ކޮވިޑު ރަތް ރޮގު ހުރަސްކުރަނީ، އަޅާނުލާ ލިބެންވީތަ؟

މާލޭ މަގުމަތީ ބަޔަކު ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދަކަށް މަޑުޖެހުމެއް ނާދެ އެވެ. އެޗްޕީއޭގެ ޑޭޝްބޯޑުގައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 100 އެއްހާ މީހުންނަށް ބަލިޖެހެ އެވެ.

އޭޕްރީލް 15ގައި މާލެއިން ބަލީގެ ކޮމިޔުނިޓީ ސްޕްރެޑެއް ފެނުނުއިރު ބަލިޖެހެމުން ދިޔައީ ދިވެހިންނަށް ވުރެ ގިނައިން ބިދޭސީންނަށެވެ. ތޮއްޖެހިގެން އެތައް ބަޔަކު އުޅޭ ލޭބާ ކުއާޓަރުތަކުން މީހުން ހުސްކޮށް އެތަންތަނުގައި އުޅޭ މީހުން ބައްޔަށް ޓެސްޓުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރި އެވެ. ބާޒާރުމަތީގައިވެސް އޭރު ބޮޑު ކްލަސްޓާއެއް އޮތެވެ. އޭރު ބަލި ކޮންޓްރޯލު ކުރުމަށް އެޅީ ހަރުކަށި ފިޔަވާޅުތަކެކެވެ. ދިޔައީ ގާތްގަނޑަކަށް ފުލް ލޮކްޑައުންއަކަށެވެ. ނަތީޖާއެއްގެ ގޮތުން އެތެރޭގެ އިގްތިސާދު އެއްކޮށްހެން ހުއްޓުނެވެ. އެތައް ވިޔަފާރިއެއް މަޑުޖެހި ބައެއް ވިޔަފާރިތައް ބަންދުކޮށް އެތައް ބަޔެއްގެ ވަޒީފާ އަށް އަސަރު ކުރި އެވެ.

ކޮވިޑް19އަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމަށް ކަމާބެހޭފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑާއެކު އައީ ހަމައެކަނި ބަލިމަޑުކަމެއް ނޫނެވެ. އިގްތިސާދީ އަދި އިޖުތިމާއީ ގިނަ ގޮންޖެހުންތައް އުފަންވެއްޖެ އެވެ. ގާތްގަނޑަކަށް ދެ މަސްވަންދެން ބަންދުވެގެން ތިބުމަށްފަހު އޭރު އޮތް ހަރުކަށި ފިޔަވަޅުތަކަށް ލުއިދިނީ ބަލި ފެތުރެމުންދިޔަ މިންވަރު ވަރަށް ބޮޑަށް ދަށްވުމުންނެވެ. ފަންސާހާއި ހަތްދިހައާ ދެމެދުން ފެނުނު ކޭސްތަކުގެ އަދަދު ގާތްގަނޑަކަށް 10 އާއި 15 އާއި ދެމެދަށް ތިރިވި އެވެ.

އެއާ އެކު، ލުއިތައް ދިންއިރު، ކަމާބެހޭ ފަރާތްތަކުން ދިން އިރުޝާދަކީ ބަލި ފެތުރުން ހުއްޓުވުމަށް ގައިދުރުކަން އިސްކުރުމެވެ. ފަރުދީ ޒިންމާ އަދާކޮށް، ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމެވެ. އޭރު ދިން ނަސޭހަތުގައި ހިފައިގެން ތިބީ މަދުބަޔެކެވެ. ލިބުނު ލުއިތަކާއެކު ދެ މަހު ގޭގައިތިބެން ޖެހުމުން ކުރިމަތިވި ނުތަނަވަސްކަން ފިލުވައިލުމަށް ގިނަ ބަޔަކު ދާންފެށީ ދަތުރެވެ. މަސްދަތުރާއި ޕިކްނިކެވެ. އެއްވުންތަކާއި ޕާޓީތައް ބާއްވަން ފެށި އވެ. ކޮފީ ޝޮޕްތަކާ ކެފޭތައް ހުޅުވުލުމާއެކު އެތަންތަނަށް ބާރުބޮޑުވި އެވެ. އޮފީސްތަކުން ބަލިޖެެހޭ މިންވަރު އިތުރުވާން ފެށި އެވެ.

