ސޯލާ ޕެނެލްތަކުން އުފައްދާ ކަރަންޓު ސްޓެލްކޯ އިން ގަންނަން ފަށައިފި

މާލެ އަތޮޅު ހަ ރަށެއްގައި އަވިން ހަކަތަ އުފައްދުމުގެ ޕްރޮޖެކްޓު ނުވަތަ ސިކްސް އައިލެންޑް ސޯލާ ޕްރޮޖެކްޓުގެ ދަށުން ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުން އުފައްދާ ހަކަތަ ސްޓެލްކޯ އިން ގަންނަން ފަށައިފި އެވެ.

ސްޓެލްކޯ ގްރިޑަށް މިއަދު ގަންނަން ފަށާފައި ވަނީ ވިލިމާލޭ މުހިއްޔުއްދީން ސްކޫލުގެ ފުރާޅުގައި ހަރުކުރެވިފައިވާ ސޯލާ ޕެނަލްތަކުން އުފެއްދޭ ކަރަންޓެވެ. އެއީ ސިކްސް އައިލެންޑް ސޯލާ ޕްރޮޖެކްޓުން ސޯލާ އެނާޖީ ގަތުމަށް ސްޓެލްކޯ އިން ހިންގާ ޕްރޮޖެކްޓުގެ ފުރަތަމަ ސައިޓު ކަމަށް އެކުންފުނިން ބުނެ އެވެ.

ސްޓެލްކޯ އިން މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ރިނިއުބަލް އެނާޖީ މޯލްޑިވެސް (އާރް އީ އެމް) އާ އެކު އެގްރީމަންޓް ކޮށްގެނެވެ. އަދި އެއީ ރާއްޖޭގައި އިންޑިޕެންޑެންޓް ޕަވާ ޕްރޮޑިއުސާއެއް މެދުވެރިކޮށް ހަކަތަ ގަތުމުގެ އެގްރީމަންޓެއްގެ ދަށުން އިއާދަކުރަނިވި ހަކަތަ ޔުޓިލިޓީއެއް ގްރިޑަށް ގަންނަން ފެށޭ ފުރަތަމަ ފަހަރެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ސިކްސް އައިލެންޑް ސޯލާ ޕްރޮޖެކްޓުން ސޯލާ އެނާޖީ ގަތުމަށް ސްޓެލްކޯ އިން ހިންގާ ޕްރޮޖެކްޓުގެ ދަށުން ވިލިމާލޭގެ އިތުރުން މާލޭ އަތޮޅު ފަސް ރަށެއްގައި 652 ކިލޯ ވޯޓުގެ ސޯލާ ޕެނަލްތައް ހަރުކޮށް، އެ ޕެނަލްތަކުން އުފުއްދާ ކަރަންޓު އެ ކުންފުނީގެ ގްރިޑަށް ގަންނާނެ ކަމަށެވެ.

އެގޮތުން މާފުށި، ގުރައިދޫ ހިންމަފުށި އަދި ކާށިދޫގެ އިތުރުން ތުލުސްދޫގައި ސޯލާ ޕެނަލްތައް ހަރުކުރަން ނިންމާފައިވާ ކަމަށާއި ކޮންމެ ރަށެއްގައި ގާއިމްކުރެވޭނީ އެ ރަށެއްގައި އެންމެ ގިނައިން ކަރަންޓު ބޭނުން ބޭނުންކުރާ ވަގުތެއްގައި ނަގާ ލޯޑުގެ 30 ޕަސެންޓަށް ބަލައިގެން އެ ސައިޒުގެ ސޯލާޕެންލްތައް ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އިން އިތުރަށް ބުނީ ސޯލާ ޕެނަލްތަކުން އުފައްދާ ހަކަތަ ގަތުމަށް އެ ކުންފުނިން މިއަދު އިފްތިތާހު ކުރި ޕްރޮޖެކްޓަކީ ކާބަން ނިއުޓަރަލް ގައުމަކަށް ވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލް ކުރުމަށް ސްޓެލްކޯގެ ފަރާތުން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު