މަރުވެގެން ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މެއި 28، 2020: މަޗީދީމަގުގައި އެމްބިއުލައިންސް ހަރަކާތްރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭގެ ވަގުތެއްގައި މަރުވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނީ އުމުރުން 29 އަހަރުގެ ބަންގްލަދޭޝް ރައްޔިތަކު މަރުވެގެން ރޭގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ކޮވިޑް-19 އަށް އޭނާ ޓެސްޓް ކުރުމުން، އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ، އޭނާ ހޮސްޕިޓަލަށް ގެނައި މީހުންނާ ސުވާލުކުރުމުން އޭނާގެ ފަރާތުން ކޮވިޑް-19ގެ ބަލީގެ އަލާމާތެއް ފެނިފަ ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެނައީ އޭނާ ދިރިއުޅެމުން ދިޔަ ތަނުގެ ތެރޭގައި ވެއްޓިފާ އޮއްވައި ފެނިގެން ކަމަށް އެ މީހުން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ، މަރުވި ފަހުން އެ މީހާ ވައިރަހަށް ޕޮޒިޓިވްވެފައިވާތީ،މީހާއަކީ ކޮވިޑް-19ގެ މަރެއްގެ ގޮތުގައި ނުބަލާނެ ކަމަށެވެ.

އެމީހާ މަރުވި ސަބަބު އެނގޭނީ އޮޓޯޕްސީ ހެދުމުން ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑް-19 ޖެހިގެން އިއްޔެ ވެސް ވަނީ އުމުރުން 71 އަހަރުގެ ދިވެހި އަންހެނަކު މަރުވެފަ އެވެ. އެއާއެކު ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 16 އަށް އަރާފަ އެވެ.

comment ކޮމެންޓް