އާމްދަނީއަށް އަސަރުކުރި 8,488 މީހަކަށް 35.1 މިލިއަން ރުފިޔާ ދޫކޮށްފި

މާލޭގެ ފިހާރައެއް ކައިރީގައި ބަޔަކު ކިއު ހަދައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ސަބަބުން ވަޒީފާ ގެއްލުނު އަދި އާމްދަނީ އަށް އަސަރު ކުރި 8،488 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި ޖުމްލަ 35.1 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އެންމެ މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ.

އެ ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ. އިންކަމް ސަޕޯޓް އެލަވެންސް ދެނީ މާޗު މަހުގެ އެކަކުން ފެށިގެން، ކޮވިޑް-19ގެ ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތަކަށައި އަދި މުސާރަ ނުލިބޭ ގޮތަށް ނޯ ޕޭ ލީވްއަށް ފޮނުވާ ލެވިފައިވާ މީހުންނަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކުރެވިފައިވާ ފަރާތްތަކަށެވެ.

މި އުސޫލުގެ ދަށުން އެލަވެންސް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް، މޭ އަދި ޖޫން މަހަށެވެ.

އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އިންކަމް ސަޕޯޓު އެލަވެންސް ދިނުމަށް ބޭނުންވާ މާލީ އެހީތެރިކަން ބެރުގެ ބައެއް މާލީ އިދާރާތަކުން ވަނީ ފޯރުކޮށްދީފަ އެވެ.

comment ކޮމެންޓް