ކުނަހަންދުއަށް އުދައަރައި ދަނޑުބިންތަކަށް ވަރަށް ބޮޑަށް ގެއްލުންވެއްޖެ

ކުނަހަންދޫއަށް އުދައަރާފައި--

ލ. ކުނަހަންދުއަށް އުދައަރައި އެރަށުގެ ދަނޑުބިންތަކަށް ވަރަށް ބޮޑަށް ގެއްލުންވެއްޖެއެވެ.

ކުނަހަންދޫ ކައުންސިލްގެ ނާއިބު ރައީސް ޟިރުއާމް ސައީދު "ސަން" ވިދާޅުވީ އުދަ އަރަންފެށީ މިއަދު އެކެއް ޖެހި ފަހުން ކަމަށެވެ. އަދި އޭރު ލޮނުއެރި ގޮތަށް އަރަމުން އަރަމުންގޮސް މިހާރު މަޑުމަޑުން ލޮނުގަނޑު ތިރިވަމުންދާކަމަށް އޭނާ ވިދާޅުއެވެ.

ކުނަހަންދޫގެ މީހުން މީގެ ކުރިންވެސް ދަނޑުވެރިކަން ކުރެއެވެ. އަދި ކޮވިޑްގެ ހާލަތާ ގުޅިގެން ކުނަހަންދޫގައި އެ މަސައްކަތް ކުރާ މީހުން އިތުރުވެ 100 އެއްހާ މީހުން މިހާރު ދަނޑުވެރިކަން ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ކުނަހަންދޫއަށް އުދައަރާފައި--

އުދައެރުމާ ގުޅިގެން ކުނަހަންދޫގެ ކަރާ ދަނޑުތަކާއި ދަނޑިއަލުވިތައް ފަދަ ބާވަތްތައް ހަލާލުވެފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއަދު އުދައެރިއިރު ހުރި ކަކުލާ ހަމައަށް އުދަ އަރާފައި. ރަށުގެ އަތިރިމަތީގައި ހުރި ފާރުތައްވެސް ހުރީ ކަނޑައިގެން ގޮސްފައި. 10 ވަރަކަށް ދަނޑުބިމަށް ވަނީ ގެއްލުންވެފައި" ޟިރުއާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުނަހަންދުއަށް އުދައެރުމުގެ މައްސަލަ ކުރިމަތިވެފައިވާތާ އެތަކެއް ދުވަސްތަކެއް ވެފައިވާ ކަމަށާއި އަދި ބަނދަރުހެދުމުގެ ސަބަބުން އެ ސަރަހައްދު އުސްވެ ރަށުގެ ދެން ހުރި ސަރަހައްދުތައް ތިރިވުމުން އުދަ އެރުމުގެ މައްސަލަ އިތުރަށް ގޯސްވެފައިވާ ކަމަށެވެ.

ކުނަހަންދޫއަށް އުދައަރާފައި--

އުދައަރާތީ މިހާރު ޑިޒާސްޓާ މެނޭޖްމަންޓް މެދުވެރިކޮށް 10،000 ގޯނިބަސްތާ ލިބޭނެ ގޮތް މިހާރު ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ގޯނި ބަސްތާ ޖެހުމަކީ ވަގުތީ ހައްލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ވިއްސާރަވުމުން އުދައެރުމުގެ ކަންތައް އިތުރަށް ގޯސްވާކަން ޟިރުއާމް ފާހަގަކުރެއްވިއެވެ.

"މިހާރުވެސް ހައެއްކަ ފަހަރު މަހަކު ލޮނުގަނޑު އުސްވޭ. މިކަމަށް ދާއިމީ ހައްލެއް ބޭނުންވޭ. މިހާރުވެސް ރަށުގެ ޒުވާނުން ނިކުމެ ފިނޮޅަށް ގޮސް ވެލި ގެނެސްގެން ރަށުގެ އަޑި ސަރަހައްދުތަކަަށް ވެލި ނަގަން އުޅޭ. ނަމަވެސް އެކަންވެސް ރަނގަޅަށް ކުރެވޭނީ ހައިމާކެއްވެސް ބޭނުންކޮށްގެން" ޟިރުއާމް ވިދާޅުވިއެވެ.

comment ކޮމެންޓް