ނިއުމާތު: ކުޑަކުދިންގެ ހައްގުތައް ދިފާއުކުރަން ގަދަ އަޒުމަކާއި އުންމީދުގައި!

ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގު -- ފޮޓޯ/ ޕީއެސްއެމް

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީސް އުފައްދައި، އޮމްބަޑްސްޕާސަންގެ މަގާމަށް މ. މާފުށީގެ، ނިއުމާތު ޝަފީގު އައްޔަންކުރެއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އެ މަގާމަށް ނިއުމާތު އައްޔަން ކުރެއްވުމާއެކު، އެއް ބަޔަކު ބުނަމުން ދިޔައީ އަނެއްކާވެސް ބޮޑު މުސާރަ ދީފައި ބޭކާރު މަގާމެއް އުފެއްދީ ކަމަށެވެ. ގިނަ ބަޔަކަށް އެއީ ކޮން ބޭނުމަކު އުފެއްދި މަގާމެއް ކަމެއް ނޭނގެ އެވެ.

ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމަކީ މިދިޔަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 113 ވަނަ މާއްދާގެ ދަށުން އުފެދުނު މަގާމެކެވެ.

އެ ގާނޫނުގައި ބުނާ ގޮތުން ޗިލްޑްރެންސް އޮމްބަޑްސްޕާސަންއަކަށް އައްޔަން ކުރާ ބޭފުޅަކަށް މަތިކޮށްފައި ވަނީ ވަރަށް ބޮޑެތި މަސްއޫލިއްޔަތުތަކެކެވެ. އެ ގާނޫނުގައި ބުނާ ގޮތުން ނިއުމަތު އުފުއްލަވަން ޖެހޭ ޒިންމާތަކަކީ؛

  • ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ތަންފީޒު ކުރެވޭ މިންވަރު ބެލުން.
  • ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ގުޅޭ މުއައްސަސާތައް މޮނިޓާކޮށް އިވެލުއޭޓު ކުރުން.
  • ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަމާ ބެހޭ މުއާހަދާއާ އެއްގޮތަށް އަމަލު ކުރާ މިންވަރު ބެލުން.
  • ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަަސައްކަތް ކުރާ މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާ ކުރުން.

ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކުރަން ތިބި މީހުންގެ މަސައްކަތްތަކަށް ފާރަވެރިވެ، ކަންކަން ހިނގާ ނުހިނގާގޮތް ބެލުމުގެ ޒިންމާ މިއަދު އެޅިފައި ވަނީ ނިއުމާތުގެ ކޮނޑުފުޅުގަ އެވެ. ރާއްޖޭގައި ކުޑަކުދިންގެ ހާލަތު ނާޒުކު، އަދި އާ ގާނޫނަކަށް އަމަލުކުރަން ފަށާފައިވާ މި ދަނޑިވަޅުގައި މި މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންނެވި ނިއުމާތު އަށް މިކަން ވާނެ ބާއެވެ؟ މިއި ވަރަށް ގިނަ ބައެއްގެ ސުވާލެކެވެ.

"އާދެ. އަޅުގަނޑަށް މިކަން ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދު އޮތީމައި މަގާމާ ހަވާލުވީ. ނުވެދާނެކަން އިހުސާސްވި ނަމަ ހަވާލެއް ނުވާނެ. އަޅުގަނޑު ހަމަ ވަރަށް ބޮޑު އުންމީދެއް އޮތީމަ މި ހަވާލުވީ،" ވަރަށް ޔަގީންކަމާ އެކު ނިއުމާތު ވިދާޅުވި އެވެ.

ނިއުމާތު ދަންނަ މީހުން ބުނާގޮތުގައި އޭނާ އަކީ މި މަގާމަށް ކުޅަދާނަ އަދި އެންމެ ގާބިލް ފަރާތެކެވެ. އޭނާގެ ކިބައިގައި މިކަމަށް ބޭނުންވާ އިލްމާއި، ހިލްމު އަދި ގާބިލުކަން ފުރިހަމައަށް އެބަހުރިކަމަށް އެ މީހުން ޔަގީންކުރެ އެވެ. ނިއުމާތު ދަންނަ މީހުން އޭނާ ސިފަކުރާ ގޮތުގައި، އޭނާ އަކީ ނުފޫޒުން އެއްކިބާވެގެން މަސައްކަތް ކުރައްވާ، ވަރަށް އިހުސާންތެރި ބޭފުޅެކެވެ.

ދާއިރާއިން ތައުލީމާއި ތަޖުރިބާ އެބަހުރި!

ނިއުމާތު ވަނީ 1985 ވަނަ އަހަރު ޕްރީ-ސްކޫލް ޓީޗިންގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކުރައްވައިފަ އެވެ. އަދި އެތައް އަހަރެއް ވަންދެން ޕްރީ ސްކޫލު ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު، 2010 ވަނަ އަހަރު އާލީ ޗައިލްޑްހޫޑްގެ ދާއިރާއިން ޑިގްރީ ހާސިލްކުރެއްވި އެވެ. އެއަށްފަހު 2013 ވަނަ އަހަރު އެ ދާއިރާއިން އިންޓަނޭޝަނަލް މާސްޓާޒް ހާސިލްކުރައްވާފައިވެ އެވެ.

ނިއުމާތު ވިދާޅުވީ ކުޑަކުދިންނާ ގުޅުންހުރި އެކި ކަހަލަ މަސައްކަތްތަކުގައި އުޅުއްވާތާ 40 އަހަރު ވެފައިވާއިރު، އޭނާ މި މަސައްކަތް ކުރަނީ ވަޒީފާއެއްގެ ގޮތުގައި ދެކިގެން ނޫން ކަމަށެވެ. މިކަމަށް ހުންނަ ލޯތްބަކާއި ޝައުގެއްގެ ބޮޑުކަމުންނެވެ.

އެހެންކަމުން ދާއިރާގެ ގިނަ ކަންތައްތަކެއްގައި އުޅެ، ގިނަ ތަޖުރިބާތަކެއް ވެސް އެބަހުއްޓެވެ. އެގޮތުން އިންސާނެއްގެ ހަޔާތުގެ ފުރަތަމަ 1،000 ދުވަހުގެ ތެރޭގައި އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިރާސާކުރެއްވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި ޔުނިސެފްގެ ނޭޝަނަލް ކޮންސަލްޓަންޓެއްގެ ގޮތުގައި ނިއުމާތު ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އަދި ރާއްޖޭގައި އާލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓާ ގުޅޭ ޑޮކިއުމެންޓޭޝަން މަސައްކަތުގައި ވެސް 2017 އަހަރު ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަންގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ކޯޑިނޭޓަރެއްގެ މަގާމުގައި ހުންނެވި އިރު، ނޭޝަނަލް ކަރިކިއުލަމް ފްރޭމްވޯކް ތައްޔާރުކޮށް، މުތާލިއާކޮށް ތަންފީޒުކުރުމުގެ މަސައްކަތް ވެސް އޭނާ ކުރެއްވި އެވެ. އަދި އާ ކަރިކިއުލަމް ތަންފީޒުކުރުމަށް އެހީތެރިވުމަށް ޓްރެއިނިން ޕެކޭޖުތައް ތަރައްގީކޮށް، ޕްރީސްކޫލް ޓީޗަރުންނަށް ޕްރީ ސާވިސް ތަމްރީނު ދީ، ޓިޗަރުންނާ ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންގޮސް ޕްރީ ސްކޫލްތަކާއި ޕްލޭ ސްކޫލުތަކާ ގުޅޭ ޕޮލިސީތަކާއި ގަވާއިދުތައް އެކުލަވާލުމުގައި ވެސް އޭނާ އަމަލީ ގޮތުން އިސްވެ އުޅުއްވި އެވެ.

އެ މަގާމުގައި ހުންނެވިއިރު، ފައުންޑޭޝަން ސްޓޭޖުގައި ބޭނުންވާ މެޓީރިއަލް ތައްޔާރުކޮށް ޓިޗަރުން ވެސް ތަމްރީނުކޮށްދެއްވާފައިވެ އެވެ. މީގެ އިތުރުން ގައުމީ ޔުނިވާސިޓީ އާއި، އިސްލާމިކް ޔުނިވާސިޓީ އާއި ވިލާ ކޮލެޖުގައި އުނގަންނައިދިނުމުގެ ދާއިރާ އާއި ސައިކޮލޮޖީގެ މޮޑިއުލްތައް ވެސް ކިޔަވާދެއްވައިފައިވެ އެވެ.

ނިއުމާތުގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ 2000 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ޕްރީސްކޫލެއް ގާއިމުކުރުމާއި، އަތޮޅުތަކުގައި ޓީޗަރުންގެ ކޭމްޕްތައް ބޭއްވުމާއި ޕޭރެންޓިންއާ ގުޅޭގޮތުން އެއް އަހަރު ދުވަހުގެ މުއްދަތަށް ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑާ ގުޅިގެން ކުރިއަށް ގެންދިޔަ "ފުރަތަމަ ފިޔަވަޅު" ކެމްޕޭން ކުރިއަށް ގެންދެވުމެވެ.

ނިއުމާތު ވެސް އެންމެ ހިތްހަމަޖެހިވަޑައިގަންނަވާ މަސައްކަތަކީ "ފުރަތަމަ ފިޔަވަޅު" ކެމްޕޭނާއި ހުރިހާ ރަށެއްގައި ޕްރީ ސްކޫލް ގާއިމުކުރުމުގެ މަސައްކަތް އޭނާ އިސްވެހުރެ ހިންގެވުނީތީ އެވެ.

ނިއުމާތު ވިދާޅުވީ "ފުރަތަމަ ފިޔަވަޅު" ކެމްޕޭނުގެ ސަބަބުން ބެލެނިވެރިން، ވަކިން ހާއްސަކޮށް ބައްޕައިން، ހޭލުންތެރިކުރެވުނު ކަމަށެވެ. އަދި ބައްޕައިން ކުދިންގެ ކަންކަމުގައި ބައިވެރިވުމަކީ "އައިބު" ކަމެއް ނޫންކަން ގަބޫލުކޮށްދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރީ ސްކޫލު ގާއިމުކުރުމުގެ މަސައްކަތުގައި އިސްކޮށް މަސައްކަތް ކުރެވި، ހުރިހާ ކުދިންނަށް އެ ފުރުސަތު ލިބިދިނުމުގައި ދައުރެއް އަދާކުރެވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ސުނާމީ ރިކަވަރީ ޕްރެޖެކްޓުގެ ދަށުން ޕްރީސްކޫލުތައް ގާއިމުކުރުމާއި، ސްކޫލުތައް އިމާރާތްކުރުމާއި އުނގެނުމާއި އުނގަންނައިދިނުމަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރުމަށް ކުރެއްވި މަސައްކަތުން 200 އަށް ވުރެ ގިނަ ވޯކްޝޮޕް ބާއްވައި، 200 އަށްވުރެ ގިނަ ޕްރީ ސްކޫލު ތަރައްގީކުރުމުގެ މަޝްރޫއުގެ ކަންކަން ވެސް ނިއުމާތު ބައްލަވާފައިވެ އެވެ.

ހަމައެއާއެކު ނިއުމާތު ވަނީ 1998 ވަނަ އަހަރުން މި އަހަރުގެ ނިޔަލަށް ގާލް ގައިޑް އެސޯސިއޭޝަންގައި ވެސް އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ. އޮމްބަޑްސްޕާސަންގެ މަގާމު ލިބިވަޑައިގެންނެވި އިރު ހުންނެވީ އެ އެސޯސިއޭޝަންގެ ކޮމިޝަނަރު ކަމުގެ މަގާމުގަ އެވެ.

ހަމަ އެ މުއްދަތުގައި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ޕްރޮގްރާމް ގާއިމުކޮށް، 19 އަތޮޅެއްގައި ސެންޓަރުތައް ގާއިމުކޮށް، ޓިޗަރުން ތަމްރީނު ކުރުމާއި ބެލެނިވެރިން އަހުލުވެރިކުރުމުގެ މަސައްކަތުގައި ވެސް އިސް ދައުރެއް އަދާކުރައްވާފައިވެ އެވެ.

ހަމައެއާއެކު އާލީ ޗައިލްޑްހުޑް އާ ގުޅޭގޮތުން ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަނަށް 2017 ވަނަ އަހަރު ވަނީ އާލީ ޗައިލްޑްހުޑް އެނގުނުމާ ގުޅޭ ވާހަކަތަކެއް ތައްޔާރުކޮށްދެއްވައިފަ އެވެ. އަދި 2015 ވަނަ އަހަރު ފައުންޑޭޝަން ސްޓޭޖަށް ޓީޗާސް ގައިޑަކާއި، ފައުންޑޭޝަން ސްޓޭޖުގެ ސިލަބަސް ތައްޔާރުކޮށްދެއްވާފައިވެ އެވެ.

ނިއުމާތަކީ ކުޑަކުދިންނަށް ފޮތް ލިޔުމުގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުވެސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ނުފޫޒުން އެއްކިބާވެގެންވާ ސާބިތުވެ ހުންނާނެ!

އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ނެގުނު ވޯޓުގެ ކުރިން މެމްބަރުން ނިއުމާތު ފާހަގަކުރެއްވީ ވަކި ފަރާތަކަށް ނުޖެހި، މިނިވަންކޮށް، ވަރަށް އިންސާފުވެރިކަމާއެކު މަސައްކަތް ކުރައްވާނެ ބޭފުޅެއްގެ ގޮތުގަ އެވެ.

ސަރުކާރުގައި 32 އަހަރު ހިދުމަތް ކޮށްދެއްވާފައި ވާއިރުވެސް، ނިއުމާތުގެ އެފަދަ އެއްވެސް މައްސަލައެއް ފެންނާކަށް ނެތެވެ. އަދި ކުޑަކުދިންނާ މެދު އިހުމާލުވުން ފަދަ އެއްވެސް ތުހުމަތެއް ވެސް ނިއުމާތު އާ މެދު ކުރެވިފައި ނުވާކަން މަޖިލީހުން ވެސް ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް ހަމަ އެގޮތުގައި، އެ ސާބިތުކަންމަތީ ކުރިއަށްވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ނިއުމާތު ވަނީ ދެއްވައިފަ އެވެ.

"އަޅުގަނޑަކީ، ފެށުނީއްސުރެ، އަޅުގަނޑުގެ ވަޒީފާގެ މުޅި ހަޔާތް ހޭދަކުރަމުން މި އައީ ކުޑަކުދީންނާ، ކުޑަކުދިންނާ ގުޅުންހުރު ކަންކަމުގައި. އެހެންވީމަ އަޅުގަނޑަށް ކުދިންގެ ކަންކަމުގައި މަސައްކަތް ކުރުމަކީ، އަޅުގަނޑު އެ މަސައްކަތް ކޮށްފައި ހުންނާނީ ވަޒީފާއެއްގެ ގޮތުގައެއް ނޫން. ކުދިންގެ ހައްގުގައި މަސައްކަތް ކޮށްފައި ހުންނާނީ އެކަމަށް ޝައުގުވެރިކަމެއް ހުންނާތީ. އެހެންވީމަ އަޅުގަނޑެއް ގަބޫލެއް ނުކުރަން، އަޅުގަނޑު މިހާތަނަށް އައި އިރު، ކުޑަކުދިންގެ ހައްގަކަށް އަރައިގަންނަ ހާލަތެއްގައި އަޅުގަނޑު ކޮޅަކަށް ލެނބިގެން އެއްވެސް ފަރާތެއްގެ ބާރެއްގެ ނުފޫޒަކުން އަޅުގަނޑު ބަދަލުވެދާނެ ކަމަކަށް. މިހާރު 32 އަހަރު މިވީ ސަރުކާރުގައި މަސައްކަތް ކުރާތާ. އޭރު ނުވި ކަމެއް މިހާރަކު ވެސް ނުވާނެ،" ނިއުމާތު ވިދާޅުވި އެވެ.

ގާނޫނަށް އަހުލުވެރި!

މިދިޔަ ނޮވެމްބަރު މަހު ތަންފީޒުކޮށް އަމަލުކުރަން ފެށި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަކީ ކުދިންގެ ގިނަ ހައްގުތަކެއް ބަޔާންވެ، އެ ހައްގުތަކަށް އިހުމާލުވާ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާ ގާނޫނެކެވެ.

ނިއުމާތު ވަނީ ގާލްގައިޑް އެސޯސިއޭޝަންގެ ފަރާތުން މި ސަރަހައްދުގެ މާސްޓާ ޓްރެއިނަރުން ތަމްރީނުކުރި އިރު އެ ގާނޫނާ ގުޅޭ ތަމްރީނު ފުރިހަމަކުރައްވައިފަ އެވެ. އަދި ކުޑަކުދިންގެ ހައްގުތަކާ ބެހޭ މުއާހަދާ ވުޖޫދުވެގެން އައި އިރު، އެ މުއާހަދާ ތަންފީޒުކުރުމުގައި ވެސް ޓްރެއިނާއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ގާލްގައިޑް ކުދިންނަށް ވެސް ތަމްރީނު ޕްރޮގްރާމުތައް ހިންގެވި އެވެ.

