ގްރޭޓާ މާލޭ ކުންފުނި އެޗްޑީސީއާ އެއްކޮށްލަން ނިންމައިފި

ޖީއެމްއައިޒެޑްއެލްގެ އެމްޑީ -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ގްރޭޓާ މާލެ އިންޓަންޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެއްކޮށްލުމަށް ސަރުކާރުން ނިންމަވައިފި އެވެ.

ޖީއެމްއައިޒެޑްއެލް އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ތިލަފުއްޓާއި ގުޅީފަޅު މެނޭޖްކުރުމަށް އުފެއްދި ކުންފުންޏެކެވެ. އަދި އެޗްޑީސީއަކީ ހަމައެކަނި ހުޅުމާލެ މެނޭޖް ކުރާ ކުންފުންޏެކެވެ.

ޖީއެމްއައިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާގިލި އިބޫ) މިއަދު "ސަން"އަށް ވިދާޅުވީ، އެ ދެކުންފުނި އެއްކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ކަން ފިނޭންސް މިނިސްޓްރީން މިހާރު އަންގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މިކަމާ ގުޅިގެން އިޖުރާއަތްތައް ފުރިހަމަ ކުރުމަށްޓަކައި ޖީއެމްއައިޒެޑްއެލްގެ ބޯޑު ބައްދަލުވުމެއް މާދަމާ ބާއްވަން ނިންމަވާފައިވާ ކަމަށެވެ.

"މަދަމާ ބޯޑު މީޓިންގައި އޮތީ ހީއްސާ ބައްދަލު ކުރުމާ ގުޅޭ ގޮތުން އަަސާސީ ގަވައިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން. މިއީ ދެ ކުންފުނި މާޖު ކުރުމައްޓަކައި ބާއްވާ ބައްދަލުވުމެއް،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބޭ ކަމަށެވެ.

ޖީއެމްއައިޒެޑްއެލް އެޗްޑީސީއާ އެއްކޮށްލާއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް މީގެ ކުރިން ފެންމަތިވެފައިވެ އެވެ.

އިބޫއަށް ތުހުމަތު ކުރަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް މަންފާ ލިބޭގޮތަށް ޖީއެމްއައިޒެޑްއެލްގެ އިހްތިސާސްތެރޭގައި ހިމެނޭ ތިލަފުށި ފަޅުތެރޭގައި ވެރިއަކު ނެތި އޮތް ބޯޓެއް ނައްތާލުމަށް ބަޔާކާ ހަވާލު ކުރި މައްސަލަ އެެވެ. ނަމަވެސް އޭނާ އެކަން ދޮގު ކުރައްވަ އެވެ.

އެމައްސަލަ ބެލި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒަސް ކޮމިޓީއިން ނިންމާފައިވަނީ، ބޯޓު ނައްތާލުމަށް ޖީއެމްއައިޒެޑްއެލްއިން ސީހޯމް ސަފަޔާ ކުންފުންޏާ ހަވާލު ކުރި މައްސަލަައިގައި އިހުމާލުވި އެންމެންނަށް ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ލަފާ އެރުވުމަށެވެ.

https://sun.mv/127158

ބޯޓުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އާއި އޮޑިޓް އޮފީހުންވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ބޯޓުގެ މައްސަލައިގައި ޖީއެމްއައިޒެޑްއެލް އިން މަކަރާ ހީލަތް ހެދި ކަމަށް ބުނެ، ބޯޓުގެ ވެރިފާތުން ކަމަށް ބުނާ، ޕާކްވަން ކުންފުނިން ވަނީ ބަދަލުގެ ގޮތުގައި 708،511 ޑޮލަރު (10.9 މިލިއަން ރުފިޔާ) ހޯދުމަށް ކޯޓުގައި ދައުވާ ކޮށްފަ އެވެ. ނަމަވެސް އިބޫ ވިދާޅުވި ގޮތުގައި ޖީއެމްއައިޒެޑްއެލް އިން މި މައްސަލައިގައި ދޭން ޖެހޭނެ އެއްވެސް ބަދަލެއް ނޯންނާނެ އެވެ. އެ މައްސަލަ އަދި އޮތީ ސިވިލް ކޯޓުގަ އެވެ.

comment ކޮމެންޓް