ނޯޓް 20 އަށް ޕްރީބުކް ކުރަން އުރީދުއިން ހުޅުވާލައިފި

އުރީދޫއިން ހާއްސަ އޮފާތަކަކާއެކު ސެމްސަންގްގެ ނޯޓް ސީރީޒްގެ އާ ފޯނު ކަމަށްވާ "ނޯޓް 20" ލައިންއަޕްގެ ފޯނުތަކަށް ޕްރީބުކް ކުރުމަށް ހުޅުވާލައިފި އެވެ.

ސެމްސަންގް އިން ނޯޓް ލައިންގެ އެންމެ ފަހުން ލޯންޗުކޮށްފައިވަނީ "ނޯޓް 20" އާއި "ނޯޓް 20 އަލްޓްރާ" އެވެ.

ސެމްސަންގް އާ ހަވާލާދީ އުރީދޫއިން ބުނެފައިވަނީ އެ ފޯނުތަކަކީ ނިއު ނޯމަލް ގެ ހާލަތާ އެކަށޭނަގޮތަށް، މަސައްކަތްކުރުމުގައި އަދި މުނިފޫހިފިލުވުމުގައިވެސް ޕަވާ ފޯނެއް ކަމަށެވެ.

ހާއްސަ އޮފާތަކުގެ ދަށުން އާ ލައިންއަޕްގެ ފޯނަށް ޕްރީބުކް ކުރާ ކަސްޓަމަރުންނަށް ކޮންމެ ސެމްސަންގް ގެލެކްސީ ނޯޓް20 ސީރީޒް ގެ ފޯނަކާއެކު ކޮންމެ މަހަކު 12ޖީބީ ބޯނަސް ޑޭޓާ ހަ މަސް ދުވަހަށް މުޅިން ހިލޭ ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ. އަދި ޕްރީބުކް ކުރާ ކޮންމެ ގެލެކްސީ ނޯޓް 20ގެ ފޯނަކާއެކު ސެމްސަންގެ އެންމެ ފަހުގެ ވަޔާލެސް ހެޑްސެޓް ކަމަށްވާ "ގެލެކްސީ ބަޑްސް ލައިވް" ހިލޭ ލިބިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫއިން އިތުރަށް ބުނެފައިވަނީ އާ ނޯޓް ފޯނާއެކު ކަސްޓަމަރުގެ ފިޒިކަލް ސިމް، އީސިމް އަކަށް ހިލޭ ބަދަލު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އުރީދޫއިން ނޯޓް20ގެ "މިސްޓިކް ބްރޮންްޒް" 256ޖީބީ ފޯނު ވިއްކާނީ 18،499 އަށެވެ. އަދި ހަމަ އެކުލައިގެ ނޯޓް20 އަލްޓްރާގެ 256 ޖީބީ ވޭރިއެންޓް ލިބޭނީ 23،399 ރުފިޔާއަށެވެ.

ޕްރީބުކް ކުރުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް އެ ޕްރޮޑަކްޓަށް ޕްރީބުކް ކުރެވޭނެއެވެ. އަދި ޕްރީބުކް ކުރުމުން ރާއްޖޭގެ ކޮންމެ ސަރަހައްދަކަށްވެސް އެ ޕްރޮޑަކްޓް ހިލޭ ފޯރުކޮށްދޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް