ލިޔެކިޔުން ނެތް 4،300 ބިދޭސީން ފޮނުވާލައިފި

ޖުލައި 19، 2020: ބިދޭސީން އަނބުރާ ގައުމަށް ފުރުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލިޔެކިޔުން ނެތް 4،300 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު މިރޭ ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުނޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލަނީ ބަންގްލަދޭޝް ސަރުކާރާ ގުޅިގެން ކަމަށެވެ. އަދި ގަދަކަމުން ބިދޭސީން ފޮނުވާލެވޭނެ ހާލަތެއް މިވަގުތު ނެތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ މަހުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 4،300 ބިދޭސިން އަނބުރާ ފޮނުވާލިއިރު، ގަވާއިދަށް އުޅޭ މީހުންގެ ތެރެއިން އަނބުރާ ގައުމަށްދާން ބޭނުން 1،600 މީހުންވެސް ފޮނުވާލެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިމަހުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން އަނބުރާ ފޮނުވާލުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. ޓާގެޓަކީ މިއަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސިން ފޮނުވާލުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދު މި ކުރަނީ ކޮވިޑްގެ ހާލަތު ރަނގަޅުވެއްޖެނަމަ މި އަހަރުގެ ނިޔަލަށް 20،000 މީހުން ފޮނުވާލެވޭނެ ކަމަށް. އެއީ ޓާގެޓަކީ. ނުވެދާނެ. އެކަމަކު ގަދައަޅާ މަސައްކަތް މިކުރަނީ ޓަގެޓަށް ވާސިލް ވެވޭތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 އެއްހައި ބިދޭސިން އުޅޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

މޯލްޑިވިއަންގެ ރިޕެޓްރިއޭޝަން ފްލައިޓުތަކުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓެއްގަ އާއި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެފަހަރެއްގެ މަތިން ވަނީ އެ ގައުމުގެ ރައްޔިތުން ފުރުވާލައިފަ އެވެ.

comment ކޮމެންޓް