ކޮވިޑް19: އެކަހެރި ކުރާ އުސޫލުން ޝަކުވާ އާއި ކަންބޮޑުވުން!

މެއި 28، 2020: މަޗީދީމަގުގައި އެމްބިއުލައިން ހަރަކާތްރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ގޭގަ އެކަހެރި ވެގެން ތިބެވޭނެ މީހުން، އިތުރު އުނދަގޫތަކެއް ނެތިއްޔާ ގޭގަ ބައިތިއްބަން ވީ އެންނު؟ ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ކަން ކުރަނީ އެހެނެއް ނޫންތަ؟ ކޮންމެ މީހަކު ފެސިލިޓީއަށް ގެންގޮސް ސަރުކާރުން އެ ކުރަން ޖެހެނީ ބޮޑު ހޭދައެއް ނޫންތަ؟"

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުން އެކަހެރިކުރުމާއި ފެސިލިޓީތަކަށް ގެންދިއުމާ މެދު ކަންބޮޑުވުން ފާޅުކުރަމުން މީހަކު ބުނެފައިވެ އެވެ. ރާއްޖޭގައި ކޮވިޑް19 އަށް ކޮންމެ ދުވަހަކު ސަތޭކައަށްވުރެ ގިނަ މީހުން ޕޮޒިޓިވްވަމުން އަންނަ އިރު، މީހުން އައިސޮލޭޓް ކުރުމުގައި މިވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބުނެފައި ވަނީ ކަމާ ބެހޭ ފަރާތްތަކުން އެ މީހުން އައިސޮލޭޝަނަށް ބަދަލު ކުރަންދެން ގޭގައި މަޑުކޮށްގެން ތިބި 194 މީހަކު މިހާރުވެސް އެބަތިބި ކަމަށެވެ.

އައިސޮލޭޝަނަށް ނުގެންދެވި ގޭގައި މަޑުކުރަން ޖެހިފައިވާ މީހުން އަންނަނީ އެޗްޕީއޭއިން މިކަމުގައި ގެންގުޅޭ އުސޫލަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އައިސޮލޭޝަނަށް ނުގެންދެވި ލަސްވުމުގެ ސަބަބުން މާލޭގެ ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅޭ ބޮޑެތި އާއިލާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"މިހާރު މީ ޕޮޒިޓިވްވެގެން އެންގިތާ ފަސް ވަނަ ދުވަސް. ދެ ދުވަހަކު ބުނެފި ބަލާ އަންނަނީ އޭ. އަދި ނާދޭ. އަޅުގަނޑުމެން ކިހިނެތްތޯ ގޭގަ އެކަހެރި ކުރާނީ. އެންމެން ބޭނުންކުރާ ފާހާނާ މި ހުންނަނީ، ބަންކް ބެޑްގަ އެއް ކޮޓަރީގަ މި ނިދަނީ. ޕޮޒިޓިވްވި މީހާ ބަލާ އާދެވޭ އިރު ދެން ތިބި އެންމެނަށް އޮންނާނީ ޖެހިފައި،" މީހަކު ބުނެފައިވެ އެވެ.

އާންމުން ދެން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަނީ، އެކަހެރި ކުރުމުގައި ހައި ރިސްކް މީހުންނަށް އިސްކަންދޭ ކަމަށް އެޗްޕީއޭ އިން ބުނި ނަމަވެސް، އެގޮތަށް އެކަން ހިނގާތަން ނުފެންނާތީ އެވެ.

ގިނަ ގެތަކެއްގައި އުމުރުން ދުވަސްވީ މީހުންނާއި ހައި ރިސްކް ކެޓަގަރީއަށް ފެތޭ އިތުރު މީހުން އެކަހެރި ނުކުރެވި ތިބި އިރު، އެއްވެސް އަލާމާތެއް ނެތް ދުޅަހެޔޮ ޒުވާނުން އެކަހެރި ކުރާ ކަމުގެ ޝަކުވާތައް ވެސް މަދެއް ނޫނެވެ.

"ސާދަ ދުވަސް ވަންދެން ފެސިލިޓީއެއްގަ އެކަހެރި ކުރީ. ޕޮޒިޓިވްވިޔަސް އަލާމާތެއް ވެސް ނުފެނޭ. ސާދަ ދުވަހު ފެސިލިޓީއެއްގަ ބަހައްޓާފަ ގެއަށް ފޮނުވާލި އިރު ޓެސްޓެއް ވެސް ނުކުރޭ. އެ ސާދަ ދުވަހު އަޅުގަނޑަށް ހަމަ ގާގަ ވެސް އައިސޮލޭޓު ވެވުނީސް،" ޒުވާނަކު ބުންޏެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ ހައި ރިސްކް މީހަކު އައިސޮލޭޝަނަށް ގެންގޮސްދޭން އެދި އާއިލާއިން އާދޭސްކުރަމުން ދަނިކޮށް، އޭނާ ވަނީ ބަލީގައި ނިޔާވެފައެވެ. އަދި މަރްހޫމުގެ ޖަނާޒާގެ ކަންކަން ކުރިއަށް ދަނިކޮށް، އައިސޮލޭޝަނަށް ގެންދަން އެޗްޕީއޭއިން ގެންދަން ގުޅި މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ.

