ހެރީ އާއި މޭގަންގެ ގެކޮޅު މަރާމާތު ކުރަން ހަރަދުވި ފައިސާ އަނބުރާ ދީފި

ޕްރިންސް ހެރީ އާއި މޭގަން މާކަލް -- ފޮޓޯ: ރޮއިޓާސް

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް އިނގިރޭސިވިލާތަށް ވަޑައިގަންނަވާ އިރު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ފްރޮގްމޯ ކޮޓެޖު މަރާމާތު ކުރުމަށް ހަރަދުވި ފައިސާ އެ ދެ ބޭފުޅުން އަނބުރާ ދެއްވައިފި އެވެ.

ދެހާސްއަށާރަ ވަނަ އަހަރުގެ މެއި މަހު ކައިވެނި ބައްލަވައިގެންނެވި ހެރީ އާއި މޭގަންގެ ގެކޮޅު އާރާސްތު ކުރުމަށާއި އާބާތުރަ ފިލުވުމަށް ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރު ހަރަދުވި އެވެ. އެ ފައިސާ ހަރަދުކޮށްފައި ވަނީ ޝާހީ އާއިލާގެ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި ގަނޑުވަރުތައް ބެލެހެއްޓުމަށް ސަރުކާރުން ރާނީއަށް އަރުވާ ސޮވެރިން ގްރޭންޓުންނެވެ.

ހެރީ އާއި މޭގަން އެ ފައިސާ އަނބުރާ ދެއްވަން ނިންމެވީ ދެ ބޭފުޅުން ޝާހީ އާއިލާއިން ވަކިވެވަޑައިގަތުމަށާއި މާލީ ގޮތުން މިނިވަން ބަޔަކަށް ވުމަށް މިއަހަރުގެ ޖެނުއަރީ މަހު ނިންމެވުމަށް ފަހުގަ އެވެ.

އޭގެ ފަހުން ހެރީ އާއި މޭގަން ވަނީ އެމެރިކާއިންވެސް ގެޔެއް ބައްލަވައިގަނެފަ އެވެ. އަދި އިނގިރޭސިވިލާތަށް ވަޑައިގަންނަވާއިރު ދިރިއުޅުއްވާނީ ފްރޮގްމޯ ކޮޓެޖުގައި ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ހަފްތާގައި ނެޓްފްލިކްސްއިން ވަނީ އެ ކުންފުނިން ހެރީ އާއި މޭގަންއާ އެކު އެއްބަސްވުމެއް ހަދާފައިވާކަން އިއުލާންކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ދެ ބޭފުޅުން ވަނީ ނެޓްފްލިކްސްއިން ދައްކާނެ ފިލްމުތަކާއި ސީރީސްތަކެއް އުފައްދަން ނިންމަވާފަ އެވެ.

comment ކޮމެންޓް