ގާނޫނު އަސާސީ އާއި ގާނޫނުގެ ވެރިކަން ނަގަހައްޓައިދިނުމާއި، ރައްޔިތުންގެ ހައްގުތައް ލިބިދިނުމުގައި ޝަރުއީ ދާއިރާ ދެމި އެބައޮތް ކަމަށް ސުޕްރީމް ކޯޓުން ބުނެފި

19:00


ގާނޫނު އަސާސީން ޔަގީންކޮށްދީފައިވާ ހައްގުތަކާއި، މިނިވަންކަންތަކުގެ ބެލެނިވެރި މުއައްސަސާގެ ހައިސިއްޔަތުން، ގާނޫނު އަސާސީ އާއި ގާނޫނުގެ ވެރިކަން ނަގަހައްޓައިދިނުމާއި، ރައްޔިތުންގެ ހައްގުތައް ހަމަހަމަކަމާއެކު ލިބިދިނުމުގައި ޝަރުއީ ދާއިރާ ދެމިއޮތްކަމާ މެދު ރައްޔިތުންނަށް ޔަގީންކަންދޭ ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.


ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިވަގުތު ކުރިމަތިވެފައިވާ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އަޅުގަނޑުމެންނަކީ އެއްބައެއް ކަމަށާއި، ވާހަކަ ދައްކަނީ އެއްބަހަކުން ކަމަށާއި، ދީނަކީ އެއް ދީނެއް ކަމަށެވެ. އަދި ރައްޔިތުން އުއްމީދުކުރާ ތަރައްގީ އާއި ދިރިއުޅުމުގެ ފަސޭހަތައް ހާސިލް ކުރުމަށްޓަކައި، ރައްޔިތުން ވަނީ ގާނޫނު އަސާސީގެ ޒަރީއާއިން، އަދި މާތްވެގެންވާ އިސްލާމްދީނުގެ އިންތަކުގެ ތެރެއިން ޑިމޮކްރަސީގެ ވަރަށް ހަރުދަނާ އުސޫލުތަކެއް ގާއިމްކޮށްފައި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. މި އުސޫލުތަކުގައި ހިމެނޭ އެންމެ މުހިއްމު އަސާސްތަކަކީ، އެންމެހައި ރައްޔިތުންނާއި، ވެރިންނާއި މުއައްސަސާތަކާއި، ދައުލަތުގެ އެކި ކަންތަކާ ހަވާލުވެ ތިބި ފަރާތްތައް ގާނޫނު އަސާސީއަށާއި، ގާނޫނުތަކަށް ތަބާވުމާއި، ދައުލަތުގެ ވެރިކަމުގެ ބާރުގައި، ހިމެނޭ ތިންބާރުން ވެސް ގާނޫނު އަސާސީން އެ ބަޔަކަށް ކަނޑައެޅިފައިވާ އިންތަކުގައި މަސައްކަތް ކުރުމާއި، އެއްބާރު އަނެއްބާރުގެ މައްޗަށް ނުފޫޒު ނުފޯރުވުމާއި، ގާނޫނުގެ ހުދޫދުގެ ތެރޭގައި ގައުމީ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ތިންބާރުގެ މެދުގައި، އެއްބާރުލުމުގެ ގުޅުން ގާއިމްކުރުން ކަމަށެވެ. އެހެންކަމުން އެ އުސޫލުތަކާއި، ގާނޫނުގެ ވެރިކަމުގެ ހަމަތަކުގައި ފުރިހަމައަށް ހިފެހެއްޓުމަށް ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށާއި، މިނިވަން ޝަރުއީ ނިޒާމަކީ، ޑިމޮކްރަސީގެ އެންމެ މައި އަސާސްކަމަށާއި، ހައްގުތަކާއި މިނިވަންކަން ހަމަހަމަ ގޮތުގައި ހިމާޔަތްކުރުމުގެ އެންމެ މުހިއްމު އެއް ފަރާތްތަކީ އެއީ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު