މައިކްރޮސޮފްޓް ބޭނުންވަނީ ޓިކްޓޮކް ގަންނަން

މިހާރު އެންމެ މަގުބޫލު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓިކްޓޮކް"ގެ މުސްތަގުބަލު އެމެރިކާގައި ނޭނގޭއިރު މަޝްހޫރު ޓެކް ކުންފުނި ކަމަށްވާ މައިކްރޮސޮފްޓް އިން އެ ޕްލެޓްފޯމް ގަންނަން މަސައްކަތް ފަށައިފި އެވެ.

ޗައިނާގެ އުފެއްދުމެއް ކަމަށްވާ ޓިކްޓޮކް އެމެރިކާގައި މަނާކުރާނެ ކަމަށް އެގައުމުގެ ރައީސް ޑޯނަލްޑް ޓްރަމްޕް ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.

ޓިކްޓޮކް އަކީ އެމެރިކާގައި މިވަގުތު އެންމެ ހަލުވި ކަމާއެކު ޔޫސާބޭސް އިތުރުވަަމުންދާ އެއް ޕްލެޓްފޯމެވެ. އެގޮތުން އެމެރިކާގައި އެކަނިވެސް މަހެއްގެ މައްޗަށް 80 މިލިއަނަށްވުރެ ގިނަ އެކްޓިވް ޔޫޒަރުން ތިބޭ ކަމަށް މައުލޫމާތު ލިބެ އެވެ.

އެހެންކަމުން އެމެރިކާގެ ކުންފުންޏެއް ކަމަށްވާ މައިކްރޮސޮފްޓް އިން މަސައްކަތް ކުރަމުންދަނީ ޓިކްޓޮކް އެގައުމުގައި ބޭނުންކުރެވޭނެ ގޮތެއް ހޯދުމަށެވެ. އެއިން އެއް ކަމަކީ އެ ޕްލެޓްފޯމް ގަތުމެވެ.

މައިކްރޮސޮފްޓް އިން ބުނެފައިވަނީ އެކުންފުނިން ދަނީ ޓިކްޓޮކް ގަތުމާ ގުޅޭގޮތުން އެކުންފުންޏާއެކު މަޝްވަރާތައް ކުރަމުން ކަމަށެވެ. އަދި މިއަންނަ މަހުގެ 15ގެ ކުރީން އެ މަޝްވަރާތައް ނިމޭނެ ކަމަށް އުއްމީދުކުރާ ކަމަށް މައިކްރޮސޮފްޓް އިން ވަނީ ބުނެފަ އެވެ.

ޓްރަމްޕް ވަނީ އެމެރިކާގައި ޓިކްޓޮކް ބޭނުންކުރެވޭނެ އެންމެ ފަހުގެ ތާރީހެއް ކަނޑައަޅުއްވާފަ އެވެ. އެގޮތުން އަންނަ މަހުގެ 15 އިން ފެށިގެން އެކުންފުންޏަކީ އެމެރިކާ "އައުޓް އޮފް ބިޒްނަސް" ކުންފުންޏަކަށް ވާނެ ކަމަށް ޓްރަމްޕް ހާމަކުރައްވާފައިވެ އެވެ. ނަމަވެސް އޭގެކުރީން އެމެރިކާގެ ކުންފުންޏަކުން އެ ޕްލެޓްފޯމު ގަނެފި ނަމަ އެ ޕްލެޓްފޯމް އެމެރިކާގައި ބޭނުންކުރެވޭނެ ކަމަށްވެސް ވަނީ ހާމަކުރައްވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް