ސަރުކާރުގެ ބިރުދެއްކުންތަކާއި އަނިޔާތަކަށް 23 ޑިސެމްބަރ އިއްތިހާދުގެ އެއްވެސް ބައިވެރިއަކު ބިރުގަނެ ފަހަތަށް ނުޖެހޭނެކަމަށާއި އަރާނީ ފޯރި ކަމަށް އެ އިއްތިހާދުން މިރޭ ބުނެފި އެވެ.
އިއްތިހާދުން ބުނެފައިވަނީ ބިރުދެއްކުމަށް ސަރުކާރުން އެ އިއްތިހާދުގެ ބައެއް ބައިވެރިން ހައްޔަރުކޮށް، ހައްޔަރުން ދޫކޮށް އަދި ބައެއް ފަރާތްތައް ފުލުހަށް ހާޒިރު ކުރަން މަސައްކަތްކަތް ކުރަމުން ދަނިކޮށެވެ.
އިއްތިހާދުން ބުނީ އިސްލާމްދީނާއި ޤައުމުގެ ޙައްޤުގައި ކުރަމުން ގެންދާ ހުރިހާކަމެއް އިތުރު ފޯރީގައި ކުރިޔަށް ގެންގޮސް ރައްޔިތުންގެ ގެއްލެމުންދާ ޙައްޤުތައް ހޯދައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދޭ ކަމަށެވެ.
އިއްތިހާދުގެ ސްޕޯކުސް ޕާސަން އަބްދުﷲ މުހައްމަދު ސޮއިކުރަށްވާ މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްލާމްދީނާއި ދިވެހި ޤައުމުގެ މަސްލަޙަތުތަކާއި ދިމާއިދިކޮޅަށް ސަރުކާރުން ރާވާ ހިންގަމުންގެންދާ ޖަރީމާތައް ކުށްވެރިކުރާ ކަމަށެވެ. މީޑިއާ އާއި އެހެންވެސް ތަންތާގައި އިސްލާމް ދީނަށާއި ޤައުމަށް ހެޔޮ ނިޔަތުގައި ދައްކަމުންގެންދާ ވާހަކަތައް ހުއްޓުވާ އިދިކޮޅު ފަރާތްތައް ބިރުގަންނަވާ އަދި 24 ފެބުރުއަރީގައި ދިވެހި ރައްޔިތުން ބާއްވަން ތައްޔާރުވަމުންދާ ބޮޑު މަހާސިންތާ ބޭއްވުމަށް ހުރަސްއެޅުމުގެ ގޮތުން ސަރުކާރުން ހިންގަމުންގެންދާ ޣައިރު ޤާނޫނީ ޢަމަލުތައް އެއިއްތިހާދުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
"... މިގޮތުން ސަރުކާރާއިމެދު ސާބިތު ނުހިފޭ ވާހަކަތައް ދެއްކެވިކަމަށް ބުނެ ދިވެހި ޤައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދާއި އެ ޕާޓީގެ ކައުންސިލް މެންބަރު އަޙްމަދު އިބުރާހީމް ދީދީ (ސަންދާނު އަޙްމަދުދީދީ) ފުލުސް އޮފީހަށް ހާޒިރުކޮށް ހައްޔަރު ކުރުމާއި ހޯމް މިނިސްޓަރުގެ އިސްތިޢުފާއަށް ގޮވާލެއްވުމުން ދިވެހި ޤައުމީ ޕާޓީގެ ނައިބު ރައީސް ޢަބުދުލް މަތީނު ހައްޔަރުކުރި ކުރުން މި އިއްތިހާދުން ފާހަގަކުރަނީ ގޮތް ހުސްވެގެން ހިންގި ހައްދުފަހަނަޅާފައިވާ ހުދު މުހުތާރު އަދި ފިނޑި އަމަލެއްގެ ގޮތުގަ،" ބަޔާނުގައި ވެއެވެ.
ތޭވިސް ޑިސެމްބަރުގެ އިއްތިހާދުން ސަރުކާރަށް ގޮވާލާފައިވަނި ދިވެހި އެއްވެސް ރައްޔިތަކަށް ނުޙައްޤުން އެއްވެސް އަނިޔާއެއް ނުދިނު މަށެވެ.