ރާއްޖޭގެ ބޮޑު ބަޔަކަށް އޮރެންޖް އެލާޓް، ވައިގަދަވެ ރުށްގަސް ވެއްޓުމާއެކު އުދައެރުމުގެ ފުރުސަތު ބޮޑު!

ސަން ފައިލް ފޮޓޯ

ރާއްޖޭގެ ބޮޑު ބަޔަކަށް އޮރެންޖް އެލާޓް ނެރެ، ކުރިއަށް އޮތް 24ގަޑިއިރު ވައިގަދަވެ ރުށްގަސް ވެއްޓުމާއެކު ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން މިރޭ 10:30 އިން ފެށިގެން 2:30އާ ހަމައަށް ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް އޮންނަ ސަރަހައްދަށް އޮރެންޖް އެލާޓް ވަނީ ނެރެފަ އެވެ.

އެ ސަރަހައްދަށް ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.

މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް މުހައްމަދު އަސްލަމް "ސަން" އަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ވައި މިހާ ގަދަވެގެންދާތީ ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު ވެސް އެބައޮތް. ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ފުރުސަތު ވެސް އެބައޮތް [މި 24ގަޑިއިރަށް ބަލާއިރު]. އެހެން ނަމަވެސް އެންމެ ބޮޑަށް ގޯސްކޮށް އުޅޭނީ ވައި،"

އަސްލަމް ވިދާޅުވީ އުދައިގެ އަސަރުކުރާނެ ވަކި ސަރަހައްދެއް ބުނެވެން ނެތް ކަމަށާއި މުޅި ރާއްޖޭގެ މޫސުން ވެސް އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. އެގޮތުން އާންމުކޮށް އުދައަރާ ރަށްރަށަށް އުދައެރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ވައިގަދަވެގެންދާއިރު ރުށްގަސް ވެއްޓުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި މިހާރު ވެސް ބައެއް ރަށްތަކުން އެކަމުގެ ރިޕޯޓުތައް ލިބިފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އޮރެންޖް އެލާޓް ނެރެފައިވާއިރު، މިއީ ދަތުރުކުރުން ރައްކާތެރި ދަނޑިވަޅެއް ނޫން ކަމަށާއި ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ވެސް އަސްލަމް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

comment ކޮމެންޓް