ދެން އެންމެ ގިނަ ބަޔަކު ޝަކުވާ ކުރަނީ ގޭގައި އެކަހެރިވެވޭނެ ގޮތް ހަމަޖެހިފައިވާ މީހުން ވެސް ފެސިލިޓީއަށް ގެންދާތީ އެވެ.

"ކޮއްކޮ ޕޮޒިޓިވް ވެގެން ގޭގަ އައިސޮލޭޓްކުރަން ރިކުއެސްޓް ކުރީ. އެކަމަކު އެޗްޕީއޭ އިން ބުނީ އެގޮތަށް ހަމަޖެހިފައި ނުވާކަމަށް. ގޭގަ އައިސޮލޭޓް ވެވޭނެ ގޮތެއް ނެތިގެން އެތައް ބަޔަކު އާދޭސް ކުރާއިރު، ވަސީލަތްތައް ބޭނުންކުރަން ވާނީ އެފަދަ މީހުންނަށް އިސްކަންދީގެން ކަންނޭނގެ،" އިތުރު މީހަކު ބުންޏެވެ.

އެޗްޕީއޭ އިން ބުނަނީ ކީކޭ؟

ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން "ސަން" އާ ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު، އިބްރާހިމް އަފްޒަލް ވިދާޅުވީ އެޗްޕީއޭގެ އިރުޝާދުތަކަށް ރައްޔިތުން ފުރިހަމައަށް ބޯލަނބާނަމަ، ހަމައެކަނި ހައި ރިސްކް މީހުން އައިސޮލޭޓް ކުރުމާ މެދު ވިސްނުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް، ގިނަ ރައްޔިތުންގެ އަމަލުތައް ހުންނަ ގޮތުން، އެ ކަށަވަރުކަން ކަމާ ބެހޭ ފަރާތްތަކުން ނުލިބެނީއެވެ. މާލެއިން ރަށަށް ދާ މީހުން ވެސް ހޯމް ކަރަންޓީނުގެ އުސޫލުތަކާ ހިލާފު ވާއިރު، ގޭގައި އައިސޮލޭޓު ކުރާ މީހުން ވެސް އެފަދަ ގޮތަކަށް އަމަލުކޮށްގެން، ހައްތަހާ ބޮޑަށް ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ޑރ. އަފްޒަލް ވިދާޅުވީ ގޭގައި އެކަހެރި ވެވޭނެ މީހުން ގޭގައި އެކަހެރިކުރަން އަދި އީއޯސީ ފެންވަރުގައި ނިންމާފައި ނުވަނީ، އޭގެ ސަބަބުން ގިނަ ޝަކުވާތަކެއް ނުކުންނާނެތީ ކަމަށެވެ.

"މިސާލަކަށް، އެއްބަޔަކު ބުނާނެ އެމީހުން [އެޗްޕީއޭ] ހިތަށް އެރި ބަޔެކޭ ގެންދަނީ. ހިތައް އެރި ބަޔަކު އެބަ ބައިތިއްބަޔޭ ގޭގައި، އެގޮތަށް ވިސްނާފައި ކަންނޭނގެ އެގޮތަށް އަދި ނުނިންމާ އެވަނީ،" ޑރ. ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވީ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ޕޮޒިޓިވްވާ ހުރިހާ އެންމެން ވެސް ފެސިލިޓީއެއްގައި އައިސޮލޭޓް ކުރުމަކީ ގައު،މާއި ރައްޔިތުންނަށް ވެސް އެންމެ ރައްކާތެރި ގޮތް ކަމަށެވެ.

"އުނދަގޫ ވިޔަސް ބޮޑަށް ސޭފްޓީ އޮތީ ގެންދިޔުމުން. އެއީ ކެޕޭސިޓީ އޮތް ދުވަހަކު ވިއްޔާ އެގޮތް ކަންނޭނނެ ސޭފް ވާނީ،" ޑރ. ވިދާޅުވި އެވެ.

ހަމައެއާއެކު އައިސޮލޭޝަނަށް ދާން ގިނަ އަދަދެއްގެ ބަޔަކު ދެކޮޅު ހަދާތީ އެކަމުގެ ކަންބޮޑުވުން ވެސް ޑރ. ފާޅުކުރެއްވި އެވެ. އައިސޮލޭޝަނަށް ބަދަލުވާން 89 މީހަކު ދެކޮޅު ހަދާފައިވާ އިރު 33 މީހެއްގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް ރޭ އެޗްއީއޯސީން ވަނީ ބުނެފަ އެވެ.

މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 2،521 މީހަކު ތިބި އިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 1،419 މީހެކެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 169 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ކޮވިޑް19 ގައި ރާއްޖެއިން މިހާތަނަށް 26 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް