އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފި އެވެ.
އެސްޑީއެފްސީ އިން ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފައިވާކަން ހާމަކުރައްވާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ނަގާފައިވާ ލޯނުތައް ދެއްކުމަށް އެސްޑީއެފްސީ އިން ދިން ލުޔަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މިނިސްޓަރު ވަނީ ބޮޑެތި ބޭންކުތަނުން ވެސް ހާލަތަށް ރިއާޔަތްކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ކޮވިޑް19 އާއެކު އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާ ގުޅިގެން އެސްޑީއެފްސީ އިން ވަނީ މާޗު މަހުން ފެށިގެން ހަ މަސްދުވަހުގެ ނިޔަލަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކާއި އޭގެ އިންޓްރެސްޓް އަނބުރާ ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދީފައެވެ. އަދި މި ހަ މަސްދުވަހުގެ އިންޓްރެސްޓް ރޭޓް ހަތަރު ޕަސެންޓަށް ވަނީ ކުޑަކޮށްދީފަ އެވެ.
އެސްއެމްއީ ބޭންކުން ލޯނު ދޫކުރަނީ މައިގަނޑު ފަސް ދާއިރާ އަކުންނެވެ. އެއީ ދަނޑުވެރިކަމާއި މަސްވެރިކަން އަދި ރަށު ފަތުރުވެރިކަމާއި އައިސީޓީ އަދި އުފެއްދުންތެރިކަމާ ގުޅުންހުރި ދާއިރާތަކެވެ.
އަލަށް ފަށައިގަންނަ ވިޔަފާރިތަކަށް އެސްޑީއެފްސީ އިން ލޯނުގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދޫކުރެ އެވެ. ލޯނު އަނބުރާ ދެއްކުމަށް 18 މަހުގެ ގްރޭސްޕީރިއަޑަކާ އެކު 10 އަހަރެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ތަރައްގީކުރަން ބޭނުންވާ ލޯނުވެސް އެސްޑީއެފްސީ އިން ދޫކުރެއެވެ. މިގޮތުން އެއް އަހަރުގެ ގްރޭސްޕީރިއަޑަކާއެކު 10 އަހަރުން ދައްކާ ގޮތަށް ގިނަވެގެން 500،000 ރުފިޔާގެ ލޯނު މި ކެޓަގަރީގެ ވިޔަފާރިތަކަށް ދޫކުރެ އެވެ.
އެސްޑީއެފްސީ އިން ދެން ލޯނު ދޫކުރަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ ހަރު މުދާ ގަތުމަށާއި ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް އަދި ކުދި ވިޔަފާރިތަކަށް ކުޑަ މުއްދަތެއްގެ ތެރޭގައި މާލީ އެހީ ލިބޭނެ ގޮތަކަށް އަދި ގެސްޓުހައުސް ވިޔަފާރި ފެށުމަށާއި އެ މަސައްކަތް ކުރި އެރުވުމަށެވެ.
އެސްޑީއެފްސީ އިން ދަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގައުމަށް ލޯނު ދޫކުރަމުންނެވެ. މިދިޔަ ހަފްތާގެ ނިޔަލަށް އެސްޑީއެފްސީ އިން ވަނީ 222.9 މިލިއަން ރުފިޔާ ކޮވިޑް ރިލީފްގެ ގޮތުގައި ދޫކޮށްފަ އެވެ.