ގުރުއާނުގެ ނޫރުން: ޟުހާ ސޫރަތުގެ މި ވާހަކަތަކުން ހިތްވަރު ލިބިގަނޭ

މާޔޫސްވެ، ނާއުންމީދުވެ ހިތް މޯޅިވެގެންދާ ކޮންމެ ހިނދުކޮޅަކީވެސް ނުހަނު ނޭދެވޭ ޚިޔާލުތަކާއި ވޭންތަކެއް ހަށިގަނޑަށް ކުރުވާ ވަގުތުކޮޅެކެވެ. އަހަރެމެންނަކީ އިންސާނުންނެވެ. އެކި ޖަޒުބާތުތަކާއި އިހުސާސްތައް ވެރިވުމަކީ ހަމަ ތަބީއަތެވެ.

މީގެ އެތައް ސަތޭކަ އަހަރެއް ކުރިން އިލާހިއްޔަ ނޫރުން ބާވާލެއްވުނު މާތް ﷲގެ ކަލާމްފުޅު ކަމުގައިވާ ކީރިތި ގުުރުއާނަކީ އަހަރެމެންގެ ހުރިހާ އިހުސާސްތަކަކަށް، އުނދަގޫތަކަކަށް އޮތް ހައްލެކެވެ. ޒަމާނީ މި ދުނިޔޭގައި ތަފާތު އެކި ބަލިތައް ދެނެގަނެވި، ނަފްސާނީ ދުޅަހެޔޮކަމަށް އަހަރެމެން ހޭލައްވާލިއިރު، ކީރިތި ގުރުއާނުގެ މޫރިތި އާޔަތްތަކަކުން މިވަނީ މިފަދަ ވަގުތުތަކުގައި ހިތަށް ތަސައްލީއެއް ހޯދައިދީފައެވެ.

މިއީ "ސަން"އިން މުޅިން އަލަށް ފަށާ ސީރީޒް "ގުރުއާނުގެ ނޫރުން"އެވެ. މި ސީރީޒްގައި ގުރުއާނުން އިބުރަތްތެރި އެކި ވާހަކަތައް އަހަރެމެންނަށް ކިޔައިދެއްވާނީ ޝެއިޚް ނިމާލް މުހައްމަދެވެ. ނިމާލްއަކީ މަދީނާގެ އިސްލާމިްކ ޔުނިވާސިޓީއިން ޑިގްރީ، އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން މާސްޓާސް ހާސިލުކުރައްވާފައިވާ، އެ ޔުނިވާސިޓީގެ ލެކްޗަރަރެކެވެ.

"ގުރުއާނުގެ ނޫރުން"ގެ ފުރަތަމަ އެޕިސޯޑުގައި ޝެއިޚް ނިމާލް ކިޔައިދެއްވާނީ ޟުހާ ސޫރަތުގެ ވާހަކަތަކެވެ. މި ސޫރަތަކީ ކީރިތި ރަސޫލާއަށް ބާވައިލެއްވި ދެވަނަ ވަހީއެވެ. ފުރަތަމަ ފަހަރަށް ވަހީ ބާވައިލެއްވުނުތާ ހަ މަސްދުވަސް ފަހުންނެވެ.

ރަސޫލާގެ އުމުރުފުޅުން 40 އަހަރުގައި އެންމެ ފުރަތަމަ ވަހީ ބާވާލެއްވުމަށްފަހު ގާތްގަނޑަކަށް ހަމަސް ދުވަސް ވަންދެން ވަހީ ބާވާލެއްވުން މެދުކެނޑުނެވެ. އިލްމުވެރިން ވިދާޅުވާގޮތުގައި، އެއީ ރަސޫލާގެ ހިތްޕުޅުގައި ވަހީއަށް ޝައުގުވެރިކަން އުފައްދަވާ އަދި ވަހީއަށް އިންތިޒާރުކުރައްވާ ބޭކަލެއްކަމުގައި ހެއްދެވުން ފަދަ ގިނަ ހިކުމަތްތަކަށްޓަކައި ﷲ މެދުވެރިކުރެއްވި ގޮތެކެވެ. އެހެންނަމަވެސް މި މުއްދަތުގެ ތެރޭގައި މައްކާގެ މުޝްރިކުންގެ ފަރާތުންވެސް އެތަކެއް ދުއްތުރާތަކެއް ލިބިގެން ދިޔައެވެ. އަދި އެކަލޭގެފާނުގެ ހިތްޕުޅުގައިވެސް ނުތަނަވަސްކަން ވެރިވެވަޑައިގެން ﷲ އިތުރަށް އެކަލޭގެފާނު ނަބީބޭކަލެއްގެ ގޮތުގައި އިޚްތިޔާރު ނުކުރައްވަނީތޯ ފަދަ ޚިޔާލުތަކެއްވެސް ވެރިކުރުވިއެވެ.

މިއަދުގެ މި ހާލަތަށް ބަލާއިރުވެސް، ނާއުންމީދާއި މާޔޫސްކަން ވެރިވެފައިވާ އެތަށް ބަޔަކު ފެނިގެންދެއެވެ. ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އާމްދަނީ ލިބޭނެ ގޮތްތައް ބަންދުވެ، ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ދަތިވެފައިވާ އެތައް މީހުންނެއް އެބަތިއްބެވެ. އަދި މިފަދަ ހާލަތެއްގައި ނޫނަސްވެސް، ދިރިއުޅުމުގައި ދިމާވާ އެކި ހާދިސާތަކާއި ގުޅިގެން ހިތްދަތިވެ އާންމު ދިރިއުޅުމަށް ބުރޫއަރާ އެތަށް ބަޔަކު އެބަތިއްބެވެ.

މިހުރިހާ ކަމެއްގެ ޖަވާބު އެކަލޭގެފާނުގެ މައްޗަށް ބާވައްލެއްވި އާޔަތްތަކުން ﷲ މިވަނީ ދެއްވާފައެވެ. މިގޮތުން މާތް ﷲ ވަހީ ކުރެއްވިއެވެ.

وَالضُّحَىٰ (1) وَاللَّيْلِ إِذَا سَجَىٰ (2) مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ (3) [ސޫރައް އައްޟުހާ]

މާނައީ: ދުވާލުގެ ކުރީކޮޅު ގަންދެއްވަމެވެ. އަދި ރޭގަނޑު އަދިރިކަން ފެތުރި، ހިމޭންވާހިނދު ގަންދެއްވަމެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ.

މިއީ ޟުހާ ސޫރަތުގެ ފުރަތަމަ ތިން އާޔަތެވެ. މި އާޔަތްތަކުގެ ޖުމްލަ މާނައަަށް ބަލާއިރު، އެގިގެންދާ އެއް ކަމަކީ މާޔޫސްކަމާއި ހިތްދަތިކަމާއި ނުތަނަވަސްކަން ވެރިވެފައިވާ ފަރާތްތައް ދުވާލުގެ ވަގުތުގައި އެ ރީތި މަންޒަރުތައް ބަލާލުމުގެ މުހިންމުކެމެވެ. އާ ދުވަހަކާއި ކުރިމަތިލާންވީ އާ ހިތްވަރަކާއި އާ އަޒުމަކާއި އެކީގައި ކަމެވެ. އިރުއަރައިގެން އެ ފެންނަ އަދި އެލިބޭ އަލިކަމަކީ ތިމާގެ ހަޔާތަށްވެސް ލިބޭ ރޯޝަން ކަމެއްކަމުގައި ދުށުމެވެ. އަދި ނިދުމުގައި އެ ލިބޭ މަޑުމައިތިރި ހިމޭންވަގުތުގައި ނިދުމުގެ މުހިންމުކަމެވެ. ނިދުމަކީ ތިމާގެ ސިކުޑިއަށް ހަމަޖެހުން ގެނުވައިދޭ ކަމެކެވެ.

"އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ މާޔޫސްވެ ކަންބޮޑުވާ މީހުން ދުވާލު ނިދުމަށްފަހު މި ހޭލަނީ ރޭގަނޑު. އޭގެ ބަދަލުގައި ދުވާލުގެ ވަގުތު ގަންދެއްވާ ﷲ މިފަދައިން ވަހީކުރެއްވުމުން މި އެގިގެންދަނީ އިރު އަރައިގެން އަންނަ އެ ވަގުތުގެ އުޖާލާކަން ބަލައިލުމުގެ މުހިންމުކަން. މިއީ އިޝާރާތެއްކަމުގައި ބަލަންޖެހޭ،" ޝެއިޚް ނިމާލް ވިދާޅުވިއެވެ.

މި ސޫރަތުގައި ކީރިތި ރަސޫލާ ޔަތީމު ހާލުކޮޅުގައި ވަނިކޮށް އެކަލޭގެފާނަށް މަގުދައްކަވައި، ފަގީރަުކަމުގައި ވަނިކޮށް މުއްސަނދިކުރެއްވިކަމަށްވެސް މާތްﷲ ވަހީކުރައްވައެވެ. އެހެންކަމުން އެކަލާނގެ ވަހީކުރެއްވި ބަސްފުޅުން ހަނދާންކޮށްދެނީ އުންމީދު ގެއްލުވާލައިގެން ނުވާނެ ކަމެވެ. ނިކަމެތި ހާލުގައި ވަނިކޮށް ތަނަވަސްކަމާއި ފާގަތިކަން، ބަލިހާލުގައި ވަނިކޮށް ޝިފާ، އަދި ދެރައާއި ހިތާމައިގައި ވަނިކޮށް އުފާ ފާގަތިކަން ދެއްވީވެސް ހަމަ މާތްﷲ އެވެ.

މި އާޔަތްތަކުން އެނގި ހާމަވާ އެއްކަމަކީ ﷲ އަޅުގަނޑުމެން އެންމެންދެކެ ލޯބިވެވޮޑިގެންވާކަމާއި އެކަލާނގެ އަހަރެމެން ބާކީ އަދި ދޫވެސް ނުކޮށްލައްވާނެ ކަމެވެ. އަދި ހަމަ އެއާއެކު އެއްވެސް ކަމަކީ ތާ އަބަދުމެ ދެމިއޮންނާނެ ކަމެއް ނޫން ކަމާއި، ރޭދުވާ ބަދަލުވާ ފަދައިން ﷲ އެކަލާނގެ އިރާދަކުރައްވާ ފަރާތްތަކުގެ ހާލަތު، އިރާދަކުރައްވާ ވަގުތެއްގައި ބަދަލުކުރައްވާނެކަން އެނގި ހާމަވެއެވެ.

އެެހެންކަމުން މިއަދު އަދި ހާލަތު ބަދަލުވެފައި ވީނަމަވެސް ދެންވެސް އެ ނިއުމަތްތަކާއި އުފާ ދެއްވަން ހުރީ ހަމަ އެފަރާތުގެ ހަޒްރަތުންކަން ހަނދާން ބަހައްޓަންޖެހެއެވެ. އަދި އެކަމަށް އެދި ދުއާކޮށް މަސައްކަތްކުރަންވެސް ޖެހެއެވެ.

ހަމައެހެންމެ ސޫރަތުގެ އެންމެ ފަހު އާޔަތެއްގެ ގޮތުގައި އެކަލާންގެ ވަހީކުރައްވާ އާޔަތަށް ބަލައިފިނަމަ ހަމަ ގައިމުވެސް މި އުންމީދުތައް އާކުރަންވީ އިތުރު ސަބަބެއް ހާމަވެއެވެ.

فَأَمَّا الْيَتِيمَ فَلَا تَقْهَرْ (9) وَأَمَّا السَّائِلَ فَلَا تَنْهَرْ (10) [ސޫރައް އައްޟުހާ، 9-10]

މާނައީ؛ ދަންނާށެވެ. ފަހެ، ކަލޭގެފާނު ޔަތީމު ކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ. އަދި ދަންނާށެވެ. ފަހެ ކަމަކަށް އެދި އަންނަ މީހާޔަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ.

މިއިން އަންގައިދޭ އެއްކަމަކީ ތިމާ ހިތްދަތިވާ ކަމެއް އަދި މެދުވެރިވިޔަސް، ޝުކުރު ކުރަންވީ އެތައް ނިއުމަތެއް ﷲ ދެއްވާފައިވާކަމެވެ. އެކަންކަން ބަލައި ހޯދައިފިނަމަ އަދި އެ ސަބަބުތަކުގައި ހިފައިފިނަމަ ކުޑަނަމަވެސް ހިތްވަރެއް ލިބި ހިތަށް ތަސައްލީއެއް ލިބުމަށް މަހުފަހިކޮށްދޭނެ ކަމެވެ.

ޟުހާ ސޫރަތް މާނައާއި އެކީ ކިޔާލުމުން އެގިގެންމިދަނީ ތިމާގެ ނުތަނަވަސްކަމާއި ހިތްދަތިކަމާއި ކުރިމަތިލާންވީ ގޮތެވެ. އުންމީދުގެ ހުޅުކޮޅު ނިވިޔަ ނުދީ މުޅި ހަޔާތް ރޯޝަން ކޮށްދޭނެ އަލިގަދަ ނޫރެކެވެ.

comment ކޮމެންޓް