ހޮޅުދޫގެ އިހްތިސޯސްގެ ތެރެއަށް ހޮޅުމީދޫ އިތުރުކޮށްފި

ނ. ހޮޅުދޫގެ އިހްތިސޯސްގެ ތެރެއަށް، ހޮޅުމީދޫ އިތުރުކޮށްފިއެވެ.

ހޮޅުމީދޫ އަކީ ހޮޅުދޫގެ ބައެއްގެ ގޮތުގައި ފުރަތަމަ ހަމަޖައްސާފައި ވަނީ އެޓޯލްސް އެޑްމިނިސްޓްރޭޝަނުން 2002 ވަނަ އަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ.

ފަހުން ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް، ގަރާރަކުން އެ ރަށް ހޮޅުދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނެރުއްވި ގަރާރަކުން އަނެއްކާވެސް މިވަނީ ހޮޅުދޫގެ އިހްތިސޯސްގެ ތެރެއަށް، ހޮޅުމީދޫ އިތުރުކޮށްފައެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، ރާއްޖޭގެ އެންމެހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސޯސް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ލާމަރުކަޒީ ގާނޫނުގައި މަތިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއެވެ.

ރައީސް ސޯލިހު މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ ިރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސޯސް ކަނޑައަޅައިފައި އޮތް ގޮތަށް ބަދަލުގެންނަން ޖެހިއްޖެ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2020/3 އަށް އިސްލާހު ގެނެސް، ރާއްޖޭގެ ގާނޫނު އަސާސީއާއި ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން، ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސޯސްގައި، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫގެ އިހްތިސޯސްގެ ތެރެއަށް، ހޮޅުމީދޫ އިތުރުކޮށް، އަންނަނިވި ގޮތަށް ކަނޑައަޅާއި މި ގަރާރު އެކަށައެޅީމެވެ." ރައީސްގެ ގަރާރުގައިވެއެވެ.

ރައީސްގެ ގަރާރާ ގުޅިގެން ހޮޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ނަސީރު މިއަދު "ސަން" އަށް ވިދާޅުވީ، މިއާއެކު ހޮޅުދޫގެ އަވަށެއްގެ ގޮތުގައި ހޮޅުމީދޫގައި މީހުން އާބާދުކުރެވިގެންދާނެ ކަމަށެވެ.

އާބާދީގައި 2,218 މީހުން ހިމެނޭ ހޮޅުދޫ އަކީ ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. ހޮޅުދޫގެ އިހްތިސޯސްގެ ތެރޭގައި ހިމެނި ހޮޅުމީދޫ އަކީ 28.3 ހެކްޓަރުގެ ބޮޑުމިނުގެ ރަށެކެވެ.

ރައީސް ވަހީދުގެ ސަރުކާރުން ހޮޅުމީދޫ އަކީ ހޮޅުދޫގެ ބައެއްގެ ގޮތުގައި ނިންމުމާ ގުޅިގެން، 2014 ވަނަ އަހަރު ހޮޅުމީދޫ ތަރައްގީ ކުރުމަށް ބޭނުންވާ ލޭންޑް ޔޫސް ޕްލޭން ވެސް އޭރުގެ ކައުންސިލުން ވަނީ ހަދައިފައެވެ.

އަދި ލޭންޑް ޔޫސް ޕްލޭންއާ އެއްގޮތަށް ހޮޅުމީދުގައިި އިމާރާތް ކުރަންޖެހޭ ސަރަހައްދުތައް ވެސް ފާހަގަކޮށްފައިވާ ކަމަށް އޭރު ކައުންސިލުން ވަނީ ބުނެފައެވެ.

comment ކޮމެންޓް