ޔާމީނާއި ގާސިމް ހައްޔަރުކުރުމަށް ގޮވާލާ އެމްޑީޕީން އަނެއްކާ ވެސް މުޒާހަރާކޮށްފި

19:00


ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި މުލަކު ދާއިރާގެ މެމްބަރު ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ގޮވާލާ އެމްޑީޕީން އަނެއްކާ ވެސް މުޒާހަރާކޮށްފި އެވެ.


އެ ދެ ބޭފުޅުން ޖަލު ބަންދުގައި ބެއިތިއްބުމުގެ މުއްދަތު އިތުރުކުރުމަށް ޖިނާއީ ކޯޓަށް ރޭ ހާޒިރުކުރައްވާފައި ވަނިކޮށް ވެސް އެމްޑީޕީގެ ސަޕޯޓަރުން ވަނީ ޖަސްޓިސް ބިލްޑިންގް ކައިރިއަށް އެއްވެ މުޒާހަރާކޮށްފަ އެވެ.


ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންނަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޔާމީނާއި ގާސިމް، ގޭބަންދުގައި ބައިތިއްބައިގެން ތަޙްޤީޤް ކުރިއަށް ގެންދިއުމަށް ޖިނާއީ ކޯޓުން ރޭ ވަނީ ފުލުހުންނަށް އަންގައިފަ އެވެ. އެހެންކަމުން، މިއަދު އަނެއްކާ ވެސް އެމްޑީޕީން ވަރުގަދަ މުޒާހަރާއެއް ކޮށްފައި މިވަނީ، ޔާމީނާއި ގާސިމް މިނިވަން ކުރެއްވުމަށާއި، މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވޭނެ ގޮތް ހަމަޖެއްސެވުމަށް އިދިކޮޅު ފަރާތްތަކުން ކޯޓުގައި ކުރި މަސައްކަތްތައް ކާމިޔާބުވުމުންނެވެ.


މިއަދު ހަވީރު ސޯޝަލް ސެންޓަރުން ފެށި މި މުޒާހަރާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންނާއި، ކެބިނެޓުން އިސްތިއުފާ ދެއްވާފައިވާ ވަޒީރުންގެ އިތުރުން އެ ޕާޓީގެ ގިނަ އަދަދެއްގެ އެކްޓިވިސްޓުން ބައިވެރިވެ، ޔާމީނާއި ގާސިމް ހައްޔަރުކުރުމަށް ގޮވާލާފައިވެ އެވެ.


އެމްޑީޕީގެ ދިދައާއި ގައުމީ ދިދައިގެ އިތުރުން، މަޖިލީހުގެ އިދިކޮޅު މެމްބަރުންނަށް ނިސްބަތްކޮށް ނުރުހުމުގެ ބަސްތައް ލިޔެ ތައްޔާރުކޮށްފައިވާ ބޯޑުތައް ހިފައިގެން ތިބި މުޒާހަރާގެ ބައިވެރިން ވަނީ، މަޖިލީހުން ކޮރަޕްޝަން ނައްތާލުމަށް ތަކުރާރުކޮށް ގޮވާލާ އަޑުގަދަކޮށްފަ އެވެ. އަދި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ޕާޓީގެ މެމްބަރުންގެ އިސްތިއުފާއަށް ވެސް ގޮވާލާފައިވެ އެވެ.


އާޓިފިޝަލް ބީޗް ސަރަހައްދަށް މި މުޒާހަރާ ނިންމާލުމަށްފަހު، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނާއި އަދި ކެބިނެޓުން އިސްތިއުފާ ދެއްވި ބައެއް ވަޒީރުން ވަނީ ވާހަކަ ދައްކަވާފަ އެވެ. އެ މެންބަރުން ދެއްކެވި ވާހަކައިގައި އެމްޑީޕީން ކުރިއަށް ގެންދާ މި މުޒާހިރާ އަކީ ސިލްސިލާ މުޒާހަރާތަކެއް ކަމަށާއި މިޤައުމުން ކޮރަޕްޝަން ފޮހެލެވެންދެން މުޒާހިރާތައް ކުރިއަށް ގެންދާނެ ކަމަށްވެސް އެ މެންބަރުން ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު