ދިއްފުށި އީދު ފޯރި ފުޓްސަލް މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލައިފި

ދިއްފުށީގައި އޭޑީޑީއިން އިންތިޒާމު ކޮށްގެން ބޭއްވި ފުޓްސަލް މުބާރާތުގެ ތެރެއިން --- ފޮޓޯ//އޭޑީޑީ

ކ. ދިއްފުށީގައި އީދު ކުލަގަދަ ކުރުމުގެ ގޮތުން އެ ރަށުގައި ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ އީދު ފޯރީގެ ދަށުން ބޭއްވި އަންހެން އަދި ފިރިހެން ފުޓްސަލް މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

މިފަހަރުގެ ބޮޑު އީދާ ދިމާކޮށް ދިއްފުށީގެ އެސޯސިއޭޝަން ފޯރ ދިއްފުށި ޑިވެލޮޕްމެންޓް (އޭޑީޑީ) އިން އިސްނަގައިގެން ފޯރިގަދަ ހަރަކާތްތަކެއް ހިންގާފައިވާ އިރު އެ ރަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ވާދަވެރި ފުޓްސަލް މުބާރާތެއް ވަނީ ބާއްވައިފަ އެވެ. އަންހެން އަދި ފިރިހެން ދެ ޑިވިޝަނަކަށް ބޭއްވި މި މުބާރާތް މިދިޔަ މަހުގެ 31 ގައި ފެށި އިރު ފައިނަލް މެޗުތައް ކުޅެފައި ވަނީ މި މަހުގެ ތިންވަނަ ދުވަހު އެވެ.

ދިއްފުށީގައި އޭޑީޑީއިން އިންތިޒާމު ކޮށްގެން ބޭއްވި ފުޓްސަލް މުބާރާތުގެ ތެރެއިން --- ފޮޓޯ//އޭޑީޑީ

ވާދަވެރި ގިނަ މެޗުތަކެއް ފެނިގެން ދިޔަ އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ޖުމުލަ ހަ ޓީމަކުން ބައިވެރިވި އިރު މުބާރާތް ކުރިއަށް ގެންދިޔައީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެ މުބާރާތުގެ ފައިނަލުގައި އެފްސީ ބްލޭޒް 3-5 އިން ބަލިކޮށް ޗެމްޕިއަންކަން ހޯދީ އެފްސީ ސެންހޮކުންނެވެ.

އަންހެން ޑިވިޝަނުގެ ފައިނަލުގައި އެފްސީ ޒޫން ބަލިކޮށް އެފްސީ ލަޒާނިއާ ޗެމްޕިއަންކަން ހޯދީ 3-4 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ދިއްފުށީގެ ތާރީހުގައި ވެސް މުޅިން އަލަށް މި މުބާރާތުގެ މެޗުތައް ފޭސްބުކް ލައިވް މެދުވެރިކޮށް ގެނެސްފައިވާ އިރު މުބާރާތް ނިންމުމަށްފަހު ވަނީ ގަދަ ފަހެއް ހޮވައި އިންޑިވިޖުއަލް އިނާމުތައް ވެސް ދީފަ އެވެ.

އެގޮތުން ފިރިހެން ޑިވިޝަނުގެ ގަދަފަހެއްގައި ހިމެނިފައިވަނީ އެފްސީ ސެންހޮކުގެ ހަތަރު ކުޅުންތެރިން ކަމަށްވާ ޒައިން ޒަފަރު، އިބްރާހިމް މާއިޝް، އަލީ ރަޝީދު އަދި ހުސައިން އަޔާޒުގެ އިތުރުން އެފްސީ ބްލޭޒްގެ ރިލްވާން ރަޝީދު އެވެ.

ދިއްފުށީގައި އޭޑީޑީއިން އިންތިޒާމު ކޮށްގެން ބޭއްވި ފުޓްސަލް މުބާރާތުގެ ތެރެއިން --- ފޮޓޯ//އޭޑީޑީ

އެ މުބާރާތުގެ އެންމެ އަގުބޮޑު ކުޅުންތެރިއަކަށް އެފްސީ ސެންހޮކުގެ ޒައިން ޒަފަރު ހޮވުނު އިރު އެންމެ ގިނަ ގޯލު ޖަހައިގެން ޓޮޕް ސްކޯރާގެ މަގާމުވެސ ހޯދީ އޭނާ އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް އެފްސީ ލިވިކް ހޮވުނު އިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސެންހޮކުގެ ޝިހާދު އަހުމަދު އެވެ.

އަންހެން ޑިވިޝަނުގެ ގަދަ ފަހެއްގައު ހިމެނިފައިވަނީ ޗެމްޕިއަން އެފްސީ ލަޒާނިއާގެ މަރިޔަމް ނިޒުލީއާއި އެ ޓީމުގެ ފާތިމަތު ނަޒީހާ އަދި ރަނަރަޕް ޓީމުގެ ހައްވާ ޒައީމާއާއި ހައްވާ ރިޖުލާގެ އިތުރުން އެފްސީ ފަރި ކަނބަލުން ޓީމުގެ ފާތިމަތު މުޒުނާ އެވެ.

ދިއްފުށީގައި އޭޑީޑީއިން އިންތިޒާމު ކޮށްގެން ބޭއްވި ފުޓްސަލް މުބާރާތުގެ ތެރެއިން --- ފޮޓޯ//އޭޑީޑީ

އަންހެން ޑިވިޝަނުގެ އެންމެ އަގުބޮޑު ކުޅުންތެރިއަކަށް ޗެމްޕިއަން ލަޒާނިއާގެ މަރިޔަމް ނިޒުލީ ހޮވުނު އިރު އޭނާ ވަނީ ޓޮޕް ސްކޯރާގެ މަގާމުވެސް ހޯދައިފަ އެވެ. މީގެ އިތުރުން ފެއާ ޕްލޭ ޓީމަކަށް އެފްސީ ފަރިކަނބަލުން ހޮވުނު އިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެފްސީ ލަޒާނިއާގެ އިބްރާހިމް ރަޝީދު އެވެ.

comment ކޮމެންޓް