"އެހެންވީމަ މި ގާނޫނަކަށް ވެސް އަދި ކުޑަކުދިންގެ ހައްގުތަކާ ބެހޭ މުއާހަދާއަށް ވެސް އަޅުގަނޑު އަލެއް ނުވާނެ. އަޅުގަނޑަށް ހީވަނީ އެޑްވާންޓެޖެއް ހެން އެއީ،" ނިއުމާތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމާއެކު، މިހާރު އަމަލުކުރަން ފަށާފައިވާ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނު ވަރުގެ ގާނޫނެއް އައި ނަމަ، ވަރަށް ބޮޑުތަން ފަސޭހަވެގެން ދާނެ ކަމަށެވެ. އެހެން ނަމަވެސް މިހާރު އޮތް ފުރިހަމަ ގާނޫނަކާއެކު ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތް ފުޅާކޮށް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާނޫނެއް ވުޖޫދުވެ، ތަންފީޒުވަމުން ދިޔަ ނަމަވެސް، އެކަން ހިނގާ ނުހިނގާ ގޮތް ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެހެންކަމުން އޮމްބަޑްސްޕާސަންގެ އޮފީސް ގާއިމުކުރެވި، އެ އޮފީހުގެ މަސައްކަތް ފަށައިގަނެވެނީ ރަނގަޅު އިރުވަރެއްގައި ކަމަށް ވެސް ނިއުމާތު ދެކެވަޑައިގަންނަވަ އެވެ.

އޮމްބަޑްސްޕާސަންގެ އޮފީސް ގާއިމުކުރި ފަހުން މާގިނަ ދުވަހެއް ނުވެ އެވެ. އަދި އޮފީސް ގާއިމުކުރި އިރު ސަރުކާރު ބަންދުވެފައި އޮތުމުގެ ސަބަބުން، އޮފީހަށް ވަދެ ރަސްމީކޮށް މަސައްކަތް ފެށުނީ މި ހަފްތާގަ އެވެ. ނިއުމާތު ވިދާޅުވީ އޮފީހުގެ މަސައްކަތްތައް ފެށުމާއެކު، އެކުގައި މަސައްކަތް ކުރަންޖެހޭ ސަރުކާރުގެ ވުޒާރާތަކާ ބައްދަލުކޮށް، ސްޓްރެޓެޖީ ހެދުމާއި، ލިޔެކިޔުންތައް ހޯދައި ބޭސްލައިން އެކުލަވާލުމުގެ މަސައްކަތް ފަށައިގަނެވޭނެ ކަމަށެވެ.

"އުންމީދު މިކުރަނީ މާގިނަ ދުވަހެއް ނުވެ، ރައްޔިތުންނަށް ހިދުމަތް ކޮށްދެވޭނެ ވަރުގެ ތަނެއް އެސްޓަބްލިޝް ވެގެން ދާނެ،" ނިއުމާތު ވިދާޅުވި އެވެ.

ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމުގެ ދާއިރާއިން ކުރަން ހުރި މަސައްކަތްތައް ގިނަކަން ފާހަގަ ކުރައްވާ ނިއުމާތު ދެއްވި ޔަގީންކަމަކީ އެއީ ނުކުރެވޭނެ ކަންކަން ނޫން ކަމަށެވެ. އަދި ރާއްޖެ މިސްރާބު ޖަހާފައި ވަނީ ރަނގަޅު ދިމާލަކަށް ކަމަށާއި، ހެޔޮ ބަދަލެއް ގެނެވޭނެ ކަމުގެ ޔަގީންކަން އޮތްކަމުގެ އުންމީދު އޭނާ އާ ކުރައްވަ އެވެ. އޭނާގެ އެދުމަކީ ހުރިހާ ރައްޔިތުން ވެސް އޭނާއަށް އިތުބާރު ކުރައްވައި، އެންމެން އެކުގައި މަސައްކަތް ކުރުމެވެ. އޭރުން މައްސަލަތަކަށް ހައްލު ލިބޭނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

comment ކޮމެންޓް