އެމެރިކާ-ރާއްޖެ އަސްކަރީ ގުޅުން ވަރުގަދަ ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއާއި އެމެރިކާ އާއި ދެމެދު ދިފާއީ ގުޅުން ވަރުގަދަ ކުރުމަށް ފްރޭމްވޯކް އެއް އެކުލަވާލައިފިއެވެ.

"ފްރޭމްވޯކް ފޯ ޔޫއެސް ޑިޕާޓްމެންޓް އޮފް ޑިފެންސް - މޯލްޑިވްސް މިނިސްޓްރީ އޮފް ޑިފެންސް - ޑިފެންސް އެންޑް ސެކިޔުރިޓީ ރިލޭޝަންޝިޕް" ގެ ނަމުގައި އެކުލަވަލި މި ފްރޭމްވޯކް އާ ބެހޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އެވެ. އެމެރިކާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިޔުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯ ސައުތު އެންޑް ސައުތު އީސްޓް އޭޝިއާ، ރީޑް ވާނާ އެވެ.

ފްރޭމްވޯކް އާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވީ މި ފްރޭމްވޯކްގެ ސަބަބުން ދިފާއީ އަދި ސަލާމަތީ ކަންކަމުގައި ދެ ގައުމު މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ. އިންޑޯ-ޕެސިފިކް ސަރަހައްދާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ދެގައުމުގެ މަސްލަތާ ގުޅިފައިވާ ކަމެއް ކަމަށެވެ.

ކޮވިޑް19ގެ މިހާލަތުގައިވެސް ކަނޑުފޭރުމާއި ޓެރަރިޒަމް، ހަރުކަށި ފިކުރާއި މަސްތުވާތަކެތީގެ ނުރައްކާ ރާއްޖެއަށް އެބައޮތްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ބައިނަލްއަގުވާމީގޮތުންނާއި ސަރަހައްދީގޮތުން ރާއްޖެފަދަ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ކުރިމަތިވެފައިވާަ ގޮންޖެހުންތަކާ ކުރިމަތިލުމަކީ ދެ ގައުމުގެ ސަރުކާރު ދެމެދު މަޝްވަރާކޮށްގެން ކުރިއަށް ގެންދިޔުން މުހިއްމު ކަމެއް ކަމަށެވެ.

މި ފްރޭމްވޯކާއެކު ދެ ގައުމުގެ ޑިފެންސް މިނިސްޓްރީ ގުޅިގެން އިތުުރ ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ދިފާއީ އަދި ސަލާމަތީ ދާއިރާގައި ހިމެނޭ ވެރިންގެ މެދުގައި މަޝްވަރާ ބައްދަލުވުންތައް ބާއްވައި، ރާއްޖޭގެ ދިފާއީ މުވައްސަސާ އިތުރަށް ހަރުދަނާ ކުރުމަށް ހަރަކާތްތައް ހިންގާނެއެވެ.

އަދި މެރިޓައިމް ސެކިޔުރިޓީސް ގެ ރައްކާތެރިކަން ދެމެހެއްޓުމަށް އެއްބާރުލުން އިތުރުކޮށް، ޓެރަރިޒަމާ ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާކޮށް ގުދުރަތީ ކާރިސާތަކާއި އިންސާނީ އެހީ އަށް ބޭނުންޖެހޭ ހާލަތްތަކުގައި ގުޅިގެން އޮޕަރޭޝަން ހިންގުންވެސް މި ފްރޭމްވޯކުގައި ހިމެނެއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެވުނުއިރު މިނިސްޓަރު މާރިޔާ ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި އެމެރިކާގަައެވެ.

comment ކޮމެންޓް