ޒުވާނުންގެ މެދުގައި މިހާރު އެންމެ މަޝްހޫރު އެއް ވީޑިއޯ ޝެއަރިން ޕްލެޓްފޯމް ކަމަށްވާ "ޓިކްޓޮކް" އެމެރިކާގައި ބޭނުންކުރުން މަނާކުރަން އެގައުމުގެ ރައީސް ޑޯނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.
ޓިކްޓޮކް ހިމެނޭގޮތަށް ޗައިނާގެ 59 އެޕްލިކޭޝަނެއް ބޭނުންކުރުން އިންޑިއާގައި ވަނީ ދާދި ފަހުން މަނާކޮށްފަ އެވެ.
ޗައިނާގެ އުފެއްދުމެއް ކަމަށްވާ ޓިކްޓޮކް އެމެރިކާގައި މަނާކުރުމާމެދު ވިސްނަވާ ކަމަށް ޓްރަމްޕް ވަނީ މީގެކުރިން ވެސް ހާމަކުރައްވާފަ އެވެ. ނަމަވެސް މީގެކުރިން އެކަމަށް ވަކި ގޮތެއް ނުނިންމަވަ އެވެ.
ދާދި ދެންމެއަކު ރައީސް ޓްރަމްޕް ހާމަކުރައްވާފައިވަނީ މިއަދުގެ ކޮންމެވެސް ވަގުތެއްގައި އެ އެޕްލިކޭޝަން ބޭނުންކުރުން މަނާކުރުމަށް އެގްޒެކިއުޓިވް އޯޑަރު ދެއްވާނެ ކަމަށެވެ.
އެމެރިކާގެ ސެކިއުރިޓީ އޮފިޝަލުން ވަނީ ޓިކްޓޮކްއާ ގުޅޭގޮތުން މީގެކުރީން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެގޮތުން އެމެރިކާގެ އާންމުންގެ ޒާތީ މަައުލޫމާތުތައް އެއްކޮށް އެ މައުލޫމާތުތައް ބޭނުންކުރަމުންދާ ކަމަށް ސެކިއުރިޓީ އޮފިޝަލުން ވަނީ ފާހަގަކޮށްފަ އެވެ.
ޓިކްޓޮކް އަކީ އެމެރިކާގައި މިވަގުތު އެންމެ ހަލުވި ކަމާއެކު ޔޫސާބޭސް އިތުރުވަަމުންދާ އެއް ޕްލެޓްފޯމެވެ. އެގޮތުން އެމެރިކާގައި އެކަނިވެސް މަހެއްގެ މައްޗަށް 80 މިލިއަނަށްވުރެ ގިނަ އެކްޓިވް ޔޫޒަރުން ތިބޭ ކަމަށް މައުލޫމާތު ލިބެ އެވެ.
އެމެރިކާގެ ނިންމުމާ ގުޅިގެން ޓިކްޓޮކްގެ ސްޕޯކްސްޕާސަން ހިލަރީ މެކުއޭޑް ވިދާޅުވީ އަދިވެސް ކުންފުނީގެ މުސްތަގުބަލަށް ބަލާނަމަ ކާމިޔާބު ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.