ހިޖާމާގެ އިތުބާރު ހުރި ފަރުވާއަށް ޝުބާސް ހިޖާމާ

ޝުބާސް ހިޖާމާ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ސުންނަތުން ސާބިތުވާ ބޭސްވެރިކަމުގެ ތެރޭގައި ހިމެނޭ ހިޖާމާގެ ފަރުވާ ހޯދާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެކި ބަލިތަކަށް ފަރުވާ ހޯދާ މީހުން ޑޮކްޓަރީ ފަރުވާގެ އިތުރަށް ޙިޖާމާގެ ފަރުވާ ހޯދާ މިންވަރުވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ރާއްޖޭގައި މި ހިދުމަތްދޭ ވަރަށް މަދު ކްލިނިކްތަކެއް ހުރި އިރު، ޝުބާސް ހިޖާމާ ގެ ކްލިނިކަކީ ފާހަގަކޮށްލެވޭ ކްލިނިކެކެވެ.

"ޝުބާސް ހިޖާމާ" ގެ ނަމުގައި ކްލިނިކެއް ހުޅުވުމުގެ ކުރިންވެސް ޝުބާ ގެންދިޔައީ ހިޖާމާގެ ފަރުވާ ދެމުންނެވެ. މި ފަރުވާދެމުން އަންނަތާ މިހާރު ވަނީ ހަ އަހަރު ވަނީ ވެފައެވެ. ޝުބާ، ހިޖާމާގެ ފަރުވާ ދޭން ފެށީ މިކަން ދަސްކޮށް މިކަމުގެ ތަމްރީނު ހޯދައިގެންނެވެ.

މިކަމުގެ ތެރެއަށް ޝުބާއަށް ވަދެވުނު ގޮތާއި ބެހޭގޮތުން ކިޔައިދެމުން ޝުބާ ބުނީ އެކަމާމެދު ޝައުގު އުފެދުނީ މިސްރުގައި ހުރި ދުވަސްވަރުގައި ކަމަށެވެ.

"އަޅުގަނޑަށް ހިޖާމާ އަކީ ކޮންއެއްޗެއް ކަމާއި ކިހިނެތް ކުރާ ކަމެއްކަން އެނގި ހިޖާމާގެ ފަރުވާ ދިނުމަށް ޝައުގުވެރިކަން އުފެދުނީ މިސްރުގައި ހުރި ދުވަސްވަރު. އެހިސާބުން އަޅުގަނޑު ބޭނުންވީ ހިޖާމާ ގެ ޢިލްމު އުނގެނި ތަމްރީން ހޯދަން. އެހެންކަމުން އަޅުގަނޑު އެތަނުގައި މީގެ އިލްމު އުނގެނި ދަސްކުރީ. އަދި އޭގެ ފަހުން އަޅުގަނޑުގެ އުންމީދަކަށްވީ އެނބުރި ރާއްޖެ އައިސް ރާއްޖޭގައި މިފަރުވާދޭން،" ޝުބާ ބުންޏެވެ.

"ރާއްޖެ އައުމަށްފަހު ފުރަތަމަ އަޅުގަނޑު ފެއްޓި ވިޔަފާރިއަކީ އަންހެނުންނާއި ކުޑަކުދިންގެ އަންނައުނާއި އެހެނިހެން ސާމާނު ހިމެނޭ ގޮތަށް ފިހާރައެއް ހުޅުވުން. އެތަނުގައި ހިޖާމާ ކަޕްސެޓު ވިއްކާ އަދި އެ ފަރުވާ އާއި ބެހޭގޮތުން ގިނަ ބަޔަކަށް މައުލޫމާތު ދެމުންގެންދިޔައިން. ދެން އަޅުގަނޑު ކަންތައްކުރަން ފެށި ގޮތަކީ ހިޖާމާ ކަޕްސެޓު އަޅުގަނޑުމެންގެ ފިހާރައިން ގަންނަ ބޭފުޅުންނަށް އަގަކާއިނުލާ ޙިޖާމާގެ ފަރުވާ އެބޭފުޅުންގެ ގޭގެއަށް ގޮސް ދޭން ފެށީ،" ރާއްޖެ އައިސް ހިޖާމާގެ ފަރުވާ ދޭން ފެށިގޮތާއި ބެހޭގޮތުން ޝުބާ ކިޔައިދިނެވެ.

