ނޮވެމްބަރުގެ ކުރިން ސްވިމިންގް ޕްލެޓްފޯމްގެ މަސައްކަތް ނިންމާލަނީ

ފަތާ ޓްރެކް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ// ޔޫތް މިނިސްޓްރީ

މާލޭ އިރުދެކުނު ފަރާތުގައި ގާއިމްކޮށްފައިވާ ފަތާ ޓްރެކް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭ ވަރުވާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްްޖެ އެވެ.

ސްވިމިން ޓްރެކް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މާޒިޔާ ކޮންސްޓްރަކްޝަންސް އާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ. އެ އެއްބަސްވުމުގެ ދަށުން 120 ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ.

އެހެން ނަމަވެސް މާލޭގައި ގިނަ ބަޔަކު މިހާރުވެސް ބޭނުން ކުރަމުން އަންނަ ފަތާ ޓްރެކް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް، މާޒިޔާ ކޮންސްޓްރަކަޝަނަށް ކުރިޔަށް ނުގެންދެވިފައި އޮތީ، ފަތާ ޓްރެކް ސަރަހައްދުގައި އަޅަން ގަސްތުކުރި އިމާރާތް އެޅުމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ލިބެން ޖެހޭ ހުއްދަތައް ނުލިބިގެން ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ކުރިން ބުނެފަ އެވެ.

މިނިސްޓަރ މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭ ފަތާ ޓްރެކް ސަރަހައްދުގައި އަޅާ އިމާރާތުގެ މަސައްކަތް އީއައިއޭ ހެދުމަށް އަދި ކޮވިޑާ ގުޅިގެން އައި މެދުކެނޑުމަށްފަހު މިހާރު ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށެވެ. އަދި މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށާއި، މި މަސައްކަތުގައި ސްވިމިންގް އެސޯސިއޭޝަނުގައި ރައީސްއާއި އެކްސްކޯގެ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ފަތާ ޓްރެކް ޒަމާނީ ފެންވަރަށް ތަަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު އެ ސަރަހައްދުގައި ޗޭންޖިންގް ރޫމަކާއި، ފެންވެރޭނެ ފާހާނާ ބަރިއެއް ގެ އިތުރުން، މީހުންނަށް އިށީނދެވޭނެހެން ހިޔާ ކުރެވިފައިވާ ސިޑި ބަރިއެއް ދަނީ ހަދަމުންނެވެ.

comment ކޮމެންޓް