގެ މެދުގައި ބަހައެވެ.

ﷲ ތަޢާލާ އޭނާގެ މި އަމަލަށް ލޯބިވެވޮޑިގެން، އެކަލާނގެ ދީލަތިވަންތަކަމުން އޭނާގެ ބަގީޗާއަކީ ކޮންމެ މޫސުމެއްގައިވެސް ތިޔާގިކަން ލިބޭ ބަގީޗާއެއް ކަމުގައި ލެއްވިއެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ﷲގެ މަގުގައި ހޭދަުރާ މީހާއަށް އެކަމުގެ ހެޔޮ ޖަޒާ ދުނިޔެއާ އާހިރަތުގައިވެސް ލިބިގެން ދެއެވެ.

އޭނާގެ މި ހެޔޮ އަމަލު ދިގުދެމިގެން ދިޔައީ އޭނާގެ ފަހު ނޭވާއާއި ހަމައަށެވެ. މަރުވެ، ދަރިންނަށް އެ ބަގީޗާ ވާރުތަވުމުން އެކުދިންގެ ފުށުން ފެނިގެންދިޔައީ އޭނާ ދުވަހަކުވެސް ދުށުމަށް އެދޭނެފަދަ ކަމެއް ނޫނެވެ. އެކުދިންގެ މެދުގައި މަޝްވަރާކޮށްގެން ނިންމީ އެ ބަގީޗާއިން މިސްކީނުންނަށް މޭވާ ދިނުން ހުއްޓާލާށެވެ. އަދި މިސްކީނަކު ބަގީޗާއަށްވެސް ނުދައްދާށެވެ. އަދި މޭވާ ކަނޑާ ދުވަހު ހެނދުނު ހެނދުނާ ގޮސް މޭވާ ކަނޑައި އެއިން ވިޔަފާރިކޮށް ވިޔަފާރި ފުޅާކޮށް، އިތުރު ބަގީޗާ ގަނެ މިލްކިއްޔާތު އިތުރުކުރާށެވެ.

ﷲ ވަހީކުރައްވާފައިވެއެވެ.

إِنَّا بَلَوْنَاهُمْ كَمَا بَلَوْنَا أَصْحَابَ الْجَنَّةِ إِذْ أَقْسَمُوا لَيَصْرِمُنَّهَا مُصْبِحِينَ - 68:17 [ސޫރައް އަލް ގަލަމް]

މާނައީ: އެއުރެން ހެނދުނު ހެނދުނާ މޭވާ ބިންނާނޭކަމަށް ހުވާކުރިހިނދެވެ. އަދި އެއުރެން استثناء އެއް ނުކުރެތެވެ. (އެބަހީ: إن شاء اللَّه އޭ ނުބުނެތެވެ.)

ނަމަވެސް މާތް ﷲގެ ރޭވުންތެރިކަން މާ މޮޅެވެ. އެކަލާނގެއަކީ އެންމެ ހިކްމަތްވަންތަވެރި އިލާހެވެ.

އެ ދަރިން ރޭވިރޭވުމާއި އެއްގޮތަށް ހެނދުނު ހެނދުނާ ތެދުވެ ބަގީޗާއަށް ދިއުމަށްޓަކައި ހިނގައިގަތެވެ. އެއްވެސް ކަހަލަ ފިކުރެއް ޚިޔާލެއް ނެތި ބަގީޗާއާއި ހިސާބަށް އާދެވުނު ފެންނަނީ ކަޅު އަނދިރި ރެއެއް ފަދައިންނެވެ.

فَأَصْبَحَتْ كَالصَّرِيمِ - 68:20 [ސޫރައް އަލް ގަލަމް]

މާނައީ: ދެން އެ ބަގީޗާގެ ގަސްތައް އަނދައި، ކަޅު އަނދިރި ރޭގަނޑެއް ފަދައިން ވިއެވެ،

މުޅި ބަގީޗާ އޮތީ، އެއްކޮށް އަނދައި ހުލިވެފައެވެ. އެންމެ ފުރަތަމަ އެމީހުންނަށް ހީވީ މަގުއޮޅުނު ހެންނެވެ. ނަމަވެސް ދެން ވިސްނުނެވެ. އަދި ބުނެވުނެވެ.

بَلْ نَحْنُ مَحْرُومُونَ - 68:27 [ސޫރައް އަލް ގަލަމް]

މާނައީ: އަދި ކިއެއްތަ! ތިމަންމެންނީ (އެ ބަގީޗާގެ މޭވާތަކުން) މަހްރޫމްވެގެންވާ ބަޔަކީމުއެވެ.

އެހެންކަމުން މާތްﷲ މި މިސާލުން މި އަންގަވައިދެއްވަނީ ކީރިތި ނަބިއްޔާއަށް ދުއްތުރާކޮށް ޖެއްސުންކޮށް އިންކާރު ކުރި މުޝްރިކުންނަށް އެކަލޭގެފާނަކީ އަގުހުރި ނިއުމަތެއްކަމަށެވެ. އަދި ހަމައެޔާއެކު، ތަނަވަސްކަމުގެ އަހުލުވެރިން އެމީހުންގެ މުދަލުން ފަގީރުންނާއި މިސްކީނުންނަށް ހޭދަކުރުން މަދުކޮށްފިނަމަ ނުވަތަ ހުއްޓާލައިފިނަމަ ﷲ ސުބުހާނަހޫ ވަތައާލާގެ ކޯފާ އެމީހަކަށް ޖެހިދާނެ ކަމެވެ.

އެހެންކަމުން އަޅުގަނޑުމެންގެ މި ހަޔާތުގައި ބަގީޗާގެ އަހުލުވެރިންގެ ވާހަކައިން އިބްރަތް ހާސިލްކޮށް ލިބިފައިވާ ނިއުމަތަށް ޝުކުރުވެރިވެ، ތިމާގެ ތަނަވަސްކަމާއި، މުއްސަނދިކަމުގައިވާ ފަގީރުންގެ ހައްގަށް ރައްކާތެރިވާންޖެހެއެވެ. އަދި ކިތަންމެ ވަރަކަށް ކަންކަން ރާވާއި އިންތިޒާމު ކުރިއަސް މާތްﷲގެ ކުޅަދުންވަންތަކާއި ދެނެވޮޑިގަތުން މާ މަތިވެރިވެގެންވާކަން ގަބޫލުކުރަންޖެހެއެވެ.

comment ކޮމެންޓް