"ދެން އޭގެ ފަހުން ބޭނުންވީ ތަންކޮޅެއް ރަނގަޅަށް އަދި ފުޅާކޮށް މިކަން ކުރަން. އެހެންވީމާ މި ފަރުވާ ދިނުމަށްޓަކައި ފަހުން ތަނެއް ހުޅުވީ. 2014 ގެފަހުން މެދުކެނޑުމެއްނެތި މިއަންނަނީ ހިޖާމާގެ ފަރުވާ ދެމުން،" ޝުބާ ކިޔައިދިނެވެ.

ޝުބާ މި ފަރުވާ ދޭންފެށިއިރުވެސް އޭނާ ދިޔައީ ހިޖާމާގެ ފަރުވާ އަކީ ހަދީސުން ސާބިތުވާ ފަރުވާއެއް ކަމުގައި ގިނަބަޔަކަށް ކިޔައިދީ، ހިޖާމާ އަކީ ކޮބައިކަން އޮޅުންފިލުވައިދެމުންނެވެ. ގޭގެއަށްގޮސް މި ފަރުވާ ދެމުންދިޔައިރު، މި ފަރުވާ އަށް މީހުން ބޭނުންވެފައި ތިބި މިންވަރު އޭނާ އަށް އެނގުނެވެ. ޝުބާ ބުނި ގޮތުގައި ފަރުވާ ދިން، ހެޔޮއެދޭ ގިނަ ފަރާތްތަކުން ބުނަމުން ގެންދިޔައީ މި ފަރުވާ ދިނުމަށްޓަކައި ތަނެއް ހުޅުވުމަށް ކަމަށެވެ އަދި އެފަރާތްތަކުން އެކަމަށް ވަރަށް ހިތްވަރުދެމުންގެންދިޔަ ކަމަށް އޭނާ ބުންޏެވެ.

"އެހެންވެ ހެޔޮއެދޭ ގިނަބައެއް ދިން ހިތްވަރާއި އެއްކޮށް އަދި އާއިލާގެ އެހީތެރިކަމާއިވެސް އެކު ހިޖާމާގެ ފަރުވާ އަށް ހާއްސަކޮށްގެން އާދައިގެ ގޮތަކަށް އެއް ކޮޓަރީގެ ތަނެއް ފުރަތަމަ ހެދީ.” އެއް ކޮޓަރީގައި ހިދުމަތް ދިނުމުގައި ދަތިތަތަކެއް ހުރުމުގެ ސަބަބުން މިހާރު ޝުބާ ވަނީ ހިޖާމާ ގެ ފަރުވާ ދިނުމަށްޓަކައި ކުރިއަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް ތަނެއް ހުޅުވާފައެވެ.

ޝުބާގެ އިތުރުން އޭނާ އާއިއެކު ހިޖާމާގެ ފަރުވާ ދިނުމުގައި އިތުރު ޕްރޮފެޝަނަލް ހިޖާމާ ތެރަޕިސްޓުންވެސް ބައިވެރިވެއެވެ.

ޝުބާ ކިޔައިދިން ގޮތުގައި ރާއްޖޭގައި ނިސްބަތުން އެންމެ ގިނަ ބަޔަކު ހިޖާމާގެ ފަރުވާ ހޯދަނީ ދަރިމައިނުވުމުގެ މައްސަލައަށެވެ. އެހެން ބަލިތަކަށް ހިދުމަތްދޭ މިންވަރަށްވުރެ ހެޔޮއަގުގައި އޭނާ އެފަދަ މީހުންނަށް ހިޖާމާގެ ފަރުވާ ދެއެވެ. ޙިޖާމާގެ ފަރުވާ ހޯދަން އަންނަ މީހުންގެ ތެރެއިން ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާ ހޯދާ މީހުންގެ ޢަދަދު ގިނަކަން ފާހަގަކޮށް ޝުބާ ބުނީ ރާއްޖޭގައި އެ މައްސަލަ ބޮޑުކަން ފާހަގަވާ ކަމަށެވެ.

ޝުބާ ބުނީ ކެންސަރު ބަލީގެ މީހުންވެސް އެނާގެ ކައިރިން ފަރުވާ ހޯދާ ކަމަށާއި ކެންސަރު ބަލީގެ މީހުންނަށް ފަރުވާދެނީ އެއްވެސް އަގަކާއިނުލާ ކަމަށެވެ. އަގެއް ނުނަގާ ކެންސަރު ޕޭޝަންޓުންނަށް ހިޖާމާގެ ފަރުވާ ދެނީ އިންސާނިއްޔަތަށްޓަކައި ކޮންމެވެސް ވަރެއްގެ ހިދުމަތެއް ކޮށްދިނުމަކީ ކުޑައިރުއްސުރެން ފަށައިގެން ކުރަމުން އައި އުއްމީދަކަށް ވާތީ ކަމަށް ޝުބާ ބުންޏެވެ.

"ހުރިހާ ބައްޔަކަށްވެސް އަޅުގަނޑު ހިޖާމާގެ ފަރުވާ ދެން. އެކަމަކު ހިޖާމާގެ ފަރުވާ ދިނުމުގައި އަޅުގަނޑު ބަލާ ކަންތައްތަކެއް ހުންނާނެ. އެގޮތުން ދެ އަހަރުން ދަށުގެ ތުއްތު ކުދިންނަށް މާ ސީރިއަސް ކަމެއްގައި ނޫނީ ހިޖާމާގެ ފަރުވާއެއް ނުދެން. އަދި ތުއްތު ކުދިންނަށް ހިޖާމާގެ ފަރުވާ ދިނަސް ދޭގޮތްވެސް ވަރަށް ތަފާތުވާނެ. ދެން އުމުރުން ދުވަސްވެފައި ތިބޭ މީހުންގެ ތެރެއިންވެސް މާ ބޮޑަށް ގައިބާރު ދެރަ، ބަލި މީހުންނަށް ހިޖާމާގެ ފަރުވާ ދިނުމުގައިގެސް ބަލާ ވަކި މިންގަނޑުތަކެއް ހުންނާނެ. އަދި ފަރުވާ ދޭ ގޮތްވެސް ތަފާތުވާނެ، އަދި ވާގި ނެތިފައިތިބޭ މީހުންނަކީވެސް ތަފާތު ގޮތަކަށް ފަރުވާ ދޭންޖެހޭ ބައެއް. ހަމައެގޮތަށް ސިހުރު ފަދަ ކަމެއް ޖެހިފައިވާނަމަ ފުރަތަމަ ބުނަނީ ރުގްޔާގެ ފަރުވާ ކޮންމެވެސް ވަރަކަށް ކުރިއަށް ގެންދިއުމަށްފަހު ހިޖާމާގެ ފަރުވާ ހޯދާލަން އައުމަށް." ޝުބާ ބުންޏެވެ.

ޝުބާ ބުނީ ބަލިހާލު ވަރަށް ބޮޑު މީހުންވެސް ހިޖާމާގެ ފަރުވާ ހޯދަން ދާކަމަށެވެ. މީގެ އިތުރުން ކުޑަކުދިންގެ އެކި ބަލިތަކަށް ޑޮކްޓަރީ ފަރުވާގެ އިތުރުން ހިޖާމާގެ ފަރުވާ ހޯދަންދާ ކަމަށް ބުންޏެވެ.

ޝުބާސް ހިޖާމާގައި ފަރުވާ ދިނުމަށް ހިޖާމާގެ ފަރުވާގައި ބޭނުންކުރާ މެޝިނަރީސް އާއި ފަހުގެ ތަފާތު އާލާތްތައް ބޭނުން ކުރެއެވެ. ޝުބާ ބުނި ގޮތުގައި ތަނުގެ ސާފުތާހިރުކަމަކީ އެންމެ އިސްކަންދޭ އެއް ކަންތަކެވެ. އެކަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ކަށި، ކަޕް އަދި އަންގި، އަނެކަކަށް ފަރުވާ ދޭން ބޭނުން ނުކުރާ ކަމުގެ ޔަގީންކަން ދެއެވެ. ކޮންމެ ކްލަޔަންޓަކަށް ހިދުމަތް ދިނުމަށްފަހު އެނދު ސެނިޓައިޒް ކުރެއެވެ. ބެޑްޝީޓުގެ ބަދަލުގައި އެތަނުގެ އެނދުތަކަކީ ރަބަރު، ސާފުކުރަން ފަސޭހަ އެނދުތަކެކެވެ. މީގެ އިތުރުން ކްލަޔަންޓުން ތިބޭ ވެއިޓިން އޭރިއާވެސް ސެނިޓައިޒްކޮށް ސާފުކުރެއެވެ.
އެތަނުގައި ޝުބާގެ އިތުރުން ދެން މަސައްކަތްކުރާ ތިން ތެރަޕިސްޓުންނަކީވެސް ހިޖާމާގެ ފަރުވާ ދިނުމުގައި ތަޖުރިބާހުރި ސެޓިފައިޑް ތެރަޕިސްޓުންނެވެ.

