ކަމަދޫއިން ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ބ. ކަމަދޫ -- ފޮޓޯ: ބުކިން.ކޮމް

ބ. ކަމަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ތަސްލީމާ އުސްމާން ވިދާޅުވީ ޕޮޒިޓިވްވީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ.

އަދި އޭނާ ޕޮޒިޓިވްކަން އެނގުނީ ހޯމް ކަރަންޓީނުގެ މުއްދަތު ހަމަވެ، އޭނާ ދޫކޮށްލަން ކުރި ޓެސްޓުން ކަމަށެވެ.

މިހާތަނަށް ބ. އަތޮޅުގެ ތިން ރަށަކާއި ރިސޯޓަކުން ޕޮޒިޓިވް ކޭސްތައް ވަނީ ފެނިފައެވެ. އެގޮތުން އޭދަފުށީ ހޯމް ކަރަންޓީނުގައި ތިބި ދެ ބިދޭސީއަކާއި، ހިތާދޫގައި ހޯމް ކަރަންޓީނުވި މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.

މި ރަށްތަކުގެ އިތުރުން ރޭ އެޗްޕީއޭއިން ބުނެފައި ވަނީ މިވަގުތު ސޮނޭވާ ޖާނީ (ނ. މެދުފަރު)، ރ. އިނގުރައިދޫ، ސީސައިޑް ފިނޮޅު (ބ. ކަނުފުށި)، ޅ. ކުރެންދޫ އަދި ކ. މާފުށީގައި ވެސް އެކްޓިވް ކޭސްތަކެއް ހުރި ކަމަށެވެ.

މީގެ ކުރިންވެސް އެކި ރަށްރަށުގައި ހޯމް ކަރަންޓީނު ފުރިހަމަކުރަމުން ދިޔަ ބަޔަކު ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުތަކުގެ ނަތީޖާ ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މާލެއިން ރަށްރަށަށް ދާ މީހުންނަށް ރަށުތެރެއަށް ނިކުމެވެނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް ކޮވިޑް ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.

comment ކޮމެންޓް