މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފައިވަނީ މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ވިއްސާރަކުރުން އެކަށީގެންވާ ކަމަށެވެ. އެގޮތުން މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.
މެޓް އޮފީހުން އެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ ހެނދުނު 07:35 އިން ހެނދުނު 11:45 އާ ހަމައަށެވެ. ޔެލޯ އެލާޓް ނެރެފައިވާ މުއްދަތުގައި އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ.
އެ ސަރަހައްދުތަކަށް ވައި ގަދަ ވާނެ ކަމަށާއި ގަޑިއަކު 50 މޭލާ ހަމައަށް ވައި ޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
މެޓް އޮފީހުން ބުނެފައިވަނީ މެދުރާއްޖެއާއި ދެކުނުގެ ސަރަހައްދުތަކަށްވެސް ކެރީގެ އަަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އެހެން ހިސާބުތަކަށް އާންމުގޮތެއްގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ.
މެދުރާއްޖެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވުމުން ބައެއް ސަރަހައްދުތަކަށް އުދަ އެރުމަކީ އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.