ފިރިހެނުންނަށް ފަރުވާދިނުމަށް، ފިރިހެން ތެރަޕިސްޓުންވެސް ޝުބާސް ހިޖާމާގައި މަސައްކަތް ކުރެއެވެ.

ހިޖާމާގެ ފަރުވާގެ އިތުރުން އިތުރު ހިދުމަތްތައްވެސް އެ ކްލިނިކުން ލިބެން ހުންނާނެ ކަން ޝުބާ ފާހަގަކުރިއެވެ. އެގޮތުން މާބަނޑު މީހުންގެ ބަނޑުގައި ތެެޔޮފެން ލުމުގެ ހިދުމަތްވެސް ޝުބާސް ހިޖާމާގެ ކްލިނިކުން ވަނީ ތައާރަފްކޮށްފައެވެ. މި ހިދުމަތް ދެނީ މަސައްކަތުގައި 40 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފޫޅުމަޔެކެވެ. މިއީ މާބަނޑުމީހުންނަށް ބަނޑަށް ހަތްމަސް ވުމުން ދޭން ރެކޮމެންޑު ކުރާ ފަރުވާއެކެވެ.

ޝުބާ ވަނީ ފަތްޕިލާވެލީގެ ޢިލްމު އުނގެނި ބޭސްވެރިކަމާއި ގުޅޭ ތަމްރީނުވެސް ހޯދައިފައެވެ. ނަމަވެސް އެ މަސައްކަތް ކުރަންފެށިތާ އަދި މާ ގިނަ ދުވަހެއް ނުވާކަމުގައި އޭނާ ބުންޏެވެ.

"ދިވެހިބޭސްވެރި ކަމަށް ބޮޑަށް ޝައުގު އުފެދުނީ ދިވެހި ބޭސްވެރި ކަމަކީވެސް މިދާއިރާ (ހިޖާމާ)އާއި ވަރަށް ބޮޑަށް ގުޅުންހުރި ދާއިރާއަކަށް ވުމުން. ދިވެހި ބޭސްވެރިކަމުގެ ދާއިރާގައި އަޅުގަނޑު މަސައްކަތް ކުރާތާ މާ ދިގު މުއްދަތެއް އަދި ނުވާނެ އަދި ދިވެހިބޭސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއްވެސް ލިބިފައެއް ނުވާނެ،" ޝުބާ ބުންޏެވެ.

ޝުބާގެ ކްލިނިކުން ތަފާތު ބަލިބައްޔަށް ހާބަލް މާމުޔާއި ފަތްޕިލާވެލީގެ ބޭސްވެރިކަމުގެ ތެރޭ ހިމެނޭ އިތުރު ބާވަތްތައް ވިއްކައެވެ. އަދި އެތަކެތި ބޭނުންކުރާނެގޮތްތައް ތަފްސީލުކޮށް އެ އުފެއްދުންތަކުގައި ލިޔެފައި ހުރެއެވެ. މީގެ އިތުރަށް ކަމެއް އޮޅުންފިލުވާލަން ބޭނުންވާނަމަވެސް ވަގުތު ވާވަރަކުން ކްލަޔަންޓުންނަށް ޝުބާ އެ އުފެއްދުމަކާއި ގުޅޭ މައުލޫމާތު ކިޔައިދެއެވެ.

