މައުމޫން އާއި ނަސްރީނާގެ ލޯބި ފޮޓޯއެއް، ދުރުގައި ވިޔަސް އެކުގައި

ކޮވިޑް19 އަށް ފަރުވާ ހޯއްދަވަމުން އަންނަ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ވަރަށް ހިތްގައިމު ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލައްވައިފިއެވެ.

ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދޭން ފެށީ މި މަހުގެ 25 ވަނަ ދުވަހުގެ ރެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި އޮންނަވައި، ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އަނބިކަނބަލުންނަށް ވީޑިއޯ ކޯލެއް ކުރައްވަނިކޮށް ނަންގަވާފައިވާ ފޮޓޯއެއް ހިއްސާކުރައްވައިފައެވެ.

އެ ފޮޓޯއާއެކު ރައީސް މައުމޫން ވިދާޅުވެފައި ވަނީ ދުރުގައި، އައިސޮލޭޝަނުގައި ހުންނެވި ނަމަވެސް އަނބިކަނބަލުންނާ ވާހަކަދައްކާ ލެވުމުން ހިތްހަމަޖެހުން ލިބިވަޑައިގެންނެވި ކަމަށެވެ.

އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ސްޓާފުން އެމަނިކުފާނުގެ ފަރުވާ ވަރަށް ރަނގަޅަށް ކުރިއަށް ގެންދަވާ ކަމަށާއި، ﷲގެ ރަހްމަތްފުޅުން ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އަދި ﷲގެ އިރާދަފުޅުން ވަރަށް އަވަހަށް ނަސްރީނާ އަދި އާއިލާގެ ގާތަށް ދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް މައުމޫން އާއި ނަސްރީނާ ކައިވެނިބައްލަވައިގަތީ މީގެ 51 އަހަރުކުރިން، 1969 ވަނަ އަހަރުއެވެ.

މީގެ ދުވަސްކޮޅެއް ކުރިން މެޑަމް ނަސްރީނާ ވެސް ވަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދީފަ އެވެ. ނަމަވެސް، އެކަމަނާ ވަނީ ކޮވިޑަށް ނެގެޓިވްވެފަ އެވެ.

ކޮވިޑް19 އަކީ އުމުރުން ދުވަސްވީ މީހުންނާއި، އެހެން ބަލިތައް ހުންނަ މީހުންނަށް ނުރައްކާ ބޮޑު ބައްޔެކެވެ. އެހެންކަމުން އުމުރުން 82 އަހަރުގެ ރައީސް މައުމޫނަކީ ކޮވިޑް ބަލީގެ ހައިރިސްކު ކެޓަގަރީގެ ބޭފުޅެކެވެ.

comment ކޮމެންޓް