ޖުލައި އެކަކުން ފެށިގެން ލޮކްޑައުންއަށް ލުއި ދިންއިރު، އޮގަސްޓުމަހާއި ހަމައަށް އައި އިރު ބަލި ފެތުރޭ މިންވަރު އޮތީ އިންތިހާ އަށް އިތުރުވެފަ އެވެ. ދިން ލުއިތައް، އަލުން މުރާޖައާކޮށް އިތުރު ހިފެހެއްޓުންތަކަކަށް ދާން ވިސްނަންޖެހޭ ހާލަތަށް ކަންތައް ދިޔައީ އެވެ.

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑު ފެތުރޭ މިންވަރު ކޮންޓްރޯލު ކުރުމަށް ނުވަތަ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ. ފުރަބަންދަށް ލުއި ދިން އިރުވެސް، ރޭގަނޑު 11 އިން ފަތިހު ފަހަކަން ބޭރަށް ނިކުތުން މަނާވިނަމަވެސް އެކަމަށް އަމަލުކުރަނީ ކިހާމިންވަރަކަށްތޯ މާ ބޮޑަކަށް މޮނީޓާކޮށްފައެއް ނުވެއެވެ. އެކަމަކު، ބަލިފެތުރޭ މިންވަރު އިތުރުވާން ފެށުމާއެކު ރޭގަނޑު 10 އިން ފެށިގެން ބޭރަށް ނިކުތުން މަނާކޮށް ހަރުކަށިކޮށް އެކަން ތަންފީޒު ކުރަން ވަނީ ފަށައިފަ އެވެ. ފިހާރަތައް ރޭގަނޑު 9:30 ގައި ބަންދުކޮށް، 10 އިން ފަހަކަށް ބޭރަށް ނިކުންނަ ނަމަ އަދި މަގުމަތީ އުޅޭނަމަ ފުރަތަމަ ފަހަރު ނަސޭހަތްދީ، އަދި އެކަން ތަކުރާރު ކުރާނަމަ 1،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ވަނީ ފަށައިފައެވެ. މާސްކު ނާޅާ މަގުމަތީ އުޅޭ މީހުންނަށްވެސް މި އަދަބު އަންނަނީ ދެމުންނެވެ.

މި ފިޔަވަޅުތަކާއެކުވެސް ކޮވިޑް ފެތުރޭ މިންވަރު ކޮންޓްރޯލު ކުރެވިފައެއް ނުވެ އެވެ.

ބާޒާރު ސަރަހައްދުގެ މަގުތައް ބާރުބޮޑުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިދިޔަ ހަފްތާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާރު ބަލިފެތުރޭ މިންވަރު އެންމެ ގިނައީ މަސައްކަތެއް ނެތިފައިވާ ޒުވާނުންގެ މެދުގައި ކަމަށެވެ. އެގޮތުން އެފަދަ ފަރާތްތަކުން ގިނަ ވަގުތު ބޭރުގައި ނުވަތަ ކެފޭ/ރެސްޓޯރެންޓުތަކުގައި ހޭދަކުރާ ކަމަށާއި މަސައްކަތެއް ނެތިފައި ތިބޭއިރު ގޭތެރެއަށް ބޭނުންވާ ތަކެތި ހޯދުމަށް ބާޒާރުކުރުން ފަދަ ކަންތައް އެމީހުން ކުރާއިރު، ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުކަން ޑރ. އަފްޒަލް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މިހާރު ބަލިފެތުރޭ ޓްރެންޑަށް ބަލާއިރު، ކޮންޓެކްޓުންގެ އަދަދު މަދުވި ނަމަވެސް، އެއްވެސް ކޭސް އަކާ ގުޅުންނެތް، ކޭސްތަކުގެ އަދަދު ވަނީ އިތުރުވެފަ އެވެ. ޖެހޭ ކޮންމެ މީހެއްގެ ގައިން އިތުރު ހަތަރު މީހަކަށް ކުރިން ބަލި ޖެހޭ ކަމަށާއި އެހެން ނަމަވެސް މިހާރު އެ އަދަދު މަދު ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފަ އެވެ.

"މީހުން ބައްދަލުވާ ކޮންޓެކްޓް ބަބުލް ކުޑަ ކަމަށް ފެނުނު ނަމަވެސް، ހަގީގަތުގައި ޖުމްލަ ކޭސްތައް އިތުރުވާ ކަމަށް ވާނަމަ އެކަމުން ލިބެންޖެހޭ ހިތްހަމަ ޖެހުމެއް ނުލިބޭ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އަން ލިންކްޑް ކޭސްތައް ހުރި މިންވަރު ---

ގުޅުމެއް ނެތް ކޭސްތައް ގިނަ ވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. އެގޮތުން ގުޅުން ނެތް ކޭސްތައް ހޯދުމުން، ބަލި ފެތުރޭ މިންވަރު ދެނެގަނެވޭނެ ކަމަށާއި، އަދި ގުޅުން ނެތް ކޭސްތައް އިތުރުވުމުގެ މާނައަކީ، ނޭނގޭ ގޮތްގޮތަށް ބަލި ފެތުރެމުން އައުން ކަމަށްވެސް ވިދާޅުވި އެވެ.

"އެހެން ގޮތަކަށް ބުނާ ނަމަ ކޮމިއުނިޓީ ސްޕްރެޑް ވަަށް ގަދަޔަށް އެބަ ހިނގައޭ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

މާލޭގެ ބާޒާރު ސަރަހައްދުގެ މަގުތައް ބާރުބޮޑުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއާއެކު އެޗްއީއޯސީ އިން ވަނީ މިރެއިން ފެށިގެން މާލެ ސަރަހައްދުގައި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން މިރެއިން ފެށިގެން ރޭގަނޑު އަށަކުން ފަތިހު ފަހަކަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެ އެވެ. އަދި ކުރިއެކޭ އެއްގޮތަށް 10 އިން ފަތިހު ފަހަކަށް ބޭރުގައި އުޅުން މަނާވާނެ އެވެ.

މި ނިންމުން ނިންމުމާއެކު މިއީ" ތާކުންތާކު ނުޖެހޭ ނިންމުމެއް" ކަމަށްބުނެ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން އިއުލާނު ކުރުމާއެކު ސޯޝަލް މީޑިއާ އަށް ބަންޑުންވި ޝަކުވާތަކާއި ނުރުހުންތަކުގައި ބުނާގޮތުންނަމަ، މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބުނު އިތުރު ނިކަމެތިކަމެކެވެ. ރޭގަނޑު ޑިޔުޓީ އަދާކުރާ މީހުންނަށް ކުރިމަތިބި ދައްޗެކެވެ. އެކަމަކު މިއީ ހާލަތަށް ބަލާއިރު ނިންމަން ނުޖެހޭ ވަރުގެ ނިންމުމެއް ހެއްޔެވެ؟

ބަޔަކު ކޮފީ ޝޮޕެއްގެ ތެރޭގައި-- ސަން ފޮޓޯ: މުހައްމަދު މުޒައްޔިން

މާލެ ސަރަހައްދުގައި އުޅޭ އާންމުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާއިރު، ގިނަ މީހުންނަކީ ސައިކަލުގައި ނުވަތަ ކާރުގައި އުޅޭ މީހުންނެވެ. ޒުވާނުންގެ ބޮޑު އިންސައްތައެއް ސައިކަލުގައި އުޅޭއިރު، އެއްވެ އުޅުން މަދުކުރުމަށާއި، ކޮންޓެކްޓުން މަދުކޮށް ބަލި ފެތުރޭ މިންވަރު ދަށްކުރުމަށް އެޗްއީއޯސީ އިން އެޅި ފިޔަވަޅަކީ ރަނގަޅު ފިޔަވަޅެއް ކަން ބުނަން ޖާގަ އެބަ އޮތެވެ. ސަބަބަކަށް ވަނީ، މާލެ ސަރަހައްދުގައި ގިނަ ބަޔަކު ދުއްވާއެއްޗެހީގައި އުޅޭއިރު އެންމެ ގިނައިން މީހުން ބޭރަށް ނިކުންނަ ވަގުތުގައި ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރުމަކީ ބޭރަށް ނިކުމެ އުޅޭނޭ މީހުން މަދުކުރެވޭނެ ކަމެކެވެ.

ހާއްސަކޮށް ރޭގަނޑު އަށަކާ 10 އާއި ދެމެދުގެ ވަގުތަކީ ގިނަ ބަޔަކު ފިނިބުރުޖެހުމަށާއި ކޮފީތަކަށް އަރާ ވަގުތަށްވެފައި، އެވަގުތަކީ ދުއްވުން މަނާ ވަގުތަކަށް ހެދުމުން، ދުއްވާ އެއްޗެހީގައި އުޅޭ މީހުން ބޭރަށް ނިކުމެ އުޅުމުގެ ފުރުސަތު ކުޑަވުމުގެ ފުރުސަތު ޔަގީނަށް ވެސް އޮންނާނެ އެވެ.

ރޭ އިއުލާނުކުރި ނިންމުމަށް ފާޑުކިޔަމުން ދަނިކޮށް، އެޗްޕީއޭ އިން މިއަދު ބުނީ ރޭގަނޑު އަށަކުން ފަތިހު ފަހަކަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރީ، އެންމެ ބޮޑަށް ބަލި ފެތުރޭކަމަށް ރެކޯޑުކުރެވިފައިވާ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުމަކަށް ގެނައުމަށް ކަމަށެވެ.

ކޮންމެ ހަފްތާއަކުވެސް ބަލި ފެތުރޭ މިންވަރު ދިރާސާކޮށް ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް ހާލަތާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

"ދިޔަ ހަފްތާގައި ބަލި ޖެހުނު މީހުންގެ އަދަދާއި ހަސްފަތާލުގައި ފަރުވާ ދިނުމަށް އެނދުމަތި ކުރެވުނު މީހުންގެ އަދަދުތައް ކަންބޮޑުވާންޖެހޭ މިންވަރަކަށް މަތިވެފައި ވާތީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ވަނީ މަޖުބޫރުވެފައި. މި ފިޔަވަޅުތަކަކީ ކޮންމެ ހަފްތާއެއްގެ ހާލަތަށް ރިއާޔަތްކޮށް މުރާޖައާ ކުރެވިގެންދާނެ ފިޔަވަޅުތަކެއް. އަދި ބަލި ޖެހޭ މީހުންނާއި ހަސްފަތާލުގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ މީހުން މަދުވެ، ހާލަތު ރަނގަޅުވާ ވަރަކުން ފިޔަވަޅުތައް ލުއިކޮށް އުވާލެވޭނެ،" އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓުގައި ބުންޏެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ބަލި ފެތުރޭމިންވަރު އެންމެ ގިނައީ އުމުރުން 21 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންގެ މެދުގަ އެވެ. އޭގެ ތެރޭއިންވެސް އެންމެ ގިނައީ ފިރިހެނުންނެވެ.

ދަތިވިޔަސް، އުނދަގޫވިތަސް އެޗްއީއޯސީގެ ނިންމުމަކީ ކޮވިޑު ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅި މުހިއްމު ފިޔަވަޅެކެވެ.

އެޗްޕީއޭގެ ޑޭޝްބޯޑުގައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، "ޕްރައޮޔޯރިޓީ އީޒް ޕްލޭން އިންޑިކޭޓާ ސްކޯ" މިހާރު ހުރީ ލެވެލް ދޭއެއްގެ އެންމެ މަތީގައި، ނުވައެއްގަ އެވެ. މި އަދަދު 10 އިން މަތިވެއްޖެނަމަ، ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރެވޭނެ އެވެ. މިއަންނަނީ ދެން އެ ދުވަސްތަކެވެ.

ޕްރަޔޮރިޓީ އީޒް ޕްލޭން އިންޑިކޭޓާ ސްކޯ -- ފޮޓޯ އެޗްޕީއޭ/ޑޭޝްބޯޑު

ރޭގެ އިރުއޮއްސި ހަޔަކާ ހަމައަށް 6،660 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. މިހާރު 2،486 މީހަކަށް ފަރުވާދެމުންދައިރު މީގެެ ތެރެއިން 169 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 4،148 އެވެ. މިހާތަނަށް 26 މީހަކު ރާއްޖެއިން ބަލީގައި މަރުވެފައިވެ އެވެ.

ފިޔަވަޅުތައް އިތުރަށް ހަރުކަށި ނުކޮށް، ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަހަރެމެންނަށް އޮތީ ފަރުދީ ޒިންމާ އަދާކުރުމެވެ. އެންގުންތަކަށް ބޯލަނބައި، އިރުޝާދުތަކަށް ތަބައަވުމެވެ. މިހާރު އަތްނުފޯރާ ފަށަށް އުފުލިފައިވާ ގުދު ތިރިކުރުމަށް އެމީހެއްގެ އަމިއްލަ ޒިންމާ އަދާކުރުމެވެ. ލޮކްޑައުންއެއްގައި ކުރިމަތިވާ ދަތިތައް އަހަރެމެން އެއްފަހަރު ތަޖުރިބާކޮށްފި އެވެ. މިކަން އަލުން ތަކުރާރު ކުރަން ނުޖެހި ސަލާމަތްވާން އޮތީ ފިޔަވަޅުތަކަށް ބޯލަނބައި، އިރުޝާދުތަކަށް ތަބައަވެގެންނެވެ.

comment ކޮމެންޓް