ކަމުގެ ގޮތުން ބަލާއިރު ފަތްޕިލާވެލީގެ ބޭސްވެރިކަމަކީ ބުރަކަމެއްކަމުގައި ޝުބާ ފާހަގަކުރިއެވެ.

އެންމެ އިސްކަންދެނީ ކްލަޔަންޓުންގެ ހިތްހަމަޖެހުމަށް
"އަޅުގަނޑަކީ ދިރިއުޅުމަށް ވަރަށް ގިނަ މަސައްކަތް ތަކެއް ކުރި މީހެއް، އަދި މިހާރުވެސް އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ މީހެއް . ކޮންމެ މަސައްކަތެއް ކުރި ކަމުގައި ވިޔަސް އަޅުގަނޑު އެންމެ ބޮޑަށް ބަލަަނީ ވީ އެންމެ ބޮޑަކަށް އެކޮށްދޭ ކަމެއްގައި އަނެކާ ހިތްހަމަޖެހޭ ގޮތަކަށް އެކަމެއް ކޮށްދިނުމަށް. ހިދުމަތް ހޯދާފަރާތަކާއި މުއާމަލާތެއް ކުރިޔަސް އަދި ފަރުވާއެއް ދިން ކަމުގައިވިޔަސް. އަޅުގަނޑަށް ހީވަނީ މިކަން ގަބޫލުކުރައްވާނެހެން އަޅުގަނޑު ކައިރިން ހިދުމަތް ހޯދާފައިވާ ގިނަ ފަރާތްތަކުން،" ޝުބާ ބުންޏެވެ.

މި ދާއިރާގައި ޝުބާ އަށް ކުރިމަތިވެފައިވާ ގޮންޖެހުން ތަކަކީ ކޮބައިތޯ ސުވާލު ކުރުމުން ޝުބާ ބުނީ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ގޮންޖެހުންތަކެއް ހުންނާނެ ކަމަށެވެ.

"އެކި މީހުންނަށް ގޮންޖެހުންތައް އަންނާނީ އެކި މިންވަރަށް. އެގޮތުން އަޅުގަނޑުގެ ދިރިއުޅުމުގައިވެސް ގިނަ ގޮންޖެހުން ތަކަކާއި ކުރިމަތި ލާން ޖެހުނު" ޙިޖާމާގެ ފަރުވާދިނުމުގައި މި ހޭދަވި ހައެއްކަ އަހަރު ތެރޭގައި މިކަމުގައި ކުރިއަށްދާން ގިނަ ގޮންޖެހުންތަކާއި ހުރަސްތައް ޝުބާ އަށްވެސް ކުރިމަތިވިއެވެ.

"ދިރިއުޅުމަކީ ބޮޑު ހަނގުރާމައެކޭ ބުނޭ ދެއްތޯ؟ ދިރިއުޅުމުގައި އަޑިގަނޑުގަނޑާއި އުސްގަނޑުގަނޑު އަންނަ ފަހަރު ދާނީ. އަދި ކޮންމެ ބަޔަކުވެސް ކުރާ މަސައްކަތެއްގައި، ހާއްސަކޮށް ދިރިއުޅުމަށް އާމްދަަނީ ހޯދަން ކުރާ މަސައްކަތް ތަކުގައި ގިނަ ފަހަރު ވަރަށް ގިނަ ފަރާތްތަކަށް އެކިކަހަލަ ދަތިތަކާއި ގޮންޖެހުންތައް ކުރިމަތިވާނެ. މިއީ ދުނިޔޭގައި ގިނަފަހަރު ކަން ހިނގަމުން އަންނަ އުސޫލަކީ. އަޅުގަނޑަށްވެސް މިހާ ހިސާބަށް އައުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު. އެގޮތުން އެއްބައިމީހުންގެ މަލާމާތް ރައްދުވުމާއި، އަޅުގަނޑޭ ކިޔައިގެން ދޮގު ވާހަކަތައް ސޯޝަލް މީޑިއާގައި ފެތުރުމާއި، އަޅުގަނޑު ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބަލިކޮށްލަން އެކިފަހަރުމަތިން އެކިގޮތްގޮތުން މަސައްކަތް ކޮށްފައިވެސް އެބަހުރި. ނަމަވެސް އަޅުގަނޑު މި ގޮންޖެހުންތައް ހެޔޮހިތުން ބަލައިގަތީ އަޅުގަނޑު ކުރާ މަސައްކަތް ތަކުގައި ކުރިއަރައިގެން ދިއުމަށް ހުޅުވުނު އިތުރު ފުރުސަތު ތަކެއްގެ ގޮތުގައި ގަބޫލުކޮށްގެން" ޝުބާ ބުންޏެވެ.
މާތްالله އަށް ވަކީލުކޮށް ގަދަ އަޒުމާއެކު ޝުބާ ދަނީ އޭނާގެ މަސައްކަތުގައި ސާބިތުކަން ދައްކަމުންނެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތެދުވެރިކަމާއި ހިތްވަރާއި އެކީ ކުރާ ކޮންމެ ހލާލު މަސައްކަތެއްގައި الله އިރާދަކުރެއްވިއްޔާ ބަރަކާތް ލައްވާނެ. ބަޔަކު އަނެކާ އަށް މޮޅެއް ވެދާނެކަމަށް ނުވަތަ ތިމާއަށް ވުރެ ތަނަވަސް ކަމުގައި ކުރިއަރައިގެން ހިނގައިދާނެކަމުގެ ބިރަށްޓަކައި ކޮންމެފަދަ ނުބައިކަމެއް ކުރިޔަސް އެމީހަކަށް ލިބެންހުރި ރިޒުގެއް ނުވަތަ ނިުއމަތެއް އަނެކާ ކިތަންމެ ނުރުހުނަސް ނުވަތަ ކިތަންމެ ނުބައި ރޭވުމެއް ރޭވިޔަސް އަދި ނުބައި ކޮންމެފަދަ ކަމެއް ކުރިޔަސް الله އެމީހަކަށް ދެއްވަވަން އިރާދައިގައި ހުރި ރިޒުގެއް އަދި ނިޢުމަތެއް އެމީހަކާއި ހަމައަށް އަޔަނުދީ ހިފަހައްޓާ ނުލެވޭނެ. މިއީ އަޅުގަނޑު ގަބޫލުކުރާ ހަގީގަތް. މިއަދު މިހިސާބަށްވެސް اللهގެ ތަނަވަސް ރަޙުމަތާއި އެކު އަޅުގަނޑަށް މިވަނީ އާދެވިފައި. އެކަމަށްޓަކައި الله އަށް އަޅުގަނޑު ޙަމްދުކުރަން،" ޝުބާ ބުންޏެވެ.

"ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށް ކޮންމެ ބަޔަކުވެސް މަސައްކަތް ކުރާމުންދާއިރު ތަފާތު ގޮންޖެހުންތަކާއި މަލާމާތް ލިބޭ ފަހަރުވެސް އަންނާނެ. އެކަމަކު ފަސްނުޖެހި ކުރިއަށް ދާން މަސައްކަތް ކުރާށޭ."

ޝުބާސް ހިޖާމާ އިން ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ފޯނުން ނުގުޅާ ވެބްސައިޓް މެދުވެރިކޮށް މިހާރު އެޕޮއިންޓްމެންޓް ހައްދާލެވޭނެ އިންތިޒާމް ވާނީ ހަމަޖަހިފައެވެ އަދި ކްލިނިކުގެ ނަމްބަރަށް ގުޅައިގެންވެސް ނަންނޯޓު ކުރެވޭނެއެވެ. ޝުބާސް ޙިޖާމާ ހުންނާނީ މއ. މަސްތަކާގެ، ކާމިނީމަގު ގްރައުންޑް ފްލޯގައެވެ. ކްލިނިކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު ނުވަޔަކުން ރޭގަނޑު ނުވަޔަކަށް އަދި ހުކުރު ދުވަހުގެ މެންދުރު ދޭކުން ރޭގަނޑު ނުވަޔަކަށެވެ.
ޝުބާސް ހިޖާމާގެ ޚިދުމަތް ދެނީ "ޝުބާސް ޙިޖާމާ އެންޑް ހާބަލް ކްލިނިކް"ގެ ނަމުގައެވެ.

ވެބްސައިޓް: https://shubashijama.com/
ފޯނު: 7477576

comment ކޮމެންޓް