އެމެރިކާގައި މިއަހަރު ފަހުކޮޅު ބާއްވާ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓިގެ ރާނިންމޭޓް ކަމަށް ކަމާލާ ހޭރިސް ރަސްމީކޮށް ކަނޑައަޅައިފި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ޑިމޮކްރެޓިކްގެ ކޮންވެންޝަންގައި ކަމާލާއަށް ވަނީ ރަނިން މޭޓްގެ ޓިކެޓް ހަވާލުކޮށްފަ އެވެ.
ރަނިން މޭޓްގެ ޓިކެޓްއާ އެކު ކަމާލާ މިހާރު މިވަނީ ތާރީހުގެ ތެރެއަށް ވަދެފަ އެވެ. ކަމާލާގެ މަންމައަކީ އިންޑިއާ ދަރިކޮޅުގެ ބޭފުޅެކެވެ. އަދި ބައްޕައަކީ އެފްރިކަން އެމެރިކަން ދަރިކޮޅުގެ ބޭފުޅެކެވެ. މީގެ ކުރިން އިންޑިއާ އަދި އެފްރިކާ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅަކަށް ރަނިން މޭޓްކަން ދީފައެއް ނުވެ އެވެ.
ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ކަމާލާ ވަނީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްްޕްއަށް ހޫނު ބަހުގެ ހަމަލާތަކެއް ވެސް ދެއްވައިފަ އެވެ. ކަމާލާ ވިދާޅުވީ ޓްރަމްޕް ފެއިލްވެފައިވާ ކަމަށާއި އަދި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ އެކު އެމެރިކާގެ މީހުންގެ ދިރިއުޅުމަށް ބޮޑެތި އަސަަރުތަކެއް ކޮށްފައިވާ ކަމަށެވެ.
ކަމާލާ އިތުރަށް ވިދާޅުވީ އެމެރިކާގައި މިހާރު ހަމަނުޖެހުންތަކާ އެކު ގައުމުގެ މިސްރާބު ގެއްލިފައިވާ ކަމަށާއި ގައުމުގައި ހިންގުންތެރިކަމެއް ނެތުމުން ބިރުވެރި ކަމަށް ގައުމު ވެއްޓިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެބަ ޖެހޭ ގައުމުގެ ހުރިހާ އެންމެން [ލެޓީނޯ، ދޮން މީހުން، އެފްރިކަން އެމެރިކަން މީހުން، އޭޝިއަންސް އަދި ނޭޓިވް އެމެރިކަން] މީހުން އެއް ގަލަކަށް ގެނެވޭނެ ބަޔަކު ހޯދަން. އެހެންކަމުން ޖޯ ބައިޑެން އެބަ ޖެހޭ ވެރިކަމަށް ގެންނަން،" ކަމާލާ ވިދާޅުވި އެވެ.
ކަމާލާގެ ވާހަކަފުޅުގައި ވަނީ އެކަމަނާގެ ހަޔާތާ ބެހޭ ގޮތުން ވެސް އަލިއަޅުވާލައްވައިފަ އެވެ. އެގޮތުން އެކަމަނާއަކީ އެގައުމަށް ހިޖުރަކުރި ދެ މީހަކަށް ލިބިފައިވާ ބޭފުޅެއްކަން ހަނދާންކޮށްދެއްވައި، ނަސްލީ ތަފާތުކުރުންތަކާއި އަންހެނުންނަށް އޮތް ގޮންޖެހުންތަކާއެކު ވެސް ކާމިޔާބަށް ވާސިލްވެވުނުކަން ވެސް ވަނީ ހަނދާންކޮށްދެއްވައިފަ އެވެ.-- ރޮއިޓާސް