އެމެރިކާގައި ތިން ހޮޓް އެޔާ ބެލޫން ވެއްޓި، 20 މީހަކަށް އަނިޔާވެއްޖެ

އެމެރިކާގެ ވަޔޯމިންގައި ދަތުރު ކުރަމުން ދިޔަ ތިން ހޮޓް އެޔާ ބެލޫން ވެއްޓި، އޭގައި ތިބި ބައެއް މީހުންނަށް ވަނީ އަނިޔާވެފަ -- ފޮޓޯ: އޭޕީ

ޖެކްސަން (އޮގަސްޓް 5): އެމެރިކާގެ ވަޔޯމިންގައި ދަތުރު ކުރަމުން ދިޔަ ތިން ހޮޓް އެޔާ ބެލޫން ވެއްޓި، 20 މީހަކަށް އަނިޔާވެއްޖެ އެެވެ.

ފޮކްސް ނިއުސްއިން ރިޕޯޓު ކުރި ގޮތުގައި 36 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ އެ ތިން ހޮޓް އެޔާ ބެލޫން ވެއްޓުނީ ކުއްލިއަކަށް ވައިގެ މިސްރާބު ބަދަލުވުމުން ކަމަށް ބެލެވެ އެވެ. އަދި އެ ހާދިސާގައި އޭގައި ތިބި މީހުންނަށް އެކިވަރުގެ އަނިޔާތައްވި އެވެ.

ވަޔޯމިންގެ އޮފިޝަލަކާ ހަވާލާދީ ފޮކްސް ނިއުސްއިން ބުނި ގޮތުގައި އެ ހާދިސާގައި 16 އާއި 20އާ ދެމެދުގެ އަދަދަކަށް މީހުންނަށް އަނިޔާވި އެވެ. އަދި އޭގެ ތެރެއިން 11 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދިނެވެ.

އެ ތިން ހޮޓް އެޔާ ބެލޫން ވެސް ނިސްބަތް ވަނީ އެއް ކުންފުންޏަކަށް ކަމަށާއި އެހާދިސާ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް