ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ޔެލޯ އެލާޓު ނެރެފިއެވެ.
މޫސުމާ ބެހާ ގައުމީ އިދާރާއިން ބުނީ، މިއަދު 11:45 ން ހަވީރު ހަތަރެއް ޖެހުމާ ހަމައަށް، ތ، ލ، ގއ، ގދ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން އެ އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފައެވެ.
އެގޮތުން ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މެޓުން ބުނީ މިއަދު ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައި ކަމަށެވެ.
ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންނެވެ.
ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެތީވެ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.