ފްރޮންޓްލައިން އިން އެންމެ ގިނައިން ޕޮޒިޓިވް ވަނީ އެއާޕޯޓް މުވައްޒަފުން

އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓު: ފޮރޮންޓްލައިން މީހުންގެ ތެރެއިން އެންމެ ގިނައިން މީހުން ޕޮޒިޓިވް ވަނީ އެއާޕޯޓުން -- ފޮޓޯ/ އިމިގްރޭޝަން

ރާއްޖެެއިން ކޮވިޑަށް ޕޮޒިޓިވްވާ ފޮރޮންޓްލައިން މަސައްކަތްތެރިންގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވަނީ އެއާޕޯޓު މުވައްޒަފުން ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

ރޭ ދަރުބާރުގޭ، އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕިޑަމޮލިޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އެކި އެކ ބާވަތްތަކުން އެންމެ ގިނަ މީހުން ޕޮޒިޓިވްވަނީ ފޮރޮންޓްލައިން މަސައްކަތްތެރިންނާއި ވަޒީފާ ނެތް މީހުން ކަމަށެވެ. އެގޮތުން ތަފާސް ހިސާބުތަކަށް ބަލާއިރު، ފޮރޮންޓްލައިން އަދި ވަޒީފާ ނެތް މީހުންގެ ތެރެއިން 600 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

އެކި އެކި ބާވަތްތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު: އެންމެ ގިނައީ ފްރޮންޓްލައިން އަދި ވަޒީފާ ނެތް މީހުން

ޑރ. އަފްޒަލް ވިދާޅުވީ، ފްރޮންްޓްލައިން މީހުންގެ ތެރެއިންވެސް އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވްވަނީ އެއާޕޯޓު މުވައްޒަފުން ކަމަށެވެ. ދެން އެ ބާވަވަތުން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ސިއްހީ މަސައްކަތްތެރިންނެވެ. ދެން އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނި ފުލުހުން އަދި އެއަށްފަހު ސިފައިންނެވެ.

ފްރޮންޓްލައިން މީހުންގެ ތެރޭޣައި ސަލާމަތީ ހިދުމަތްތަކުގެ ބެފުޅުންވެސް ހިމެނޭތީ، ޕޮޒިޓިވްވި މީހުންގެ އަދަދު ޑރ. އަފްޒަލް ހާމައެއް ނުކުރައްވަ އެވެ.

ފްރޮންޓްލައިން މީހުންގެ ތެރެއިން ބަލި ޖެހޭ މީހުންގެ ނިސްބަތް: ގިނައީ އެއާޕޯޓު މުވައްޒަފަން

ގިނަ އަދަދަކަށް އެއާޕޯޓު މުވައްޒަފުން ޕޮޒިޓިވްވެފައިވާއިރު، ރާއްޖޭގެ ބޯޑަރު ހުޅުވާލީ މިދިޔަ މަހު 15 ވަނަ ދުވަހު އެވެ.

ފްރޮންޓްލައިންގެ އިތުުރުން ދެން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެފައި ވަނީ، ސްކޫލުތަކާއި ކޮލެޖްތަކުގައި ކިޔަވާ ކުދިންނާއި ޓީޗަރުން ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

"މީގެން ދޭހަވަނި މިއީ ސްކޫލުތަކުގައި ނުވަތަ ކޮލެޖުތަކުގައި ވައިރަސް އުޅެނީއެކޭ ނޫން. ނަމަވެސް ބޭރު ތެރޭގައި ވައިރަސް ވަރަށް ބޮޑަށް އުޅޭތީ ސްކޫލްކުދިންނަށާއި އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޭރުތެރެއިން ނުވަތަ އެހިނިހެން ގޮތްގޮތުން ބަލި ޖެހެނީއޭ" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުން ކަމަށެވެ. އަދި ބަލިޖެހޭ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ ޖުލައިމަހާ އަޅާބަލާއިރު، ފުރަބަންދަށް ލުއި ދިން ފަހުން ޕޮޒިޓިވްވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންނަށް ބަލި ޖެހޭ މީހުންގެ އަދަދާއި ކްލިނިކްތަކުން ނަގާ ސާމްޕަލްތައް ޕޮޒިޓިވްވާ މިންވަރު މިހާރު އިތުރުވަމުންދާކަންވެސް ޑރ. އަފްޒަލް ފާހަގަ ކުރެއްވި އެވެ.

މިހާތަނަށް ރާއްޖެއިން 7،500 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު، 4،925 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބަލި ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 28 އެވެ. މިހާރު ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 2،619 އެވެ. އޭގެ ތެރެއިން 184 މީހަކަށް ފަރުވާ ދެމުން ގެންދަނީ ހޮސްޕިޓަލުގަ އެވެ.

comment ކޮމެންޓް