މަރަދޫ އަދި މަރަދޫފޭދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ ފެނަކަ އާ ހަވާލުކޮށްފި

އައްޑޫ ފޭދޫ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަރަދޫ އަދި މަރަދޫ ފޭދޫގެ ނަރުދަމާ ނިޒާމު ގާއިމް ކުރަން ބޭނުންވާ ހުރިހާ މަސައްކަތެއް ނިންމައި ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެމްޓީސީސީ އިންނެވެ. އެމްޓީސީސީ އިން ބުނީ މިހާރުު ކުރިއަށްދަނީ ފޭދޫގެ ސީއައުޓްފޯލްގެ ރެޓިފިކޭޝަން މަސައްކަތް ކަމަށެވެ.

މަރަދޫފޭދޫ އަދި މަރަދޫގައި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ނިންމައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލު ކުރުމުގެ ކުރިން، އެދެ ރަށުގެ ޕަމްޕިންގ ސްޓޭޝަން، ޕެނަލް ބޯޑުތައް އަދި ޓްރާންސްފާ ސްޓޭޝަންތައް އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަން އަދި ކޮންސަލްޓެންޓުންގެ ޓީމުން ބަލައި ފާސްކޮށްފައި ވާކަމަށް އެމްޓީސީސީ އިން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން އެ ދެ ރަށުގައި 289،10 މީޓަރުގެ ހޮޅި ވަޅުލައި، މަރަދޫގެ ޓްރާންސްފަރ ސްޓޭޝަންގައި 720 މީޓަރުގެ ސީއައުޓްފޯލްއެއް ގާއިމުކޮށްފައިވެއެވެ.

އޭގެ އިތުރުން، އެމްޓީސީސީގެ ޕްރޮޖެކްޓްސް ޓީމުގެ ފަރާތުން ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުންނަށް ނަރުދަމާ ނިޒާމް ބެލެހެއްޓުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ތަމްރީނުކުރުމުގެ ސެޝަންތަކެއް ބޭއްވި ކަމަށްވެސް އެމްޓީސީސީ އިން ބުންޏެވެ.

އެއީ 62.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއު އެއްކޮން ނިންމާލުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރ 2020 ގެ ނިޔަލަށެވެ.

comment ކޮމެންޓް