އިންޑިއާގެ އެހީގައި ވާނީގައި ހެދި ޕޮލިސް ޓްރެއިނިން ސްކޫލް ނިމިއްޖެ

ވާދޫގެ ޕޮލިސް ޓްރެއިނިން ސެންޓަރުގެ މަސައްކަތް ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިއާގެ އެހީގައި ދ. ވާނީގައި ހެދި ޕޮލިސް ޓްރެއިނިން ސެންޓަރުގެ މަސައްކަތް ނިމިއްޖެ އެވެ.

މިއީ އިންޑިއާގެ ގްރާންޓްގެ 200 މިލިއަން ރުފިޔާގެ (12.6 މިލިއަން ޑޮލަރު) ގެ ދަށުން ރާއްޖޭގައި ހިންގާ 29 މަޝްރޫއުގެ ތެރެއިން އެއް މަޝްރޫއުއެވެ. ވާނީގެ ޕޮލިސް ޓްރެއިނިން ސެންޓަރު ހެދުމުގެ މަސައްކަތަށް ވަނީ އަށް މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

އެ މަސައްކަތުގެ ނިމުން ފާހަގަކުރުމަށް މިއަދު އިސްކަންދަރުކޮށީގައި ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުވެސް ބައިވެރިވެލެއްވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސަފީރު ވަނީ ރާއްޖޭގެ ފުލުހުންގެ 16 އަހަރުގެ ހިދުމަތްތައް ފާހަގަކުރައްވައި ވާނީގެ މަޝްރޫއު ކާމިޔާބުކަމާއިއެކު ފުރިހަމަކޮށްފައިވާތީ މަރުހަބާ ދަންނަވައިފަ އެެވެ.

މިހާާރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަކީ އިންޑިއާގެ ހައިދަރުއާބާދުގެ އެސްވީޕީގެ ނެޝެނަލް ޕޮލިސް އެކެޑެމީއިން ތަމްރީންވެފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި ހަމީދު ވިދާޅުވީ އެފަދަ ކިތަންމެ އޮފިސަރުންނެއް އިންޑިއާގައި ތަމްރީން ހާސިލްކުރައްވާފައިވާ ކަމަށައި އަދި މިއީ އިންޑިއާއަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

ވާނީ ޕޮލިސް ސެންޓަރު ތަރައްގީކުރުމަށް ފޯރުކޮށްދެވުނު ގްރާންޓްގެ ދަށުން ވަނީ ރިވާސް އޮސްމޯސިސް ޕްލާންޓްއަކާއި، ރެޕެލިން ޓަވަރަކާއި، ފަތާ ޓްރެކެއް އަދި ޖިމެއް ގާއިމްކޮށްފަ އެވެ. ޖިމަށް ބޭނުންވާ އިކުއިޕްމެންޓްގެ އިތުރުން ސެންޓަރަށް ބޭނުންވާ ވެހިކަލްތައްވެސް ގެނެވިފައި ވަނީ އިންޑިއާގެ ގްރާންޓް އެހީގެ ދަށުންނެވެ.

އިންޑިއާއިން މިހާރުވެސް އައްޑޫ ސިޓީގައި ދަނީ 30 މިލިއަން ޑޮލަރުގެ އެހީގެ ދަށުން އިންސްޓިޓިޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒް (އައިލްސް) ގެ ނަމުގައި ޕޮލިސް ޓްރެއިނިން ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ސެންޓަރުގެ ސަބަބުން ދިވެހި ޕޮލިހުންނަށް ތަމްރީނާއި ތަރައްގީގެ އެތައް ފުރުސަތުތަކެއް ފަހިވެގެންދާނެކަން ސަފީރު ވިދާޅުވި އެވެ.

އިންޑިއާއިން ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ބޮޑެތި އެހީތަކެއް ފަހަކަށް އައިސް ދަނީ ދެމުންނެވެ.

އެގޮތުން ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ އުމަރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ގްރޭޓާ މާލޭ ކަނެކްޓިވިޓިޓީ ޕްރޮޖެކްޓްއަށް ޓަކައި 400 މިލިއަން ޑޮލަރުގެ އެލްއޯސީ އަދި 100 މިލިއަން ޑޮލަރުގެ ގްރާންޓެއް އިންޑިއާއިން ވަނި ދީފަ އެވެ.

މިހާރު ފެތުރެމުންދާ ކޮވިޑާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަުން އަރައިގަތުމަށް އެހީގެ ޕެކޭޖެއްވެސް އިންޑިއާއިން ދޭން ވަނީ ނިންމައިފަ އެވެ.

އިންޑިއާއާ ރާއްޖެއާ ދެމެދު މިދިޔަ މަހު 25 ގައި ވަނީ އެއާ ޓްރެވަލް ބަބަލްއެއްވެސް ގާއިމްކޮށްފައެވެ. އަދި މިމަހު ފަހުކޮޅު ދެގައުމުގެ ދެމެދުގައި ކާގޯ ފެރީ ފެށުމަށް ވަނީ ނިންމައިފަ އެވެ.

އިންޑިއާގެ އެހީ ލިބުނު އިތުރު މަޝްރޫއުތައް

  • ފެހެންދޫ ސްކޫލް ކުދިންގެ ފެރީ މިދިޔަ ޖުލައި މަހު އަށް ވަނަ ދުވަހު ވަނީ ހަވާލުކޮށްފައި
  • މާލެ ސިޓީ ކައުންސިލްއަށް އުޅަނދުތަކާއި މެޝީނަރީ މިދިޔަ މަހު 23 ވަނަ ދުވަހު ވަނީ ހަވާލުކޮށްފައި
  • ހުޅުމާލެ ސެންޓްރަލް ޕާކް އަދި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް މިދިޔަ މަހު 27 ގައި ވަނީ ބާއްވައިފައި
  • އައްޑޫ ސިޓީ ކައުންސިލްއިން ވަނީ ތިން މަސް ޕްރޮސެސިން ޕްލާންޓްއާއި ފަސް އިކޯ ޓޫރިޒަމް ޒޯން ގާއިމްކުރުގެ ކޮންޓްރެކްޓް ކުންފުނިތަކާ ވަނީ ހަވާލުކޮށްފައި
  • ހޯރަފުށީގައި ފެން ބަންދުކުރާ ޕްލާންޓެއް ގާއިމް ކުރުމުގެ މަސައްކަތް ވަނީ ފަށައިފައި
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު