ކަމަދޫ ހޯމް ކަރަންޓީނުގައި ހުރި އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ބ. ކަމަދޫ -- (ފޮޓޯ/ކަމަދޫ ފޭސްބުކް/ރުޝްދާން)

ބ. ކަމަދޫގައި ހޯމް ކަރަންޓީނުގައި ހުރި އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ކަމަދޫ ކައުންސިލް މެންބަރަކު "ސަން" އަށް ވިދާޅުވީ އެރަށުން ޕޮޒިޓިވްވެފައިވަނީ މެދު އުމުރެއްގެ ދިވެއްސެއް ކަމަށެވެ. އެ މީހާ ޕޮޒިޓިވްވެފައިވަނީ 14 ދުވަހުގެ ކަރަންޓީނު ނިންމުމަށްފަހު ހެދި ޓެސްޓުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކަމަދޫއިން ޖުލައި 30 ވަނަ ދުވަހު ވެސް ވަނީ މީހަކު ޕޮޒިޓިވްވެފަ އެވެ.

"ޕޮޒިޓިވް ވި ދެ ފަރާތް އަދި އާއިލާގެ އިތުރުން ރަށުގެ ރައްޔިތުންވެސް ދަނީ ވަރަށް ރަނގަޅަށް އެއްބާރުލުން ދެމުން. އެ ދެ ބޭފުޅުންގެ ހާލުވެސް އިރާދަކުރެއްވީތީވެ ރަނގަޅު. ދެން އަޅުގަނޑުމެންވެސް މިދަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ރަނގަޅަށް މޮނިޓާ ކުރަމުން،" ކައުންސިލް މެންބަރު ވިދާޅުވި އެވެ.

ކަމަދޫގައި މިވަގުތު ދެ ގެޔެއް ކަރަންޓީނު ކުރެވިފައިވާއިރު އެންމެ ފަހުން ޕޮޒިޓިވް ވި ފަރާތް ދިރިއުޅެމުން ދާ ގޭގައި އިތުރު މީހަކު ނޫޅޭކަމަށް ކައުންސިލު މެންބަރު ވިދާޅުވި އެވެ.

މީގެ ކުރިންވެސް އެކި ރަށްރަށުގައި ހޯމް ކަރަންޓީނު ފުރިހަމަކުރަމުން ދިޔަ މީހުން ދޫކޮށްލުމުގެ ކުރިން ނެގޭ ސާމްޕަލްތައް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އެގޮތުން ފާއިތުވެދިޔަ 24 ގަޑިއިރުތެރޭ އައްޑޫ ސިޓީގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އަދި މިއަދު އ.ދ. މަހިބަދޫއިން މާލެ ގެނައި މީހަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 4898 އެވެ. އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 2088 ގަ އެވެ.

comment ކޮމެންޓް